އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށް، އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލް އަނެއްކާވެސް މެންޗެސްޓާ ސިޓީގެ ކުރިއަށް ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާ އިރު، އެޓީމު އެއްވަނައިގައި އޮތީ 34 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީއަށް 32 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ސިޓީ އާސެނަލަށްވުރެ ދެ މެޗު މަދުން ކުޅެފައި އޮތުމުން، އަދިވެސް ލީގު ރޭހުގެ ކޮންޓްރޯލް އޮތީ އެޓީމަށެވެ. ލީގުގައި މިރޭ ވެސްޓް ހަމް އަތުން މޮޅުވެގެން، ސިޓީއަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތުވެސް އެބައޮތެވެ.

ރޭގެ މެޗުގެ ފުރަތަމަ 34 މިނިޓް ތެރޭގައި އާސެނަލުން ޗެލްސީ ކޮޅަށް ތިން ގޯލު ޖަހާފައިވާ އިރު، އާސެނަލަށް ފުރަތަމަ ދެ ގޯލު ޖަހައިިދިނީ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. އޮޑެގާޑް ލީގުގައި ޖެހި ގޯލުގެ އަދަދު 14 އަށް އަރާފައިވާ އިރު، އާސެނަލްގެ ތިންވަނަ ގޯލު، މެޗުގެ 34 ވަނަ މިނިޓްގައި ޖެހީ ގަބްރިއަލް ޖީސަސް އެވެ.

އާސެނަލްގެ ބުކަޔޯ ސަކާއާއި އޮޑެގާޑުގެ އިތުރުން ޖީސަސް އަދި ގެބްރިއަލް މާޓިނެލީ މި ސީޒަނުގައި 10 ގޯލަށްވުރެ އިތުރަށް ޖަހާފައިވާ އިރު، އެޓީމަކީ ހަތަރު ކުޅުންތެރިޔަކު 10 ގޯލަށްވުރެ ގިނައިން ގޯލު ޖަހާފައިވާ ހަމައެކަނި ޓީމުވެސް މެއެވެ.

ރޭގެ މެޗުގައި ޗެލްސީއަށް ލަދުން ސަލާމަތް ވެވުނީ ނޯނީ މަޑުއޭކޭ ދެވަނަ ހާފުގައި ޖެހި ގޯލުންނެވެ. މަޓެއޯ ކޮވަސިޗް ދިން ބޯޅައަށް އަރައި، މަޑުއޭކޭ ބޯޅަ ގޯލަށް ވައްދާލީ މަޑުމަޑުން އަރިމައްޗަށް ބޯޅަ ޖައްސާލައިގެންނެވެ. އެ ގޯލަކީ މަޑުއޭކޭ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން ކުޅުނު ހަމެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. ޗެލްސީ ލީގުގެ 12 ވަނައިގައި އޮތީ 33 މެޗުން 39 ޕޮއިންޓާ އެކުއެވެ. މިއީ 1993 ވަނަ އަހަރު ފަހުން ޗެލްސީން ޖެހިޖެހިގެން ހަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.