އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދައިފިއެވެ.
ޓީނޭޖުން އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ބައިބަލާ ޗެމްޕިއަންކަން ހޯދީ ހުޅުމާލޭ ބައިބަލާ މައިދާނުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި ސީދާ ދެގޭމުން ހުޅުމާލެ ސްޕޯޓްސް ބަލިކޮށްގެންނެވެ.
މިރޭގެ ފައިނަލަށް ނުކުތް އިރު، ބައިބަލާގެ ތާރީހުގައި ކާމިޔާބުކޮށް އޮތީ ކްލަބު ޓީނޭޖެވެ. އެޓީމުން ވަނީ މީގެ ކުރިން ބައިބަލާ މުބާރާތުގެ ފައިނަލުގައިި ހަތަރު ފަހަރު ކުޅެ، ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިރޭ ހުޅުމާލެ ސްޕޯޓްސްއިން ނުކުތީ ބައިބަލާގެ ތާރީހުގައި އެޓީމުގެ ފުރަތަމަ ފައިނަލަށެވެ. ވަރުގަދަ ޓީމުތައް ކަޓުވާލައި ދެޓީމުންވެސް ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ޓީމުގައި މީގެ ކުރިން މިސްޓަ ބައިބަލާ ހޯދާފައިވާ ވަރުގަދަ ކުޅުންތެރިން ފާހަގަވެގެން ގޮސްފައިވެއެވެ.
ސަޕޯޓަރުން ފުރިބާރުވެފައި އޮތް ބައިބަލާ މައިދާނުގައި މިރޭ ކުޅެވިގެން ދިޔަ ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި އެތެރެއިން ކުޅުނީ ކްލަބު ޓީނޭޖެވެ. ފުރަތަމަ ގޭމުގައި ޓީނޭޖުން އެތެރެ ގޭމް ރަނގަޅަށް ފަށައި، ފުރަތަމަ ތިން މިނެޓު ތެރޭގައި ބޮޑު ލީޑެއް ނެގިއެވެ. ޓީނޭޖުގެ އެތެރެ ގޭމުގައި އަބްދުލް ޝުކޫރުގެ ތަފާތު ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ގޭމްގެ ބާކީ މިނެޓަކަށްވީ އިރު، އެތެރެއިން ކުޅެމުންދިޔަ ޓީނޭޖުން އޮތީ 14-2ގެ ލީޑެއްގައެވެ. އެ ލީޑު އިތުރަށް ފުޅާކޮށް، އެތެރެއިން ކުޅެ ޓީނޭޖު ގޭމް ގެންދިޔައީ 14-5 އިންނެވެ.
ހުޅުމާލެ ސްޕޯޓްސްއިންވެސް އެތެރެ ގޭމް ފެށީ ރަނގަޅަށެވެ. ފުރަތަމަ ތިން މިނެޓު ނިމުނު އިރު، އެޓީމުން އޮތީ 12-2 ގެ ލީޑެއްގައެވެ. އެހެންނަމަވެސް އެހިސާބުން ޓީނޭޖުން ބޭރު ކުޅުން މަޑުމަޑުން ރަނގަޅުކޮށް، ގޭމު އަނބުރާލުމާ ދިމާލަށް ދިޔައެވެ. ބޭރު ގޭމްގައި ޓީނޭޖުގެ އަސްލަމް ވަހީދާއި އަހުމަދު މުހައްމަދު (އަންމަޑޭ)ގެ ތަފާތު ފެނިގެން ދިޔައެވެ. އެ ތަފާތާއެކު 8-6 އިން ދެވަނަ ގޭމް ގެންގޮސް، ޓީނޭޖުން ދެވަނަ ގޭމް ގެންގޮސް، ޗެމްޕިއަންކަން ޔަގީންކުރިއެވެ.
ބައިބަލާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ކުޅެމުންދާ އެންމެ ޒަމާންވީ އެއް ސަގާފީ ކުޅިވަރެވެ. ރާއްޖޭގައި ރަސްމީކޮށް ބައިބަލާ ބާއްވަން ފެށީ ތާރީހު ދައްކާ ގޮތުން 1996 ވަނަ އަހަރުއެވެ. އޭގެފަހުން ބަރާބަރަށް ކޮންމެ އަހަރަކު މުބާރާތް ބައްވަމުން އައިސް ކޮވިޑާ ގުޅިގެން ދެ އަހަރަކަށް މެދުކެނޑުމަށްފަހު މިއަހަރު މުބާރާތް ބާއްވާފައިވަނީ ތަފާތު ރޫހެއްގައެވެ. މިފަހަރަކީ މާލެއިން ބޭރު، ހުޅުމާލޭގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. ހަމައެއާއެކު މައިދާން ފުރިހަމައަށް ތައްޔާރުކޮށް އެސޯސިއޭޝަނުން ވަނީ ފުރިހަމަ މުބާރާތެއް ބާއްވާފައެވެ.
މިރޭގެ ފައިނަލް ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެސްޓީއޯގެ އެންމެޑީ އަބްދުﷲ ސައީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އާބަންކޯގެ އެމްޑީ އަހުމަދު އާތިފެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.