މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގައި ރޭ ކުޅުނު ގަދަ 16 ގެ މެޗުތަކުން މޮޅުވެ، ވީކޭ ސްޕޯޓްސް، ޔުނައިޓެޑް އީސްޓް ކޯސްޓް، ހުޅުމާލެ ސްޕޯޓްސް، ކްލަބު ކާސިންޖީގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން ކްލަބު ވަންއޯވަން އަދި މަސްއޮޑި ޓައިޓަންސްވެސް ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ރޭ މުބާރާތުގައި ޖުމުލަ ހަ މެޗު ކުޅެފައިވާ އިރު، އެ ހަމެޗަކީ ގަދަ 16 ގެ ފަހު ހަމެޗެވެ. ރޭ ގަދަ 16 ނިމި، މުބާރާތުގައި މިރޭ ކުރިއަށްދާނީ ވާދަވެރި ކުއާޓާ ފައިނަލް މެޗުތަކެވެ.
ރޭގެ މެޗުތައް ވާދަވެރި، ފޯރިގަދަ މާހައުލެއްގައި ކުރިއަށް ގޮސްފައިވާ އިރު، ފުރަތަމަ މެޗުގައި ވާދަކުރީ ވީކޭއާއި ވީއޭނާ ސްޕޯޓްސްއެވެ. އެ މެޗު ގަދަހިފުމަށް ގޮސް ކާމިޔާބުކުރީ ވީކޭއެވެ.
މެޗުގެ ފުރަތަމަ ގޭމް ވިއޭނާއިން 7-5 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ވީކޭއިން ގެންދިޔައީ 10-8 އިންނެވެ. ގަދަހިފުމުގައި ވީކޭއިން 2-1 އިން މެޗު ކާމިޔާބުކުރި އިރު، ރޭގެ މެޗުގައި ވީކޭއަށް ގަދަހިފުމުގެ ފަހު ބުރުގައި ލިބުނީވެސް އެތެރެއިން ކުޅުމަށެވެ. ވީކޭގެ ކުޅުންތެރިޔާ އެތެރެއިން އަރައި، ވިއޭނާގެ ކުޅުންތެރިޔާ 15 ސިކުންތުވަންދެން ރިންގުގައި ހިފަހައްޓާލައި އެޓީމަށް ކުއާޓާ ޔަގީން ކޮށްދިނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަދަ ހިފުމުގެ ފަހު ބުރުގައި ވީކޭއަށް ތަފާތު ދެއްކި މުހައްމަދު ނަޒީހެވެ.
ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓުން ވަނީ ފުރަތަމަ ގޭމުން މޮޅުވެ، ދެވަނަ ގޭމު އެއްވަރު ކޮށްލައިގެން ބީޖީ ނިއުޖެނެރޭޝަން ބަލިކޮށްފައެވެ. އެމެޗުގެ ފުރަތަމަ ގޭމް ޔުނައިޓެޑް އީސްޓް ކޯސްޓުން ގެންދިޔައީ 1-18 އިންނެވެ. ދެވަނަ ގޭމް 5-5 އިން އެއްވަރުވުމުން ޔުނައިޓެޑް އީސްޓް ކޯސްޓަށް މޮޅު ޔަގީންވި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު ހިޝާނެވެ.
ހުޅުމާލެ ސްޕޯޓްސްއިން ކުއާޓާ ޔަގީންކުރީ ފޯރިގަދަ މެޗެއްގައި ވަރުގަދަ ލޮރެންޒޯ ކަޓުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ލޮރެންޒޯ އެތެރެއިން ކުޅެފައިވާ އިރު، އެ ގޭމުގެ ބޮޑު ބައެއްގައި ލޮރެންޒޯ އަތުގައި ލީޑު އޮތް ނަމަވެސް، ހުޅުމާލެއިން ވަނީ ފަހު ވަގުތު 11-5 އިން ގޭމް ގެންގޮސްފައެވެ. ދެވަނަ ގޭމް ލޮރެންޒޯއިން 7-6 އިން ގެންގޮސް މެޗު ގަދަ ހިފުމަކަށް ގޮސް، ހުޅުމާލެ މޮޅުވީ 2-1 އިން ގަދަހިފުން ގެންގޮސްގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ހުޅުމާލޭގެ ޝަނީޒު ހާޝިމް އެވެ.
ކްލަބު ކާސިންޖީން ރޭ އެމްސީ ސްޕޯޓްސް ސީދާ ދެ ގޭމުން ބަލިކުރި އިރު، އެޓީމުން ގޭމުތައް ގެންދިޔައީ 14-2 އަދި 11-5 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ކާސިންޖީގެ މުހައްމަދު ޝަޖަން އެވެ.
އެންމެފަހުން ޗެމްޕިއަން އޯވަންއޯއިން ރޭ ޓީސީ ފްރެޓާނެޓީ ބަލިކުރީ ފުރަތަމަ ގޭމުން މޮޅުވެ، ދެވަނަ ގޭމް އެއްވަރު ކޮށްލައިގެންނެވެ. އެ މެޗުގައި އޯވަންއޯއިން ފުރަތަމަ ގޭމް 10-6 އިން ގެންގޮސް، މެޗު ޔަގީންކުރީ ދެވަނަ ގޭމް 6-6 އިން އެއްވަރު ކޮށްލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޯވަންއޯގެ ސަމީމް މަސްއޫދެވެ.
ރޭގެ ފަހު މެޗު އިންތިހާއަށް ފޯރިގަދަކޮށް ފެނުނު އިރު، އެ މެޗުގައި މަސްއޮޑި ޓައިޓަންސްއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރީ ފުރަތަމަ ގޭމުން ދެޓީމު އެއްވަރުވެ، ފަހު ގޭމް ގެންގޮސްގެންނެވެ.
ރޭގެ ފުރަތަމަ ގޭމުގައި ޓީސީން ބޭރުން ކުޅެފައިވާ އިރު، އެ ގޭމް އެއްވަރުވީ 9-9 އިންނެވެ. ދެވަނަ ގޭމުގެ ބޮޑުބައެއްގައިވެސް ޓީސީ ކުރީގައި އޮތް ނަމަވެސް، މަސްއޮޑި ޓައިޓަންސްއިން ވަނީ އަވަސް އަވަސްކޮށް ކުޅުންތެރިން ނުބައިކޮށްލައި، ގޭމުގެ ނަތީޖާ 8-7 އިން އަނބުރާލައި، މޮޅު ހޯދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މަސްއޮޑި ޓައިޓަންސްގެ އިބްރާހީމް އަބްދުލް އަޒީޒެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
21:00 ވީކޭ ސްޕޯޓްސް - މަސްއޮޑި ޓައިޓަންސް
21:30 ކްލަބު ވަންއޯވަން - ޔުނައިޓެޑް އީސްޓް ކޯސްޓް
22:00 ބްރަދާހޫޑް ސްޕޯޓްސް ކްލަބު - ހުޅުމާލެ ސްޕޯޓްސް ކްލަބު
22:30 ކްލަބު ޓީނޭޖު - ކްލަބު ކާސިންޖީ
ބައިބަލާ
ބައިބަލާ
ބައިބަލާ
ބައިބަލާ