މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އެލަވަންސެން ދޭން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން އިއުލާން ކުރެއްވީ މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އިންޓާން އެލެވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރޭޑިއޭޝަން ތެރަޕިސްޓުންނާއި މެޑިކަލް ފިޒިސިސްޓުންނާއި ފާމަކޮލޮޖިސްޓުންނާއި ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަގާމުތަކުގައި މި ވަގުތު ދިވެހިންނެއް ނެތް ނަމަވެސް އެއީ ފަންނީ އަދި މުސާރަ ބޮޑު ވަޒީފާތަކެއް ކަމުން އެފަދަ ފަންނުތަކުން ދިވެހިން ބިނާކުރުމަށް ސްކޮލަޝިޕާއި ލޯނު ޕްރޮގްރާމްތައް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވަނީ، މާދަމާއިން ފެށިގެން ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންނާއި ސޯޝަލް ވޯކަރުންނާއި ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަވެސް ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އެގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެމުން އައީ 12،944 ރުފިޔާގެ ބަދަލުގައި އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެއީ ގާތްގަނޑަކަށް 67 ޕަސެންޓުގެ ކުރިއެރުމެކެވެ.