Close
ހާއްސަ ރިޕޯޓް

ޒުވާން އެސޯސިއޭޝަނުން ބައިބަލާގެ މަލަމަތި ބަދަލުކޮށްލައިފި، މިސްރާބު އިންގިލާބީ ބަދަލަކަށް!

މުޙައްމަދު ޝަމްޢޫން

1996 ވަނަ އަހަރުން ފެށިގެން، ރަސްމީކޮށް ކުޅެމުން އައި ކުޅިވަރެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް މުބާރާތް، ކޮންމެ އަހަރަކު ބާއްވަމުން އައި ކުޅިވަރެކެވެ. ތާރީހެއް އޮތް ކުޅިވަރެކެވެ. ރަސްމީކޮށް މުބާރާތް ބޭއްވުމުގެ ކުރިންވެސް، ރާއްޖޭގައި ކުޅެމުން އައި ކުޅިވަރެއްކަން ކުރީގެ ބައެއް ލިޔުންތަކުންވެސް ފެންނަން އެބަހުއްޓެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ އަސްލެއް ނަމަވެސް، ދިވެހީންގެ ތެރެއިން ފެނިގެން ދިޔައީ އަބަދުވެސް ދިވެހި ވަންތަ ގޮތަކަށެވެ. އެއީ ބައިބަލާއެވެ. ތާރީހުގެ ތެރެއިން، ޒަމާނަށް ހޭނި، މިއަދު ފެންނަނީ މުޅީން ތަފާތު ސްޓައިލެއްގައެވެ. ޒަމާނީ ވަސީލަތްތަކާއެކު މުބާރާތްތައްވެސް ފުރިހަމަވެ، "ޕްރޮފެޝަނަލް" ވެއްޖެއެވެ. ހާއްސަކޮށް ނިމިގެން ދިޔަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 އިން ބައިބަލާގެ އަގު ވަޒަންކުރެވިއްޖެއެވެ.

މެޗުތައް ކުޅުނު ކޮންމެ ރެޔަކު އެތައް އަންހެނުންނެއް، އެތައް ފިރިހެނުންނެއް ބައިބަލާ މައިދާނަށް ޖަމާވިއެވެ. ފޯރި ނެގިއެވެ. ފެނުނީ ތަފާތު ރޫހެއްގެ މާހައުލެކެވެ. ޓީމުތަކުން ޒުވާން ހުނަރު ފެނިގެން ދިޔައެވެ. ބައިބަލާއަކީވެސް ޓްރާންސްފާ މާކެޓެއްގައި ކުޅުންތެރިން ގެންގޮސް، ހުނަރު ވަޒަންކުރާ ކުޅިވަރެއްކަންވެސް ސާފުވެގެން ދިޔައެވެ. ހާއްސަކޮށް އިންތިޒާމުތައް މިފަހަރު އެހެން ހަރުފަތަކަށް ދިޔަ މަންޒަރު ސާފެވެ. މައިދާނުގެ ޓެކްނޮލޮޖީ އެވެ. މައިދާނުގެ ލައިޓިންއިން ފެށިގެން ގޮސް، ލައިވްގެ މަންޒަރުތަކުންވެސް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ބައިބަލާގައި ކުރަމުންދިޔަ ފެންވަރު ފެނުނެވެ.

ހަމައެއާއެކު، މުބާރާތުގައި ފެނުނީ ކުޅިވަރުގެ އަހުލާގުގެ މަންޒަރުތަކެވެ. އެއް ޓީމުން އަނެއް ޓީމަށް ދިން އިހުތިރާމު ފެނިގެން ދިޔައެވެ. އެހެންމެ ރެފްރީންނަށް ދިން އިހުތިރާމުވެސް ފެނުނެވެ. މުބާރާތް ނިމިގެން ދިޔައީ ހަމަނުޖެހުމެއް ނެތި، ސާފުކޮށެވެ. އެކަން ބައިބަލާ އެސޯސިއޭޝަނުން ފާހަގަކުރަނީ އުފަލާއެކުގައެވެ. އެސޯސިއޭޝަނުގެ ވިސްނުމުގައި ބައިބަލާ "ޕްރޮފެޝަނަލް" ކުރެވި، މަންޒަރު ބަދަލުކުރުމުގެ މަސައްކަތުގައި ހޯދުނު ކާމިޔާބީ މިފަހަރު މުބާރާތުން ދައްކުވައިދިނެވެ.

"ވަރަށް ރަނގަޅަށް މުބާރާތް ނިމިގެން މިދިޔައީ. މުބާރާތުގެ ތެރެއިން ހަމަނުޖެހުމެއް ހިނގިތަނެއްވެސް ނުފެނޭ. މުބާރާތުގައި ޓީމުތަކުން އެއް ޓީމު އަނެއް ޓީމަށް ކުރި އިހުތިރާމު ފެނުނު. ހަމައެއާއެކު ހުނަރުވެރި އެތައް ޒުވާނުންނެއް މައިދާނުން ފެނުނު. އެހެންގޮސް، މިފަހަރުގެ މުބާރާތް ވެގެންދިޔައީ ވަރަށް ކާމިޔާބު މުބާރާތަކަށް. މި ކުޅިވަރަކީ ކުށްތަކާ ގުޅިފައިވާ ކުޅިވަރެއް ނޫން، އެކަން އޮތީ ކުރިންވެސް އެހެނެއް ނޫން. އެކަން މިފަހަރުވެސް ފެންނާނެ. މިއީ ވަރަށް ސަޅި ކުޅިވަރެއް. މި ކުޅިވަރުގައި އަޅުގަނޑުމެން ޒަމާނީ ވަސީލަތްތައް ބޭނުންކޮށް، އިތުރަށް ތަރައްގީކުރަން ކުރަން ޖެހޭ ކަންކަން އެބަހުރި. އެކަންކަމަށް ސަމާލުކަން ދޭން ޖެހޭ،" ބައިބަލާ އެސޯސިއޭޝަންގެ ބޯޑު މެންބަރު، މުހައްމަދު އަސީލް "ވަން" އަށް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން ޕާޓްނަރުންނާވެސް އެކު، މިފަހަރުގެ ބައިބަލާ މުބާރާތް ނިމިގެން ދިޔައީ ކުލަގަދަ ކޮށެވެ. ކްލަބު ޓީނޭޖުން ހަތަރުވަނަ ތަށި ޔަގީންކޮށް، ތަށި އުފުލާލި އިރު، ކާމިޔާބު މުބާރާތުގެ ޝުކުރު އެސޯސިއޭޝަނުގެ ބޯޑަށްވެސް ހައްގެވެ. ހާއްސަކޮށް ރައީސް، ނައިބު ރައީސްގެ އިތުރުން ޖެނެރަލް ސެކްރެޓަރީން ގޮސް، މުޅި ބޯޑަށް އެ ޝުކުރު ހައްގު ކަމަށް އަސީލްވެސް ގަބޫލުކުރައްވައެވެ.

"އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މި މުބާރާތުގައި އެހީތެރިވި، ޕާޓްނަރުންނަށް. އެމްޓީސީސީން ފެށިގެން ގޮސް އާބަންކޯ، ސްޓެލްކޯއާއި އެސްޓީއޯ، ފިއުލް ސަޕްލައި މޯލްޑިވްސް، އަދި އެހެން ހުރިހާ ޕާޓްނަރުންނަކީވެސް މުބާރާތަށް ފުރިހަމަކަން ގެނެސްދިން ފަރާތްތައް. ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި މުބާރާތް ބޭއްވުން އެއީ ލިބުނު ޝަރަފެއް. އަދި ހަމައެއާއެކު ބޯޑުން ކުރި މަސައްކަތް. ފުރަތަމަ ދުވަހުން ފެށިގެން ގޮސްވެސް، މި މުބާރާތް ކާމިޔާބުކުރަން ބޯޑުން ކުރީ ބުރަ މަސައްކަތެއް. ޗެލެންޖުތައް ހުރި ނަމަވެސް، މި ކުޅިވަރުގެ މަންޒަރު ސާފުކޮށްދޭން މިދިޔަ ދެތިން އަހަރުވެސް ބޯޑުން ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ. ޕްރޮފެޝަނަލް، ނޫނިއްޔާ ހައިބަތު ބޮޑު ކުޅިވަރަކަށް މި ކުޅިވަރު ވެ، އެ މަންޒަރު މިހާރު އެތައް ބަޔަކަށް އެބަ ފެނޭ،" އަސީލް ވިދާޅުވިއެވެ.

ދެން އޮތީ ބައިބަލާ އެހެން ހަރުފަތަކަށް ގެންދިއުން، އެ މަސައްކަތް ކުރަން ތައްޔާރު

ބައިބަލާ މިދިޔަ 25 ވަރަކަށް އަހަރު ފެނިގެން ދިޔައީ އަހަރު ތެރެއިން އެކިއެކި މުބާރާތްތައް ބާއްވާ ކުޅިވަރެއްގެ ގޮތުގައެވެ. މާލޭގައި އެއް މުބާރާތް ބާއްވައި، އަތޮޅު ތެރޭގައި ބައެއް މުބާރާތްތައް ފެނުނު ނަމަވެސް، ކުޅިވަރަށް ކުރަން ޖެހޭ ބޮޑެތި މަސައްކަތްތައް އަދިވެސް އެބައޮތެވެ. ބައިބަލާގެ މައުލޫމާތަށް ބޭރުގެ ގައުމުތަކުންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ކުޅިވަރުގެ ފޯރިގަދަކުރުމަށް ގަވާއިދަށް އަބަދުވެސް އިސްކަން ދޭން ޖެހެއެވެ. ހާއްސަކޮށް ބައިބަލާގެ ކޯޗުންނާއި ރެފްރީން ރަސްމީކުރުމަށް ހާއްސަ ކަންކަން ހިންގެން ޖެހޭ ކަމަށް ކުޅިވަރުގެ ތެރޭގައި އެންމެ ޒަމާންވަންދެން ހަރަކާތްތެރިވި އެކެއް ކަމަށްވާ، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް (ސައްލެ) ކުރިން ބުނެފައިވެއެވެ.

"ތަރައްގީ ކުރެވިދާނެ ގޮތްތައް އަދިވެސް އެބަހުރި. އެސޯސިއޭޝަނުން މުބާރާތް ބާއްވައި ނިންމާލާތީކަންނޭނގެ އެކަން ނުކުރެވި އޮންނަނީ. އެކަން ކުރުމަށް ވިސްނުން އެބަހުރި. މެނުއަލްއެއް އެއްޗެއް އޮންނަން ޖެހޭ، ބައިބަލާ ދަސްކުރަން އަންނަ ބަޔަކަށް ކިޔައިދެވޭނެ ގޮތެއް ހޯދަން ޖެހޭ. އެކަން ކުރަން ޖެހޭ. ކޯޗުންނަށް މެނުއަލްއެއްވެސް ހެދި، ބައިނަލްއަގުވާމީ ކުރަން ވަކި ހިސާބަކަށް ދާންވީ އެއްޗެއް ބައިބަލާ އަކީ،" ސަލީމް ބުންޏެވެ.

ސައްލެގެ ނަޒަރުގައިވެސް ބައިބަލާގައި މިހާރު ކުޅިވަރުގެ ރޫހު އަށަގަނެ، ވަރަށް ބޮޑަށް ކުޅިވަރުގެ އަހުލާގާއި އިހުތިރާމް ފެނިގެން ދެއެވެ. އެހެންކަމުން ދެން އޮތް ވިސްނުމަކަށް، އެހެން ހަރުފަތަކަށް ދާން ކުޅިވަރެއްގެ ގޮތުގައި ސްކޫލް މަދަރުސާ، އަދި އޭގެ އިތުރުން އަންނަން އޮތް ޒުވާން ޖީލުތަކަށް ބައިބަލާ ފޯރުކޮށްދޭން ޖެހެއެވެ. އެއީ ޒުވާން ކުދިންގެ މުބާރާތްތަކެއް ބާއްވައި، އަދި އޭގެ އިތުރުން އިންޓަ ސްކޫލް ބައިބަލާ ފަދަ އިވެންޓެއް ބޭއްވިގެން ކުރެވިދާނެ ކަންކަން ކަމަށް އޭނާ ކުރިން ފާހަގަކޮށްފައިވެއެވެ.

އެ ވިސްނުމަށް ނަޒަރު ހިންގައި، އެސޯސިއޭޝަނުގެ ބޯޑުން ވަނީ މި އަހަރު ޖުލައި 27 ވަނަ ދުވަހަށް އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަ ބައިބަލާ މުބާރާތެއް ތާވަލުކޮށްފައެވެ. އެ މުބާރާތް ވެގެންދާނީ ތާރީހީ، މުޅިން އާ ކޮންސެޕްޓެއްގެ ބައިބަލާ މުބާރާތަކަށެވެ. އެއީ ބައިބަލާގެ އަނެއް ހަރުފަތެވެ. އެއީ އެހެން ބައެއް ކުޅިވަރުތައް ފަދައިން، ރާއްޖޭގެ ކުޅިވަރު މައިދާނުގައި ބައިބަލާގެ ނަޒަރު ބަދަލުކޮށްލައި، ބައިބަލާގެ ކުރިއެރުން ދަމަހައްޓަން އެސޯސިއޭޝަނުން ނިންމި ހާއްސަ ނިންމުމެކެވެ.

ބޯޑު މެންބަރު އަސީލް ފާހަގަކުރެއްވި ގޮތުގައި، އެ މުބާރާތާއެކު އަހަރު ތެރެއަށް ބައިބަލާގެ އެކިއެކި ކަންކަން ބަހާލައި، ކުޅިވަރުގެ ތެރެއިން ޒުވާން ހުނަރުވެރިން ނެރުމަށް ވިސްނުންތަކެއް އެސޯސިއޭޝަނުން ވިސްނާނެއެވެ. ފޯރިގަދަ، ޗާލު ބައިބަލާގެ މުސްތަގުބަލަށް އެސޯސިއޭޝަނުގެ ވިސްނުން ފަހިވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.