ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ރެއާލް ބެޓިސް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ބާސާއިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެޓީމުން ވަނީ ލީގު ނެގުމަށް އަނެއްކާވެސް ފިޔަވަޅެއް ގާތަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން މިހަފުތާގައި ކުޅުނު މެޗުން މޮޅުވި ނަމަވެސް ބާސާ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓްގެ ލީޑެއްގައެވެ. ބާސާއާއި ރެއާލްއަށްވެސް ލީގުގައި ބާކީ ހަ މެޗު އޮތް އިރު، ބާސާ އެއްވަނައިގައި އޮތީ 32 މެޗުން 79 ޕޮއިންޓާ އެކުގައެވެ. ރެއާލް ދެވަނައިގައި އޮތީ އެ އަދަދަށް މެޗު ކުޅެ، 68 ޕޮއިންޓާ އެކުގައެވެ.

ބާސާއިން ރޭ ބެޓިސް ކޮޅަށް ފުރަތަމަ ގޯލު ޖެހީ 14 ވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ އަންދްރޭސް ކްރިސްޓިއަންސަންއެވެ. އެ ގޯލާއެކު މެޗު ކޮންޓްރޯލް ކުރަމުންދިޔަ ބާސާއިން ހާފު ނިންމާލީ އިތުރު ދެ ގޯލު ޖަހައި ތިން ގޯލުގެ ލީޑެއް ނަގައިގެންނެވެ.

ބާސާއިން ފުރަތަމަ ހާފުގައި ޖެހި އަނެއް ދެ ގޯލަކީ ރޮބާޓް ލެވަންޑޯސްކީ އާއި ރަފީނިއާ ޖެހި ގޯލުތަކެވެ. ބާސާއިން މެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލުތަކެއް ޖެހީ ރެއާލް ބެޓިސްގެ ގޮންޒާލޭސްއަށް ރަތް ކާޑެއް ދެއްކުމާއެކު، ބެޓިސްއިން ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދަނިކޮށެވެ. ދެވަނަ ހާފުގައި ބާސާއިން ޖެހި ގޯލަކީ ގުއިޑޯ ރޮޑްރީގޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މެޗުގެ 84 ވަނަ މިނެޓުގައި ބާސާގެ އެކަޑެމީ ޕްރޮޑަކްޓް، ގަވީގެ ބަދަލުގައި ކޯޗު ޒަވީ ހެނާންޑޭޒް ކުޅުމަށް ނެރެފަައި ވަނީ އުމުރުން 15 އަހަރާއި 290 ދުވަސްވެފައިވާ ލަމީނޭ ޔަމާލް އެވެ. މެޗަށް ޔަމާލް ނުކުތުމާއެކު އޭނާ ވެފައި ވަނީ ބާސާގެ ތާރީހުގައިވެސް އެންމެ ޒުވާން އުމުރުގައި އެޓީމަށް ކުޅުނު ކުޅުންތެރިޔާއަށެވެ. އޭނާއަކީ ލަލީގާގެ ތާރީހުގައިވެސް ފެނިގެން ދިޔަ ފަސް ވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ.