ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.
އެމްޑީޕީގެ ހަރުގެ ހުންނަ ބިމަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އޭނާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ އިބްރާހިމް ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބިން މިއަދުގެ ނިޔަލަށް ހުސްކުރަން އެ ބިމުގެ ވެރިފަރާތުން ނޯޓިސް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ހުސްކުރަން ބޭނުންވަނީ އެ ބިމުގައި އިމާރާތެއް ހެދުމަށް ކަމަށް ނޯޓިސްގައި ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.
"2019 އަށް ލިޔުމުން އޮތް އެގްރީމެންޓް ހަމަވެފައިވަނީ. ނަމަވެސް އޭގެ ފަހުންވެސް އަނގަބަހުން އެއްބަސްވެވިފައި ވަނީ ރިޔާސީ އިންތިހާބު ނިމެންދެން އެތަން ލިބޭ ގޮތަށް. ހަމަ ކުލިވެސް ދައްކަމުން މިދަނީ. ދެން ނޯޓިސް ފޮނުވީމަ އަޅުގަނޑުމެން އެ ފަރާތާ ވާހަކަދައްކަވަމުން މި ގެންދަނީ" އިބުރޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަރުގެ ހުސްކުރަން އެންގި ނަމަވެސް އެހެން ތަނެއް ލިބެންދެން އެތަނުގައި ތިބެވޭނެ ގޮތެއްވޭތޯ ވެރިފަރާތާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ހަރުގެއަށް އެމްޑީޕީން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު