ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރު ކަމަށް ސޮފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ، އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު ހުސްވި މާޗް މަހުގެ 15ގެ ނިޔަލަށް ހަމަވާތީ، އެ މަގާމަށް މެންބަރަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވިއެވެ. އެ ބޭފުޅުންނަކީ:
- ދަފްތަރު 5143، ޝިހާމް މުހައްމަދު ވަހީދު
- ދ. ކުޑަހުވަދޫ/ ފިނިވާދީ، ޝާން ސޯލިހު މުހައްމަދު
- ވ. ރޯޝަން/ ހުސައިން އަމްރު
- ދ. މީދޫ/ ބިއްލޫރިވިލާ، ސޮފާ ޝަފީގް
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެ ނަންތައް ދިރާސާކުރުމުގެ ތެރެއިން އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓުގެ އިތުރުން ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ނެގި ވޯޓުން ޝިހާމްއާއި ސޮފާ، އެ ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ބްރޯޑްކޮމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށް ކޮމިޓީން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ޝިހާމުގެ ނަމަށެވެ. ނަމަވެސް މަޖިލިސް ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ އޭނާއަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. އެ މަގާމަށް އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ.
ދެން ވޯޓަށް އެކީ ސޮފާގެ ނަމަށެވެ. އޭނާ ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަންކުރަން ފާސްކުރީ 47 މެންބަަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބަވަނީ، އެ ކޮމިޝަންގެ ރައީސާ މަރްޔަމް ވަހީދާ، ނާއިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ އަލީ ޔޫސުފާއި އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު