ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލަ ރާއްޖެއިން ހައްލުކުރީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މޮރިޝަސްއިން ފޯޅަވަހީގެ އިމުގެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ދައުވާކުރީ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. ހުށަހެޅީ ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.
މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ. ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި މިހާރު އިއްވަމުން އަންނަ ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ
ރާއްޖެއަށް އެ މައްސަލަ ކާމިޔާބުވުމާ ގުޅިގެން ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން ދެކުނުގައި މިއަދުން ފެށިގެން މެރިޓައިމް ބައުންޑަރީއެއް ކަނޑައެޅިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންވަނީ ބައިނަލްއަގުވާމީ ގާނޫނު އަދި ބައިނަލްއަގުވާމީ އުސޫލުތަކަށް ބޯލަނބާފައި. ބައިނަގްއަގުވާމީ ނިޒާމަށް އަޅުގަނޑުމެން ކުރި އިތުބާރުގެ ސަބަބުން އެކްސް ކްލޫޒިވް އިކޮނޮމިކް ޒޯންގައި ވަނީ ބައުންޑަރީ އެޅިފައި،" ޝާހިދު ވިދާޅުވިއެވެ.
އިޓްލޮސްގައި ރާއްޖެ ތަމްސީލުކުރެއްވި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަތު ހިމާޔަތްކޮށްފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ރާއްޖެއަށް މިހާރު މެރިޓައިމް ބައުންޑަރީއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު