ޕްރެސިޑެންޓްސް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ، ކްލަބު އީގަލްސް އިން ހޯދައިފިއެވެ.
މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި އީގަލްސް އިން ފައިނަލް ޔަގީންކުރީ، އިތުރު ވަގުތަށް ކުޅެ، 2-1 އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. މިއަދު ކުޅުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު 30 މިނެޓު ކުޅެގެންނެވެ. މިއީ 2016 ވަނަ އަހަރަށްފަހު އީގަލްސްއިން ޕްރެސިޑެންޓްސް ކަޕުގެ ފައިނަލަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ.
އީގަލްސް އިން މިހާތަނަށް ފުރަތަމަ ޑިވިޝަންގައި ހޯދި އެންމެ ބޮޑު އަދި އެންމެ ތާރީހީ ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބު ކުރުމެވެ. އެ ޓީމުން އެ ކާމިޔާބީ ހާސިލުކުރީ މިހާރުގެވެސް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އާއެކުއެވެ. އެ ކާމިޔާބީ ތަކުރާރުކުރުމަށް އީގަލްސް އިން މަސައްކަތް ކުރަމުންދާ އިރު، މިއަދުގެ ސެމީއާ ހަމައަށް އެ ޓީމު އައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އީގަލްސް އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ދެވަނަ މެޗުގައި ފަސޭހަ ކަމާއެކު ކްލަބު ވެލެންސިއާ ބަލިކުރިއެވެ.
އަނެއްކޮޅުން ބުރަށް މިއީ މުޅިން އާ ތަޖުރިބާއެކެވެ. ފުރަތަމަ ޑިވިޝަނަށް މި އަހަރު އައި ބުރަށް ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލަކީ ކާމިޔާބީއަކަށްވެފައި އޮތްއިރު، އެ ޓީމުން ސެމީ ޔަގީންކުރީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ.
ދެ ޓީމުންވެސް އެންމެފަހުން ކުޅުނު މެޗުތަކުގައި ބޭނުންކުރި ފުރަތަމަ 11 އަށް މާބޮޑު ބަދަލެއް ނުގެނެސް މިއަދުގެ މެޗަށް ނުކުމެފައިވާ އިރު، އީގަލްސްއަށް ލިބުނު ހިތްވަރަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަހުމަދު ރިޒުވާން (ރިޒޭ) ފިޓްވެ، މިއަދުގެ 11 އަށް ނުކުތުމެވެ.
މެޗުގެ ފެށުން ދާދި ހަމަހަމަކޮށް ފެނުނު އިރު، ދެ ޓީމުންވެސް ބެލީ މެޗުގެ ކޮންޓްރޯލް ހޯދޭނެ ގޮތަކަށެވެ. މެދުތެރެއިން ޕާސްތައް ޖަހައި ބޯޅަ ހިފަހައްޓަން މަސައްކަތް ކޮށްފައިވާ އިރު، ފުރަތަމަ ކޮޅުގައި ބުރުގެ ނުރައްކާ ބޮޑެވެ. މެޗުގެ ފުރަތަމަ 10 މިނެޓުގައި ބުރުން ފުރަތަމަ ފުރުސަތެއް ތަނަވަސްކޮށްފައިވާ އިރު، އީގަލްސްގެ މެދުތެރެއިން އިމްރާން ނަޝީދު (އިންމަ) އަތުން ގެއްލުނު ބޯޅައެއްގައި އަލީ ހަމްދާން ކުރިއަށް ޖެހި ނަގައިދިން ބޯޅައަށް ބުރުގެ ކެޕްޓަން މުހައްމަދު ނާއިމަށް ރަނގަޅަށް އެރޭ ގޮތެއް ނުވިއެވެ.
އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ބުރުގެ މުހައްމަދު ތަސްމީން (ތައްތި) ދުރުން ފޮނުވާލި ދެ ހަމަލާއެއް ފާހަގަވެފައިވާ އިރު، އީގަލްސް އިން ވަނީ ހާފުގެ ފަހުކޮޅުގައި ރަނގަޅަށް މެޗު ތެރެއަށް ވަދެފައެވެ. 20 ވަނަ މިނެޓުގައި އިސްމާއީލް އީސަ (މެސީ) އަރިމަތިން ނަގައިދިން ހުރަހަކަށް އިވާން ކާލޯސް ކުރިއަށް ޖެހި ބޮލުން ޖެހި ނަމަވެސް ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
މެޗުގައި އީގަލްސް އިން ފުރަތަމަ ގޯލު ޖެހީ 26 ވަނަ މިނެޓުގައެވެ. ބިދޭސީ ކުޅުންތެރިޔާ އިވާން ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ބޮލުން ގޯލަށް ވައްދާލީ ރިޒޭއެވެ. އެ ގޯލާ އެކު އީގަލްސް އިން ހަމަޖެހިލައި، ހާފު ނިންމާލި އިރު، ހާފުގެ ފަހުކޮޅުގައި ފުރުސަތުތައްވެސް ހޯދިއެވެ. އީސައާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ހަމަލާތައް އުފައްދަން ފުރުސަތު ލިބުނު ނަމަވެސް، މާބޮޑަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފަށް ބުރުން އަހުމަދު ރަޝީދު (އަންމަޑޭ) ކުޅެން ނެރެފައިވާ އިރު، އީގަލްސް އިން ވަނީ އީސަގެ ބަދަލުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ކުޅެން ނެރެފައެވެ. ބުރަށް ހާފުގެ ކުރީކޮޅުގައި ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ. ފުރަތަމަ ހާފުގައިވެސް ރަނގަޅު ފުރުސަތެއް ނަގާލި ނާއިމަށް ލިބުނު ހުސް ފުރުސަތުގައި އޭރިއާ ތެރެއަށް ވަދެ އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުންވެސް ބުރުން ފުރުސަތުތަކަށް މަސައްކަތް ކުރަމުން ގޮސް، ގިނަ ހުރަސްތަކެއް ނެގި ނަމަވެސް އެ ޓީމަށް އެންމެ އެކަށީގެންވާ ހަމަލާއެއް ފޮނުވާލަން ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.
އަނެއްކޮޅުން ހާފުގެ ހަތްވަނަ މިނެޓުގައި އީގަލްސްގެ އިވާނަށްވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ފޭދޫ އިއްބެ ކުރިއަށް ދުއްވާލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ، އިވާން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި އޭގެފަހުން އޭނާ އޭރިއާ ބޭރުން ޖެހި ބާރު ބޯޅައެއް ބުރުގެ ގޯލްކީޕަރު ޝައިހާން އަލީ މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މެޗުގެ އޮއިވަރު ކޮންޓްރޯލްކޮށް ކުޅުނީ ބުރުންނެވެ. އެ ޓީމުން އީގަލްސްގެ ފަހަތަށް ބާރު ބޮޑުކުރަމުން ގޮސްފައިވާ އިރު، މަދުވީ ގޯލެކެވެ. ބުރަށް ގޯލެއް ނުޖެހި ގިނައިރުވަމުން ދިޔަ ވަރަކަށް އީގަލްސް އިން ދިޔައީ ކުޅުން ރަނގަޅު ކުރަމުންނެވެ. ހާފުގެ 20 ވަރަކަށް މިނެޓް ފަހުން އީގަލްސް އަނެއްކާވެސް ނުރައްކާ ކުރަން ފެށިއެވެ.
ކޯނަރެއްގައި އިވާން ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައިރު، ބުރުން 75 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލިއެވެ. ތައްތި ހާފުގެ މެދެއްހާ ހިސާބުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ފުރިހަމަ ސޭވެއްކޮށް ބޭރުކޮށްލީ މުހައްމަދު ޝަފީއު (ޗެކް) އެވެ. ބުރުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ގައެވެ.
އޭރިއާ ތެރެއިން އަބްދުﷲ ސަމީހު މޫސާ، ބުރުގެ އަންމަޑޭއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީގައި ގޯލު ޖެހީ ތައްތިއެވެ. އެ ގޯލާއެކު މެޗު އިތުރަށް ފޯރިގަދަ ވެގެންދިޔައެވެ. އޭގެ މިނެޓެއް ފަހުން އީގަލްސްގެ އިވާނަށް ހުސް ފުރުސަތެއް ލިބި ފޮނުވާލި ބޯޅަ މަތަކޮށް ބޭރުކޮށްލީ ޝައިހާނެވެ. އެ ބޯޅައިގެ ރީބައުންސްގައި އަންމަޑޭއަށްވެސް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އަދި މެޗު ނިމިނިމި އޮއްވާ އަރިމަތިން ކުރިއަށް ޖެހި ރިޒޭ ޖެހި ބާރުބޯޅަވެސް މަތަކޮށް ބޭރުކޮށްލީ ބުރުގެ ކީޕަރު ޝައިހާނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އީގަލްސް އަލުން ލީޑު ނެގިއެވެ. އެ ގޯލަކީ މެދުތެރެއިން އޭރިއާ ބޭރުން ޕޮގްބާ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން، ދެވަނަ ހާފުގައި ބަދަލަކަށް ނުކުތް ޒައިން ޒަފަރު ޖެހި ގޯލެކެވެ. އެ ގޯލާއެކު އީގަލްސް އިން ކުޅުން ރަނގަޅުކޮށް ހަމަލާތައް ގިނަކޮށްލި އިރު، ޕޮގްބާގެ އިތުރު ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައިވެއެވެ. އަދި އިވަން ޖެހި ބާރު ބޯޅައެއް ބުރުގެ ގޯލްކީޕަރު ޝައިހާން ފައިން މަތަކޮށް ބޭރުކޮށްލިއެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިން ފަރާތުންވެސް ވަރުބަލިކަން ފެނިގެން ގޮސްފައިވާ އިރު، ބުރުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލައިފައެވެ. އެ ޓީމުގެ ނާއިމް އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ކަނަށް އަމާޒުވާން ދަނިކޮށް މަތަކޮށް ބޭރުކޮށްލީ ޗެކެވެ. އަނެއްކޮޅުން ފަހު މިނެޓުގައި އީގަލްސްގެ ރިޒޭއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެ، މެޗު ނިމުނީ އެއް ގޯލުގެ ފަރަގަކުން އީގަލްސް މޮޅުވެގެންނެވެ.
ޕްރެސިޑެންޓްސް ކަޕް ސެމީގެ ދެވަނަ މެޗުގައި މިރޭ މާޒިޔާއިން ނުކުންނާނީ ސަސްއާ ދެކޮޅަށެވެ. މިރޭގެ މެޗު އޮންނާނީ 9:00 ގައެވެ.
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް