Close
ބައިބަލާ

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ފޯރިގަދަ ސެމީ މެޗުތަކާއި ފައިނަލް މިރޭ

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު މިރޭ އޮންނާނެއެވެ.

މުބާރާތުގެ ވަރުގަދަ ކުއާޓާ ފައިނަލް ކުރިމަތިލުންތައް ރޭ ނިމިގެން ގޮސްފައިވާ އިރު، މެޗުތައް ފެނުނީ ފޯރިގަދަ މެޗުތަކެއްގެ ގޮތުގައެވެ. ރޭގެ މެޗުތަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލް ޔަގީންކުރީ ވީކޭ ސްޕޯޓްސް އާއި ޔުނައިޓެޑް އީސްޓް ކޯސްޓްގެ އިތުރުން ހުޅުމާލެ ސްޕޯޓްސް ކްލަބު އަދި ކްލަބު ޓީނޭޖެވެ.

ރޭގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ވީކޭއިން މަސްއޮޑި ޓައިޓަންސް ކައިރިން މޮޅުވީ ގަދަހިފުމަށް ގޮސް، 2-1 އިންނެވެ. ރޭގެ ފުރަތަމަ ގޭމް ވީކޭއިން 9-8 އިން ގެންދިޔަ އިރު، މަސްއޮޑިން ދެވަނަ ގޭމް 17-3 އިން ގެންގޮސް ގަދަ ހިފުމަކަށް ދިޔައެވެ. ގަދަހިފުން ވީކޭއިން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މުހައްމަދު ނަޒާހް ހަނީފެވެ.

ރޭގެ ދެވަނަ ކުއާޓާ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯ ބަލިކޮށް، ޔުނައިޓެޑް އީސްޓް ކޯސްޓުން ސެމީ ޔަގީންކުރީ ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. އެ މެޗުގެ ގޭމްތައް އީސްޓް ކޯސްޓުން ގެންދިޔައީ 9-10 އަދި 17-2 އިންނެވެ. މޮޅު ކުޅުންތެރިޔަކީ ޔުނައިޓެޑް އީސްޓް ކޯސްޓުގެ ހަސަން މާހިރު (ހަންޓޭ) އެވެ.

ހުޅުމާލެ ސްޕޯޓްސް ކްލަބުން ސެމީ ޔަގީންކުރީ ސީދާ ދެ ގޭމުން ބްރަދާހޫޑް ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އެ މެޗުގެ ގޭމުތައް ހުޅުމާލެއިން ގެންދިޔައީ 6-4 އަދި 16-5 އިންނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޅުމާލެ ސްޕޯޓްސް ކްލަބުގެ ހުސައިން ސިމާޒު (ކޮކީ) އެވެ.

ރޭގެ ފަހު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި ކްލަބު ޓީނޭޖުން ނުކުތީ އެންމެ ފަހުގެ ރަނަރަޕް ކްލަބު ޓީނޭޖާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ގޭމް ކާސިންޖީން 14-3 ގެންގޮސް، ދެވަނަ ގޭމަށް ނުކުތީ އުންމީދާ އެކުގައެވެ. ދެވަނަ ގޭމުގެ ބޮޑު ބައެއްގައި ކާސިންޖީން ކޮންޓްރޯލްކޮށް ކުޅުނު ނަމަވެސް، ޓީނޭޖުން ވަނީ އެތެރެއިން ކުޅެ 10-9 އިން ގޭމް ގެސްގޮސް، ގަދަހިފުމަކަށް ގޮސްފައެވެ.

ގަދަހިފުމަށް ޓީނޭޖުން އެތެރެއަށް ނުކުތް މުހައްމަދު ލުފްޝާން (ޕަފް) އެތެރެ ގޭމުން މޮޅުވެ، ޓީނޭޖުން ގަދަ ހިފުން ގެންދިޔައީ ސީދާ ދެގޭމުންނެވެ.

އަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ ސެމީ ދެ މެޗާއި ފައިނަލް މެޗު މިރެއަށް ތާވަލު ކޮށްފައިވާ އިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި 8:30 ގައި ވީކޭ ސްޕޯޓްސްއިން ނުކުންނާނީ ހުޅުމާލެ ސްޕޯޓްސްއާ ދެކޮޅަށެވެ. އޭގެ ފަހުން 9:15 ގައި ޔުނައިޓެޑް އީސްޓް ކޯސްޓުން ނުކުންނާނީ ކްލަބު ޓީނޭޖާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މިރޭ 11:00 ގައެވެ.