ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް، ދައުލަތުން ކުރާ ދައުވާގެ މައްސަލަ ލައިވްނުކޮށް އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްވަމުން މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރާތީ އެ ކަންބޮޑުވުން މަޖިލިސް ރައީސަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ކޮންމެވެސް ވަރެއްގެ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ކަމަށް ތުހުމަތުކޮށް އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކުރަމުން ގެންދަނީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)އާ ހިލާފަށް، ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ހައްގުން މަހުރޫމުކޮށް ފުލުފުލުގައި ކަމަށެވެ.