ޚަބަރު

ސީނިއާ ރަޖިސްޓަޑް ނަރުހުންގެ މުސާރަ 29 ހާހަށް، ސްޕެޝަލިސްޓް ނަރުހުންގެ މުސާރަ 41 ހާހަށް ބޮޑުކޮށްފި

އަލީ ޔާމިން

ނަރުހުންގެ މުސާރަ 41،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ.

ނަރުހުން ހިމެނޭހެން ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށާއި މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައިިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން ސީނިއާ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ ކަމަށެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން ކަމަށެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުން ދަތި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮ ބަދަލާއެކު، މިދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުން" ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.