ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު، ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ކަމަށް ބުނާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގެވެ. މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ.
މެންބަރު އަހުމަދު ތޯރިގު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރައީސްގެ މަގާމާ ނައިބު ރައީސް ފައިސަލް ނަސީމު ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބަލަން ޖެހޭ ކަމަށެވެ.
އެއީ އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމާ ހަވާލުވާނީ ނައިބު ރައީސް ކަމަށް ބުނާ މާއްދާއެވެ. އެކަމާ ގުޅިގެން މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަކީ ފައިސަލް ކަމަށް ވެސް ދުސްތޫރީ ގޮތުން ބަލަން ޖެހޭ ކަމަށް ފެންނަން އޮތް ކަމަށްވެސް ގަރާރުގައިވެއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ތޯރިގު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާއާ އެކު އިންތިހާބު ކުރާ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާންޖެހޭ މީހެއްކަން ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ނ) އިން އެނގެން އޮތުމާއެކު، އެ މާއްދާގެ (ރ) އިން އެނގެން އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހަވާލުވާނީ ކޮންމެވެސް ސަބަބަކާ ހުރެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވުމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތައް ކަމަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ކުރުމާއި އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުން ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
"ގާނޫނު އަސާސީގެ 124 ވަނަ މާއްދާއިން ފެށިގެން 126 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް ކިޔައިލުމުން އެ މާއްދާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމު ހުސްވުމުން ނުވަތަ އެ ދެ ބޭފުޅުންނަށް މަގާމުގެ ޒިންމާތައް ވަގުތީގޮތުން އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުން އަމަލު ކުރަންޖެހޭ ގޮތްތައް ބަޔާންކުރާ މާއްދާތައްކަން ސާފުވާކަމާއި ޒިންމާތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސެއްވެސް ނެތްނަމަ އެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާ ފަރާތުން ހުވައެއްކޮށް އިގުރާރެއްގައި ސޮއިކުރަންޖެހޭނެ ކަމުގައިވާ އިރު، ނާއިބު ރައީސް ހުވައިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާފައި ވާތީ އޭގެ ސަބަބުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް ވަނީ އުފެދިފައި،" ތޯރިގު ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި ފައިސަލާ ކުރުވަނިވި ސާފު ހައްލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ގަރާރުގައިވެއެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. ގަރާރު ބޭރުކޮށްލީ އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 40 މެންބަރު ވޯޓު ދެއްވައިގެންނެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސާޖަރީއެއް ހެއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގެން، އެމަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވިއެވެ. އެ ދުވަހުގެ ހެނދުނު 6:00 ގައި ފައިސަލް ނަސީމާ ޒިންމާތައް ހަވާލުކުރެއްވި ނަމަވެސް ހެނދުނު 9:30 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު