އިތުރު މީހަކާއެކު ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ހުކުމްކޮށް، އެ ހުކުމް ޖަންފީޒު ކޮށް ނިމުނީކަމަށް ކަނޑައަޅާފައި ވަނިކޮށް އެކުއްޖާގެ މައްޗަށް އަލުން އަދަބު ކަނޑައެޅުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ޖުވެނައިލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގައި އެކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަަމަލު ކުރުމުގެ ގާނޫނުގެ ދަށުން ތިން އަހަރާއި ދެ މަހާއި 27 ދުވަހުގެ މުއްދަތަށް ކުޑަކުދިން ބަންދު ކުރުމަށް އެކަށޭނަ ތަނެއްގައި އޭނާ ބަންދު ކުރުމަށް ހުކުމްކުރިއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކޯޓުން ކުރާ ޝަރުތުތައް ފުރިހަމަ ކުރަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން މި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ވެސް މި ހުކުމުގައި އަމުރު ކޮށްފައިވެއެވެ.
މީގެ އިތުރުން މި ހުކުމް އެއް އަހަރު ދުވަހަށް ފަސްކޮށް އެ މުއްދަތުގެ ތެރޭގައި އޭނާގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅައި ޖުވެނައިލް ކޯޓުން ޝަރުތުކުރުމުގެ އަމުރެއް ނެރުނެވެ. އޭގައި ވަނީ އެ ޝަރުތުތައް ފުރިހަމަކޮށްފިނަމަ އެ ހުކުމް ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި އަދި އެ މުއްދަތުގެ ތެރޭގައި އެ ޝަރުތުތައް ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ފުރިހަމަ ކުރުމަށް އެއްބާރުލުން ނުދޭނަމަ، އިސްތިއުނާފު ރައްދުވި ފަރާތުގެ މައްޗަށް ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފައެވެ.
މި ޝަރުތުކުރުމުގެ އަމުރުގެ ދަށުން މުޖުތަމައުގައި ހުރި ހުރުމުގައި އެކުއްޖާގެ ފަރާތުން މުއައްސަސާތަކަށާއި ކޯޓަށް އެއްބާރުލުން ދީފައިވާތީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށް ނިމުނީ ކަމަށް އެކޯޓުން ނިންމިއެވެ.
ނަމަވެސް އެ ކޯޓުން އެ ކުއްޖާގެ މައްޗަށް ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިެވެ.
ޕީޖީން ބުނެފައި ވަނީ، އެކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް ރިއާޔަތްކުރުމަށްފަހު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. އެފަދައިން އަދަބު ކަނޑައެޅުމުގެ ނަތީޖާއަކީ ހާއްސަ ގާނޫނާއި އާއްމު ގާނޫނު މަސްހުނިވެގެން ދިޔުންކަމަށާއި، ހާއްސަ ގާނޫނެއް އޮއްވައި އާއްމު ގާނޫނަށް އަމަލުކުރުން ކަމަށެވެ. އަދި ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ގާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރުން ލާޒިމްވާނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، ހާއްސަ ގާނޫނެއްގައިވާ ކަންކަމާއި އާއްމު ގާނޫނެއްގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ހާއްސަ ގާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަގުސަދުކަމަށް އެކޯޓުން ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަަލަ ބެލުމަށް ފަހު، ހައިކޯޓުން ކުރި ހުކުމުގައި ވަނީ ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްޗަށް ކުރި ހުކުމްގައިވާ އަދަބުގެ ބައި ބާތިލު ކޮށްފައެވެ.
އެއަށްފަހު، އެ ހުކުމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ އަލީގައި އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އަދަބު ތަންފީޒު ކުރުމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖުވެނައިލް ކޯޓުގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.