ހުސްވި ރޯދަމަހުގެ ތެރޭގައި ހެންވޭރު ކަޅުހުރާގެ ކައިރީގައި ހުންނަ އިހުގެ ގަދީމީ މިސްކިތަކަށް އަސުރުނަމާދު ކުރަން ވަދެވުނެވެ. މި މިސްކިތުގެ މިހާރުގެ އަރަބި ނަމަކީ މަސްޖިދުއްތަގުވާއެވެ. ކުރީގެ ދިވެހި ނަމަކީ ބައު މިސްކިތެވެ. މިނޫންވެސް ތަފާތު އެތަކެއް ނަން ކިޔައެވެ. ކޮންމެއަކަސް މިއީ މާލެއިން މިހާރު ފެންނަން ހުރި އެންމެ އިހުގެ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. މި މިސްކިތް އެހެން މިސްކިތްތަކާ ތަފާތުވާ ސަބަބެއް އޮވެއެވެ. އެ ސަބަބަކީ މިސްކިތުގެ ގިބުލައަށްވާ ފަރާތުގައި ހުންނަ ހުދު ހިލައެކެވެ. ސަންގުމަރުމަރު ހިލައެކެވެ. އޭގައި އަރަބި ބަހުން ކަލިމަތަކެއް ލިޔެފައިވެއެވެ. އަދި އެނޫންވެސް އެތަކެއް ކުރެހުމެއް ކުރަހައިފައިވެއެވެ. ވަރަށް ދުވަސްވީ ހިލައެކެވެ. މިސްކިތަށް އަރާފައިބާ ހަމަކޮންމެ މީހެއްގެ ލޮލުގައިވެސް އެހިލަ އަޅައިގަންނާނެއެވެ.
މިސްކިތް ބިނާކުރައްވައި އުތުރުކަރައިގެ ގުޖުރާތުގެ ކަމްބަތޭ ކިޔުނު ސަހަރުން މިދެންނެވި ހިލަ ގެންނަވައި ބެހެއްޓެވީ މީލާދީން 1153 ގައި ރާއްޖެ އިސްލާމްވީތާ މާކަގިނަ ގަރުނުތަކެއް ފާއިތު ނުވަނީސް، ތީމުގޭވަންހައިގެ ރަސްކަމުގެ ދައުރުގައި ސުލްތާން ޖަލާލުއްދީނު އުމަރުވީރެވެ. މާލޭގެ މިސްކިތްތަކާބެހޭ ކުރީގެ ލިޔުންތަކުން އެކަން އެބަމޭރުންވެއެވެ. އެއީ މީގެ ގާތްގަނޑަކަށް 700 އެތައް އަހަރެއް ކުރިއެވެ. މިދެންނެވި ޖަލާލުއްދީނު އުމަރުވީރަކީ ސުލްތާން އަހުމަދު ޝިހާބުއްދީނާއި ސުލްތާނާ ޚަދީޖާ ރެހެންދިގެ ބައްޕާފުޅެވެ. ޝިހާބުއްދީނަކީ މާލޭގެ ހުކުރު މިސްކިތް އައު ކުރައްވައި އެ މިސްކިތުގައި އެންމެ ފުރަތަމަ ފިލައެއް ބެހެއްޓެވި ރަސްގެފާނެވެ. އެހެންވީމާ ހުކުރު މިސްކިތުގައި ބެހެއްޓުނު ތާރީޚީ ފިލަޔަށްވުރެވެސް ކަޅުހުރާ މިސްކިތުގައި އެހެރަ ހިލައަށް ދުވަސްވެއްޖެއެވެ.
ދުވަސްވަރަކީ ރާއްޖެ އިސްލާމްވީތާ ކުރީކޮޅެވެ. އިސްލާމްވުމުގެ ކުރިން ދިވެހިން ތިބީ ބުދު ދީނުގައެވެ. އެހެންވީމާ ކުރީގެ ސަގާފަތުގެ އަސަރު އޭރުވެސް ހިސާބަކަށް ހުންނާނެއެވެ. ހިލަ ގެނެވުނީ ރާއްޖެއިން ބޭރުންނެވެ. އެހުރިހާ ކުރެހުންތަކެއް އަޅާނީވެސް ބޭރުގެ ފަންނުވެރިންކަމަށް ގަބޫލުކުރެވެއެވެ. އެހެން ހީވަނީ އޭގެ ފަރުމާޔަށް ވިސްނައިލީމައެވެ. މިހިލަ ދެކޭ މީހުންގެ މެދުގައި ވަރަށް ބޮޑު ބަހުސެއް ހިނގަމުންދެއެވެ. ހިލައިގެ ފޮޓޯ ނަގައިފައި އޭގައިވާ ބައެއް ކުރެހުންތަކުން ރަމްޒުކޮށްދެނީ ކޮންއެއްޗެއްތޯ ސުވާލުކޮށް އަޅުގަނޑު މީސްމީޑިއާއަށްލީމާ ޖަވާބު ދެއްވި ބޭފުޅުންގެ ޖަވާބުތަކުންވެސް ބަހުސްގެ ފޯރި މޭރުންވިއެވެ. ބައެއް ބޭފުޅުންނަށް ބުދުދީނުގެ ސަގާފީ އަސަރުތައް ފެނެއެވެ. އަނެއްބަޔަކަށް މިރުހާއި ރޮކެޓްވެސް ފެނެއެވެ. ޚިޔާލަކީ ތަފާތު އެއްޗެއްވީމާ ދެންއެއީ މައްސަލައެއްވެސް ނޫނެވެ.
މި މިސްކިތާއި މި ހިލަޔަށް ހަތްސަތޭކަ އަހަރަށްވުރެ ގިނަދުވަސްވުމުގެ މާނަޔަކީ އެތައް ގަރުނެއްގެ ތެރޭގައި އެތައްހާސް ބަޔަކަށް މިހިލަ ފެނިފައިވުމެވެ. އެހެންވީމާ އެކިދުވަސްވަރު އެކިގޮތަށް މި ބަހުސްވެސް އޮންނާނީ ހިނގައިފައެވެ. އެކަން ޔަގީނެވެ. އެކަމަކު އެއްވެސް ބަޔަކު އެހިލަ އެތަނުން ނަގައި ދުރަކަށް ނުގެންދެއެވެ. ކިތަންމެ ކިތަންމެ ފަހަރަކު މިސްކިތް މުޅިން އައުކުރެވުމާވެސް އެކުގައެވެ. ކަޅުތުއްކަލާގެ ރަސްކަމުގައި މީގެ ހަތަރުސަތޭކަ އެތައް އަހަރުކުރިން މަރާމާތުކޮށް އައުކުރެވުނެވެ. ހިލަ ކުރިންވެސް ހުރިތާގައި ބެހެއްޓީއެވެ. އޭގެފަހުން ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި މީގެ 270 އަހަރު ކުރިން އަނެއްކާވެސް މިސްކިތް އައުކުރެވުނުއިރު ދެންވެސް ހިލަ ބެހެއްޓީއެވެ. އޭގެފަހުން ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގެ ދުވަސްވަރު މީގެ ސަތޭކައެއްހައި އަހަރުކުރިން އައުކުރެވުނެވެ.
މިދެންނެވި އައުކުރުންތަކާއި އެކަމުގެ ތާރީޚު މިސްކިތުގެ އެތެރެޔާއި ބޭރުގައިހުރި ބައެއް ލިއުންތަކުން މޭރުންވެއެވެ. މިހުރިހާ ފަހަރަކުމެ އެއްކަލަ ހިލަ އިހުވެސް ހުރިތާގައި ބެހެއްޓީއެވެ. ފާއިތުމިވީ ހަތްސަތޭކަ އެތައް އަހަރެއްގެ ތެރޭގައި މިސްކިތް އައުކުރެވުނު ކޮންމެފަހަރަކުމެ މިކުރެހުންތަކާއެކު މިހިލަވެސް މިސްކިތުގެ ގިބުލަފަރާތުގައި ވަނީ ބަހައްޓައިފައެވެ. އެވަރަކުން އަދި ނުނިމެއެވެ. ރައީސް މައުމޫނުގެ ދައުރުގެ ތަންކޮޅެއް ކުރީކޮޅު މާލޭގެ މިސްކިތެއްގެ ތެރެއިން ހަތްސަތޭކަ އަހަރަށްވުރެ ގިނަދުވަސްވީ ހިލައެއް ފެނިގެން ރައީސްވެސް ބޮޑު ޓީމަކާއެކު އެތަނަށް ވަޑައިގެން ބެއްލެވުންތަކެއް ބެއްލެވި ކަމަށް ނޫސްތަކުގައި ލިޔުނެވެ. ރޭޑިއޯ ޓީވީން ޚަބަރުވެސް ކިޔައިފައިވެއެވެ. މި ބެއްލެވުންތަކަށްފަހު ރައީސް މައުމޫނުވެސް އެއްކަލަ ހިލަ ހުރިތަނުގައި ހަމަބެހެއްޓެވީއެވެ. މައްސަލައަކަށްނުވާތީތާއެވެ.
ކަޅުހުރާ މިސްކިތުގައި އެހެރަ ޒަމާންވީ ހިލަޔާމެދު ކުރީޒަމާނުގައި ކުރެވުނު ޒުވާބެއް، ބަހުސެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް އެނގެނީ މިހާރު ހިނގަމުންދާ ބަހުސެވެ. ޚާއްސަކޮށް އަޅުގަނޑު މީސްމީޑިއާއަށް ދޫކޮށްލި ޕޯސްޓަށްފަހުގައެވެ. މި ބަހުސުން އެނގޭ އެއްޗަކީ ޚިޔާލުތައް ތަފާތުވެފައިވާ މިންވަރެވެ. ހިލަ އެތަނުގައި ހުރުން އެއްބަޔަކަށް މައްސަލައެއް ނޫނެވެ. މައްސަލަޔަކީ އެވާހަކަ ދައްކާ މީހުންނެވެ. އަޅުގަނޑުވެސް ޝާމިލްވާ ގޮތުންނެވެ. އެހެން މީހުންނަށް ނުފެންނަ އެއްޗެއް އަޅުގަނޑަށް ފެންނަގޮތްވަނީ ތަޣައްޔަރުވެފައިވާ ސިކުނޑިއަކުން ވިސްނީމައޭ ބުނި މީހުންނާވެސް ދިމާވިއެވެ. އަނެއްބައެއްގެ ނަޒަރުގައި ހިލަ އެތަނުން ނަގައިފައި ދާރުލްއާސާރަށް ލާންވީއެވެ. ތާރީޚީ އެއްޗަކަށްވީމާ އެއަށް މިހާރު ޖާގަދޭން ޖެހޭނީ ދާރުލްއާސާރުންނެވެ. މިސްކިތެއްގެ މިހުރާބުގޭގައި ބަހައްޓަން އެކަށޭނަ އެއްޗެއް ނޫނެވެ.