އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅުނު އެންމެ މުހިއްމު އެއް މެޗުގައި ރޭ މެންޗެސްޓާ ސިޓީން އާސެނަލް ބަލިކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ރޭ އެޓީމުން އާސެނަލް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ސީޒަނުގެ ބޮޑުބައެއް ތާވަލުގެ އެއްވަނައިގައި ދަމަހައްޓަމުން އަންނަ އާސެނަލާއި އެންމެފަހުގެ ޗެމްޕިއަން ސިޓީން ރޭ ކުޅުނު މެޗަށް ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި އޮތީ، އެ މެޗަކީ ތަށްޓަށް ގޮތް ނިންމޭ މެޗެއްކަން ގަބޫލުކުރެވިފައި އޮތުމުންނެވެ. ސިޓީން ރޭގެ މެޗުން މޮޅުވެ، ޗެމްޕިއަންކަން ދިފާއުކުރުމަށް އަމިއްލަ ބާރު ހޯދި އިރު، އާސެނަލަށް ދެން ތަށި ލިބެން އޮތީ ސިޓީގެ ނަތީޖާތަކަށް ބަރޯސާވެގެންނެވެ.
އާސެނަލުން 2004 ވަނަ އަހަރަށްފަހު ލީގަށް ކުރަމުން އަންނަ އުންމީދު، ރޭގެ މެޗަށް ނުކުތް އިރުވެސް އޮތީ ފަނޑުވެފައެވެ. އެއީ އެންމެފަހުން އެޓީމުން ލީގުގައި ކުޅުނު ތިން މެޗުންވެސް އެއްވަރުވެ، ސިޓީއަށް ފުރުސަތު ބޮޑުވެފައި އޮތުމުންނެވެ. އަނެއްކޮޅުން 2015 ވަނަ އަހަރަށްފަހު އާސެނަލަށް ސިޓީ ދަނޑުގައި މޮޅެއް ހޯދާފައިނުވާ އިރު، ރޭގެ މެޗަށް ނުކުތް އިރުވެސް ފެވަރިޓުންނަކީ ހަމަ ސިޓީއެވެ.
ރޭގެ ނަތީޖާއާއެކު އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 33 މެޗުން 75 ޕޮއިންޓާ އެކުގައެވެ. އެންމެފަހުގެ ޗެމްޕިއަން ސިޓީން ދެވަނައިގައި އޮތީ 31 މެޗުން 73 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގައި ސިޓީން އެޓީމުގެ ފެންވަރު ސާބިތުކޮށްދީފައިވާ އިރު، މެޗުގައި އާސެނަލަށް އެންމެ ބޮޑަށް އުނދަގޫތައް ކުރިމަތިކުރުވީ އާލިން ހާލަންޑާއި ކެވިން ޑި ބްރޭނާއެވެ. އެ ދެކުޅުންތެރިން ކޮމްބިނޭޝަން މެޗުގައި ތަފާތުކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ހަތްވަނަ މިނެޓުގައި ހާލަންޑްގެ ޕާހަކުން ޑި ބްރޭނާ ސިޓީއަށް ލީޑު ނަގައިދިނެވެ. އަދި ސިޓީން ހާފު ނިންމާލީ ޖޯން ސްޓޯންސްގެ އިތުރު ގޯލަކުން ލީޑު ފުޅާކޮށްގެންނެވެ.
ދެވަނަ ހާފަށް ނުކުމެ، ހާލަންޑްގެ ޕާހަކުން އަނެއްކާވެސް ޑި ބްރޭނާ ސިޓީއަށް ގޯލު ޖަހައިދިނެވެ. އެ ޕާސް ހާލަންޑް ދުއްވާލީ އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިންގެ ދެފައިދެގޯޅިންނެވެ.
މެޗަށް އަނބުރާ ވަނުމަށް އާސެނަލުން ކުރި މަސައްކަތުގައި 85 ވަނަ މިނެޓުގައި ހޯލްޑިން އެޓީމަށް ގޯލެއް ޖަހައިދިންނަމަވެސް، ސިޓީން ހަތަރުވަނަ ގޯލަކާއެކު މެޗު ޔަގީންކުރިއެވެ. އެ ގޯލަކީ ހާލަންޑް ޖެހި ގޯލެކެވެ. ސީޒަނުގައި މިހާތަނަށް ޖެހި 49 ވަނަ ގޯލާއެކު ހާލަންޑް ވަނީ މުހައްމަދު ސަލާހުގެ ރެކޯޑުވެސް މުގުރާލައިފައެވެ.
ހާލަންޑަކީ މިހާރު 38 މެޗުގެ ޕްރިމިއާ ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. 2017-18 ވަނަ އަހަރު ސީޒަނުގައި ސަލާހް ލިވަޕޫލަށް 32 ލީގު ގޯލު ޖަހައިދީފައިވާ އިރު، ރޭ ހާލަންޑް ޖެހީ 33 ވަނަ ލީގު ގޯލެކެވެ. އެހެންކަމުން ހާލަންޑް ވަނީ ޕްރިމިއާ ލީގުގެ ތާރީހީ ރެކޯޑެއް ރޭ މުގުރާލައިފައެވެ،
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު