ޚަބަރު

އިސްލާހު ފާސްނުކުރުމުން ސަރުކާރުގެ ހެޔޮ ނިޔަތާ މެދު އަނެއްކާވެސް ވަނީ ސުވާލު އުފެދިފައި: އެމްޖޭއޭ

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހެއްކާ ބެހޭ ބިލަށް ގެންނަން ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް އެ ބިލު ފާސްނުކުރުމުން އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތާ މެދު އަނެއްކާވެސް ސުވާލު އުފެދިފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހެއްކާ ބެހޭ ބިލު ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާލައިފައެވެ.

އެކަމާ ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ހަނިވާ ގޮތަށް 2022 ވަނަ އަހަރުގެ ޖުލައިމަހު ތަސްދީގުކުރި އެ ގާނޫނަށް ގެންނަ އިސްލާހު އަނބުރާ ކޮމިޓީއަށް ފޮނުވުމުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"މިއަދުގެ ޖަލްސާގައި އެ ބިލާ އެއްކޮށް ވޯޓު ދީފައިވަނީ، 12 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ، 31 މެންބަރުންނެވެ. ބިލު ފާސްނުވެ ދިއުމަކީ މި ޖަމިއްޔާއިން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމަކަށް ނުވާ އިރު، މިކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތާ މެދު އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައެވެ..،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ތަހުގީގު ކުރާ އިދާރާއަކަށް ނުވަތަ ޕްރޮސިކިއުޓާ ޖެނަރަލަށް ނުވަތަ ތުހުމަތުވާ މީހާއަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ ގޮތަށް އޮތުމުން، އެ ޖަމިއްޔާއިން އައީ އެކަމަށް ފެށުނީއްސުރެ ކަންބޮޑުވުންތައް ފާޅުކުރަމުން ކަމަށާއި އަދި ނޫސްވެރިން އިހުތިޖާޖުވެސް ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެކަމަށް ހައްލު ހޯދައިދީފައި ކަމަށާއި އެގޮތުން ޖުޑިޝަރީ ކޮމިޓީން ބިލު އިސްލާހުކޮށް ފާސްކޮށްފައިވާ ގޮތުން "ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް އެކުލެވޭ ކުށެއް" ކަމަށް ބުނެފައިވަނީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ގައި ބަޔާންކޮށްފައިވާ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި އެނޫން ވެސް ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުންދިނުމުގެ އަމަލުތައް އެކުލެވޭ ކުށްކުށާއި އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ އެނޫން ވެސް އެފަދަ ޖިނާއީ ކުށްތައް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދުކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތަކެއް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ކަމަށާއި އަދި "ޓެރަރިޒަމް ކުށް" ކަމަށް ބުނަނީ "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު"ގެ ދެވަނަ ބާބުގައި ބަޔާންކުރާ ކުށްތައް ކަމުގައި ވެސް ހިމަނާފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

"މި ޖަމިއްޔާއިން ޑިމާންޑް ކުރަނީ ގާނޫނު އިސްލާހުވެގެން އަންނަ އިރު, 'ގައުމީ ސަލާމަތް' އެއްކޮށް އުނިވެގެން ދިއުން ނުވަތަ މިހާރު ކޮމިޓީން ނިންމާފައިވާ ގޮތަށް ގައުމީ ސަލާމަތާ ގުޅޭ ކުށްތަކަކީ ކޮބައިކަމާއި އޭގެން ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީ ހައްގުގެ ތެރެއިން ހިންގާ ސުލްހަވެރި ހަރަކާތްތައް އިސްތިސްނާވާނެ ކަމަށް ކަނޑައެޅުމެވެ. އަދި, ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތުރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ, އެގޮތަށް ގާނޫނު އިސްލާހު ކުރުމަށް.." އެމްޖޭއޭއިން ބުންޏެވެ.

މާދަމާއިން ފެށިގެން މަޖިލިސް ޗުއްޓީއަށްދާ އިރު، އެ ބިލު އަނބުރާ ތަޅުމަށް އަންނަން ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށާއި ނުވަތަ ދެން އަލުން ކޮމިޓީ މަރުހަލާ ނިމި، އެ އިސްލާހުތައް ތަޅުމަށް އަންނާނެ ދުވަހެއް ނޭނގި، ނޫސްވެރިން އިތުރު ބިރުވެރިކަމަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

ހެއްކާ ބެހޭ ބިލު ފާސްކޮށް ސަރުކާރުން ޔަގީންކަން ދިނީ އެ ގާނޫނު ވީއެންމެ އަވަހަކަށް އިސްލާހު ކުރަންކަމަށް އެމްޖޭއޭއިން ބުންޏެވެ. އެ ގާނޫނު އިސްލާހުކުރުމުގެ ގޮތުން ހިޔާލު ހޯދުމަށް އެޓާނީ ޖެނެރަލް އޮފީހުން އެ ޖަމިއްޔާއާ ބައްދަލުކޮށްފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި އެދިފައިވަނީ 136 ވަނަ މާއްދާ ނުހިމެނުމަށް ކަމަށް އެމްޖޭއޭ އިން ބުންޏެވެ. ނަމަވެސް އެ މާއްދާ ގާނޫނުގައި ނުހިމަނަން އެޓާނީ ޖެނެރަލް އޮފީހަށް އެއްބަސްނުވެވޭތީ ޖަމިއްޔާގެ ފަރާތުން ވަނީ ބައެއް އިސްލާހުތައް ހުށަހަޅާފައި ކަމަށެވެ.

"އެގޮތުން, ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މާނަކޮށްދިނުމާއި ތަހުމަތުކުރެވޭ މީހާއަށް މަސްދަރު ހާމަކުރުމަށް އެދުމުގެ ފުރުސަތު ނުދިނުމަށް މި ޖަމިއްޔާއިން އެދުނީމެވެ. އެ ހުށަހެޅުންތަކަށްފަހު, ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި އިސްލާހުގައި މީގެ ތެރެއިން ގިނަ ކަންކަން ހިމަނައި, އާ އެހެން އިސްލާހުތައް ވެސް ހިމެނިއެވެ. އެގޮތުން, ދަށު ކޯޓުގެ ބަދަލުގައި މަސްދަރު ހާމަކުރަން އެދެވޭނީ ހައިކޯޓުގައި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހިމެނިއެވެ. އަދި, ޓެރަރިޒަމް ކުށްތަކަކީ ކޮބައިކަމާއި މަސްދަރު ހާމަކުރަން އެދެވޭނީ ހަމައެކަނި ޕްރޮސިކިއުޓާ ޖެނަރަލަށް ކަމަށް, މި ޖަމިއްޔާއިން އެދުނު ގޮތަށް އިސްލާހުގައި ހިމަނައިދިނެވެ..،" އެމްޖެއޭއިން ބުންޏެވެ.

އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފޮނުވާފައިވާ އިރު، ހެއްކާ ބެހޭ ގާނޫނަށް މިއަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފަށާފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ. އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް ނޫސްވެރިޔަކަށް މަސްދަރު ހާމަކުރަން އަދި މަޖުބޫރުކޮށްފައި ނުވިޔަސް، ފުޅާ ދާއިރާއެއްގައި މާނަ ނެގޭ ގޮތަށް އޮތް އެ ގާނޫނުގެ ދަށުން މިހާރުވެސް މަސްދަރު ހާމަކުރުން މަޖުބޫރު ކުރުމުގެ ހާލަތެއް އޮތުމަކީ ކަންބޮޑުވާކަމެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

ތުހުމަތުވާ ފަރާތަށްވެސް މަސްދަރު ހާމަކުރުމަށް އެދެވޭނެ ގޮތަށް މިހާރު ގާނޫނުގައި އޮތް އިރު، ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަމެއް ސާފުވާން ނެތްކަމަށް އެމްޖޭއޭއިން ބުންޏެވެ.

"އެހެންކަމުން އެ މާއްދާގެ ނާޖައިޒު ބޭނުން ހިފައި، ނޫސްވެރިކަމުގެ ހައްގަށް ހުރަސްއަޅައި ގެއްލުންދިނުމަކީ މިހާރު ވެސް ތަންމިނަށް ހުޅުވިފައިވާ ފުރުސަތެކެވެ. މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސެވެ. ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ފެންވަރު ރަނގަޅު ނޫސްވެރިކަން ކުރެވެނީ މަސްދަރު ހިމާޔަތް ކުރެވޭނެ ފަދަ ނިޒާމުތަކެއް ހަރުދަނާކޮށް ބައްޓަންވެފައި އޮތުމުން..،" އެމްޖޭއޭއިން ބުންޏެވެ.

އެފަދަ ހަރުދަނާ އުސޫލުތަކެއް ރާއްޖޭގައި ގާއިމުނުކޮށް ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި އެހެންކަމުން އެ ބިލު ވީހާވެސް އަވަހަކަށް އިސްލާހުކުރަން ޖެހޭ ކަމަށް އެމްޖޭއޭއިން ބުންޏެވެ.