މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ ފައިނަލުގެ ޖާގަތައް ހުޅުމާލެ ސްޕޯޓްސް އާއި އެންމެފަހުގެ ރަނަރަޕް ކްލަބު ޓީނޭޖު ދަތުރުކޮށްފިއެވެ.
ބައިބަލާ ޗެލެންޖްގައި މިރޭ ކުޅުމަށް ތާވަލު ކޮށްފައި ވަނީ ސެމީ ފައިނަލުގެ މެޗުތަކުގެ އިތުރުން ފައިނަލް މެޗެވެ. މިރޭ ފުރަތަމަ ސެމީގައި ވީކޭ ސްޕޯޓްސްއާއި ހުޅުމާލެ ސްޕޯޓްސް ވާދަކޮށްފައިވާ އިރު، އެ މެޗު ހުޅުމާލެ ސްޕޯޓްސްއިން ކާމިޔާބުކުރީ ފުރަތަމަ އެތެރެ ގޭމް ބޮޑު ތަފާތަކުން ގެންގޮސް، ބޭރުން ކުޅުނު ގޭމު އެއްވަރު ކޮށްލައިގެންނެވެ.
ފުރަތަމަ ގޭމުގައި ހުޅުމާލެ ސްޕޯޓްސް އެތެރެއިން ކުޅެ، ގޭމް ގެންދިޔައީ 17-1 އިންނެވެ. ހުޅުމާލެ ސްޕޯޓްސްއިން ބޭރުން ކުޅެ، ގާތް ގަނޑަކަށް ތިން މިނެޓާއި 27 ސިކުންތު ބާކީ އޮއްވާ، 5-5 އިން ނަތީޖާ އެއްވަރުކޮށް، ފައިނަލް ޔަގީންކުރިއެވެ.
ދެވަނަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓާއި އެންމެފަހުގެ ރަނަރަޕް ކްލަބު ޓީނޭޖު ވާދަކުރި އިރު، ފުރަތަމަ ގޭމުގައި އެތެރެއިން ކުޅުނު އީސްޓް ކޯސްޓުންނެވެ. މިރޭގެ މެޗުގައިވެސް އެތެރެ ގޭމުގައި އީސްޓް ކޯސްޓުން ފެށީ ވަރުގަދަކޮށެވެ. ކުޅުންތެރިޔަކު ނުބައި ކުރިޔަ ނުދީ، ހަތަރު ކުޅުންތެރިން ހިފަހައްޓާ އެޓީމުން ރަނގަޅަށް ފެށި އިރު، ޓީނޭޖުން ގޭމު އަނބުރާލަން ކުރި މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.
އެންމެފަހުގެ މިސްޓާ ބައިބަލާ އަސްލަމް ވަހީދު، މި މުބާރާތުގައި މޮޅަށް ކުޅެމުންދާ ޓީނޭޖު މުހައްމަދު ލުފްޝާން (ޕަފް) އަށްވެސް ފުރަތަމަ ކޮޅުގައި އީސްޓް ކޯސްޓުގެ ކުޅުންތެރިޔަކު ގެންދިޔުންވީ އުނދަގޫ ކަމަށެވެ.
އެހެން ނަމަވެސް ބާކީ އެއް މިނެޓް 30 ވަރަކަށް ސިކުންތު އޮއްވާ ޓީނޭޖުން ބޭރު ގޭމު ވަރުގަދަކޮށް، އަސްލަމް ފަދަ ކުޅުންތެރިން ތަފާތު ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން 9-8 އަކުން ގޭމް އަނބުރާލައި، ގޭމް ގެންދިޔައެވެ.
ދެވަނަ ގޭމު އީސްޓް ކޯސްޓުން ފެށީ ރަނގަޅަށެވެ. 30 ސިކުންތުގެ ތެރޭގައި ދެ ކުޅުންތެރިން ގެންގޮސްފައިވާ އިރު، އޭގެ ފަހުން ޓީނޭޖުން އެޓީމު މަޑު ޖައްސާލިއެވެ. އެހެން ނަމަވެސް ގޭމުގެ ފަހުކޮޅުގައި އީސްޓް ކޯސްޓުން ކުޅުން ރަނގަޅުކޮށް، މަޑުމަޑުން ނަތީޖާގެ ފަރަގުކުޑަކުރަމުން ދިޔައެވެ. އެއް މިނެޓް 34 ސިކުންތު ބާކީ އޮތް އިރު، ސްކޯ އޮތީ ޓީނޭޖު ކޮޅުގައި 8-5 އިންނެވެ.
ދެވަނަ ގޭމުގެ ފަހުވަގުތު ކޮޅު ފޯރިގަދަކޮށް ދިޔަ އިރު، 37 ސިކުންތު ބާކީ އޮއްވާ އީސްޓް ކޯސްޓަށް ގޭމް އަނބުރާލަ ދިނީ ހަސަން މާހިރު (ހަންޓޭ) ބޭރުން އަރައި ދެ ކުޅުންތެރިން ނުބައިކޮށް، 6-8 އަކުން ގޭމް އަނބުރާލައިގެންނެވެ.
އެ ނަތީޖާއާއެކު މެޗު ގަދަހިފުމަށް ގޮސްފައިވާ އިިރު، ގަދަހިފުމުގެ ފުރަތަމަ ބުރުން ދެޓީމުންވެސް ބޭރުން އެރި ކުޅުންތެރިން ގޭމް ގެންދިޔުމުން ތިންފަނަ ހިފުމަކަށް ދިޔައެވެ. ތިންވަނަ ހިފުމުގައި ޓީނޭޖު ބޭރުން އަރައި ގޭމް ގެންގޮސް، ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލް ޔަގީންކުރިއެވެ.
އަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.