ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގައި ޑީލެއް ހެއްދެވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިޔަސް، އެފަދަ ޑީލެއް ހައްދަވާފައި ނުވާނެ ކަމަށާއި އެކަން ހުށަހަޅައިގެން ބެލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިމުގެ މައްސަލައިގައި ސަރުކާރުން ކަންތައްކުރި ގޮތާ ގުޅިގެން އެއްވެސް މީހެއްގެ މައްސަލައެއް އޮތްނަމަ، ކަމާބެހޭ އިދާރާއަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވީ ކަމަށެވެ.
"މި 500 މިލިއަން ޑޮލަރެއް ނެގި ވާހަކަ އެބަދައްކާ. އަޅުގަނޑު ކުރިންވެސް ދެންނެވިން އަޅުގަނޑުމެން އެއްވެސް މީހަކާ ދޭތެރޭގެ އެއްވެސް ކަހަލަ ތުހުމަތެއް އެއްވެސް ބޭފުޅެއްގެ އޮތްކަމަށްޏާ ކުރިއަށް ވަޑައިގަންނަވާ. ހުށަހަޅުއްވަންވީ ބައްލަވަންނީ. އަޅުގަނޑުމެން ޖަވާބުދާރީވާނަން. ހަމަގައިމުވެސް އަޅުގަނޑެއް މިތާ މިތިއްބެވި އެއްވެސް ބޭފުޅެއް، އެފަދަކަމެއް ނުކުރައްވާނެ. މިކަހަލަ ޑީލެއްގައި ބައިވެރިވެވަޑައިގެންފައި ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލިސް މެމްބަރުން އޭނާއަށް 500 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތެއް ކުރެއްވިޔަސް، އެކަމުގެ ދިފާއުގައި އަނބުރު ދައުވާ ނުކުރައްވާ ކަަމަށެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ދައްކާ ވާހަކަތަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަމަށާއި މެމްބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ވާހަކަ ދެއްކެވި މެމްބަރެއްގެ މައްސަލަވެސް ނުބެލޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު