ސިއްހީ ދާއިރާއިން ދިވެހިން މަދު ފަންނުތަކުން މީހުން ބިނާކުރަން ސްކޮލަޝިޕާއި ލޯނު ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރޭޑިއޭޝަން ތެރަޕިސްޓުންނާއި މެޑިކަލް ފިޒިސިސްޓުންނާއި ފާމަކޮލޮޖިސްޓުންނާއި ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަގާމުތަކުގައި މި ވަގުތު ދިވެހިންނެއް ނެތް ނަމަވެސް އެއީ ފަންނީ އަދި މުސާރަ ބޮޑު ވަޒީފާތަކެއް ކަމުން އެފަދަ ފަންނުތަކުން ދިވެހިން ބިނާކުރުމަށް ސްކޮލަޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން، މެޑިކަލް އަދި ޑެންޓަލް އިންޓަންޝިޕް ފުރިހަމަ ކުރާ މީހުންނަށް އިންޓާން އެލެވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވަނީ، މާދަމާއިން ފެށިގެން ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި ސޯޝަލް ވޯކަރުންނާއި ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަވެސް ބޮޑުކުރަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

އެގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެމުން އައީ 12،944 ރުފިޔާގެ ބަދަލުގައި އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެއީ ގާތްގަނޑަކަށް 67 ޕަސެންޓުގެ ކުރިއެރުމެކެވެ.