އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، ނިއުކާސަލް ޔުނައިޓެޑުން 4-1 އިން އެވަޓަން ބަލިކޮށްފިއެވެ.

ރޭ ޓޮޓެންހަމް ދަނޑުގައި ޔުނައިޓެ ދެ ގޯލު ޖަހައި ލީޑެއްގައި އޮއްވައި، ފަހަތުން އަރައި ޓޮޓެންހަމްއިން އެއްވަރުކޮށްފައިވާ އިރު، އެ ނަތީޖާއާއެކު އެޓީމަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ.

ރޭގެ މެޗަށް ޓޮޓެންހަމް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. އެޓީމަށް މި ސީޒަނުގައި އިރުޝާދު ދެމުންދިޔަ ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށް، ފަހުން ހަވާލުވި ވަގުތީ ކޯޗު ކްރިސްޓިއަން ސްޓެލީނީވެސް މީގެ ތިން ދުވަސްކުރިން ވަނީ މަގާމުން ވަކިކޮށްފައެވެ. ސްޓެލީނީ ވަކިކުރީ އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުގެ ނަތީޖާ ދަށްވެގެންނެވެ. އަދި ރޭގެ މެޗުގެ ކުރިން އެންމެފަހުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ދަށް ނަތީޖާގެ ސަބަބުންނެވެ.

ރޭގެ މެޗުގެ ކުރިން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ވެގެން ދިޔައީ ލަދުވެތި ނަތީޖާއަކުން ބަލިވި މެޗަކަށެވެ. އެ މެޗުން ޓޮޓެންހަމް ބަލިވީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 21 މިނެޓުގައި ނިއުކާސަލްއިން ވަނީ ޓޮޓެންހަމް ކޮޅަށް ފަސް ގޯލު ޖަހައިފައެވެ. ރޭގެ މެޗުގައި ޓޮޓެންހަމް ކޯޗުކަމަށް ނުކުތީ ކުރިންވެސް ވަގުތީ ކޯޗަކަށް އެއް ފަހަރު މަތިންހުރި ރަޔަން މޭސަންއެވެ.

ރޭ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގިއެވެ. އެ ގޯލަކީ ޖޯޑަން ސަންޗޯ ޖެހި ގޯލެކެވެ. އެ ގޯލާއެކު ލީޑު ނަގައިގެން ކުޅެމުންދިޔަ ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާވެސް ކޮށްގެންނެވެ. އެ ގޯލު ޖެހީ މާކަސް ރަޝްފޯޑެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުން ކޮންޓްރޯލުކޮށް ރަނގަޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ޓޮޓެންހަމްއިން އޮއެވަރު ބަދަލުކޮށްލިއެވެ. 56 ވަނަ މިނެޓުގައި ޕެޑްރޯ ޕޯރޯ ޖެހި ގޯލުން އުންމީދު އާކޮށް، ޓޮޓެންހަމްއަށް ރޭ ނަތީޖާ ހަމަހަމަކޮށްދިނީ ހިއުން-މިން ސޮންއެވެ.

ރޭ ނިއުކާސަލްއިން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ ހެރީ ވިލްސަން އާއި ޖޮއެލިންޓަން އަދި ޖެކޮބް މާފީއެވެ. ވިލްސަން މެޗުގައި ދެ ގޯލު ޖެހި އިރު، އެވަޓަންގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނެޓްގައި ޑްވައިޓް މެކްނީލެވެ.

ރޭގެ ނަތީޖާތަކާއެކު ނިއުކާސަލް ތިން ވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓާ އެކުގައެވެ. ހަތަރު ވަނައިގައި ޔުނައިޓެޑް އޮތީ 31 މެޗުން 60 ޕޮއިންޓާ އެކުގައެވެ. ޓޮޓެންހަމް މިވަގުތު ފަސް ވަނައިގައި އޮތީ 33 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.