ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނައަށް ޗައިނާ އަރައިފި އެވެ.
ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ޓޮޕް މާކެޓެވެ. ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓެވެ. ކޮވިޑާ ދެކޮޅަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ރަސްމީ ދަތުރުތަ އެގައުމުން ފެށި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ޗައިނާ އޮތީ ޓޮޕް 10 މާކެޓް ލިސްޓުގެ ފުލުގަ އެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެ ގައުމުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް އިތުރުވެ މިހާރު ޗައިނާ ވަނީ އެ ލިސްޓުގެ ހަވަނައަށް ޖެހިލައިފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އޭޕްރީލްގެ ނިޔަލަށް ޗައިނާއިން 30,353 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މާކެޓް ޝެއާގެ 4.4 ޕަސެންޓް އެވެ.
ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފެށުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެފައި ވަނީ ޗައިނާއިން ފަތުރުވެރިން އަލުން ރާއްޖެ އަންނަން ފެށުމުން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ. މިއަހަރު ޗައިނާއިން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށާއި އަހަރު ނިމޭއިރު، ރާއްޖޭގެ އެންމެ ޓޮޕް މާކެޓުގެ ލިސްޓުގައި ޗައިނާ އަލުން ހިމެނިގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 682,650 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 19.7 ޕަސެންޓް އިތުރުވުމެކެވެ. އަދި މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5,737 ފަތުރުވެރިން ޒިޔާރަތް ކުރިއިރު އެ ފަތުރުވެރިން ރާއްޖެގައި އެވްރެޖުކޮށް އަށް ދުވަސް ހޭދަކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު، ކޮންމެ މަހަކުވެސް ދޮޅުލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ މިދިޔަ ތިން އަހަރާ އަޅައި ބަލާއިރުވެސް ނުފެންނަހާ ރަނގަޅު ނަތީޖާ އެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު