ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް އެމައްސަލަ، އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ފުލުހަށް ހުށަހަޅައިފިއެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާއެވެ.

ހަންބޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް އެކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.

އެގޮތުން ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާ އިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

ސޮއިކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާ އިން ކަމަށް ކަސްޓަމަރުން ބުނެފައިވާ ކަމަށެވެ. އަދި ފައިސާ ހޯދުމަށް ސީދާ މުއާމަލާތް ކޮށްފައި ވަނީ މަންޑޭ އާއި ޖައިޝަން ސައީދު ކަމަށްވެސް ބަޔާނުގައިވެއެވެ.

ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާ އިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ. އަދި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު ކަމަށް ބީއެމްއެލުން މައުލޫމާތު ދީފައިވާ ކަމަށާއި އަދި އެކަން ކޮށްފައިވަނީ އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ކަމަށް ވެސް ހަންބޯއިން ބުންޏެވެ.

ބީއެމްއެލްގެ ސަމާލު ކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ އެކައުންޓް ހުރި ފައިސާތައް މަންޑޭ ނަގާފައިވާ ކަމަށެވެ. އަދި އެ އެކައުންޓްގެ އިންޓަނެޓް ބޭންކިންގެ އިތުރުން އެކައުންޓުން ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ކުރުމަށް ހުށަހެޅި ކުންފުނީގެ ގަރާރުގައިވެސް ޖިން ޝިހޫގެ ސޮއި ފޯޖްކޮށްފައިވާ ކަމަށް ހަންބޯއިން ބުންޏެވެ.

އެ ކުންފުނީގެ އެމްޑީގެ ސަމާލު ކަމަށް މި މައްސަލަ އައުމުން މަންޑޭއާ ބައްދަލުކޮށް، އެކަމަށް އެއްބާރުލުން ދިނުމަށް އެދުމުން އެކަން ކޮށްފައިނުވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް މަންޑޭ އާއި ޖައިޝަންގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައި އެޕާޓްމެންޓްތަކާ ގުޅޭ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމަރުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ހަންބޯއިން ބުންޏެވެ.

ހަންބޯއިން ބުނީ އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ނަގާފައިވާ ކަމަށެވެ. އަދި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަމިއްލަ ބޭނުމަށް ކަސްޓަމަރުންނަށް ގުޅައިގެން ދަރަންޏަށް ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަންބޯއިން ބުންޏެވެ.

މިކަން ކުރުމަށް އެހެން ކުންފުނިތަކެއް ބޭނުންކޮށްގެން ހަންބޯގެ ނަމުގައި މުއާމަލާތްކޮށްފައިވޭ ކަމަށެވެ. އެއީމަންޑޭ އާއި ޖައިޝަން ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޯދީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއި ހަންބޯ ކުންފުނީގެ ސެކްރެޓަރީ އައިޝަތު ދިފްލީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޝީޖިއާ ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްއެވެ.

މީގެ އިތުރުން ރައްޔިތުންނަށް އޮޅުވާލައި ފައިސާ ނެގުމަށް ކޮރެއާ ރައްޔިތެއް ކަމަށްވާ ޖޮންވޫ ކިމް ދައްކައި އޭނާއަކީ އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.

ހަންބޯއިން ބުނީ މި މައްސަލައަކީ ގިނަ ބައެއްގެ ފައިސާ އާއި މަސްލަހަތު ހިމެނޭ ކަމަކަށްވުމުން، މި މައްސަލައިގައި ޝާމިލުވާ މަންޑޭ އާއި ޖައިޝަންގެ އިތުރުން މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުގެ ޖިނާއި ތަހުގީގެއް ހިންގުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަންބޯ ކުންފުނީގެ ބަޔާނުގައި އިތުރަށް ބުނީ މި މައްސަލަ އާބަންކޯގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ ލިޔެކިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށެވެ. ކަސްޓަމަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކާއި ފައިސާ ބަލައިގަތް ކަމުގެ ލިޔުން ހިފަހައްޓާފައިވާ ކަމަށާއި އެކަމުގެ ލިޔުންތައް ދޭން އެދުމުންވެސް މަންޑޭ އެކަމަށް ދެކޮޅު ހަދާފައިވާތީ އެ މައްސަލަ ވެސް އާބަންކޯގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް އެކަމުގެ ސަބަބުން ކޭ-ޕާކް ފްލެޓް މަޝްރޫއު ނުހުއްޓޭނެ ކަމަށާއި އެމަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ހަމްބޯ ޓެކް ކޮރެއާއިން ބުންޏެވެ.

ހަންބޯއިން ބުނީ ފްލެޓްގެ މަސައްކަތް އެކީ ނިންމައި މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދާ މުއްދަތުގައި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ކަސްޓަމަރުންގެ ފަރާތުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފު ކުރުމަށާއި ޝަކުވާ ހުށަހެޅުމަށް ވަކި އޮފީހެއް ކޭ-ޕާކް ރެސިޑެންސް މަސައްކަތު ސައިޓުގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ.