މި އަހަރުގެ ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް މަޑުމަޑުން ދަށްވާނެ ކަމަށާއި އޭގެ ފަހުން އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ސްޓޭބަލް ވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން އިއްޔެ އާއްމުކުރި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޖީއެސްޓީ ރޭޓަށް ސަރުކާރުން ގެނައި ބަދަލާއެކު މިއަހަރު ޑޮމެސްޓިކް އިންފްލޭޝަން ރޭޓް 3.4 އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުގެ ލަފާތަކަށް ބަލާއިރު އޮކްޓޯބަރު 2022 އަށްވުރެ އިންފްލޭޝަން ދެ ޕަސެންޓް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އޭގެ ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ ކަރަންޓް ސަބްސިޑީއަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތައް މިއަހަރު ތަންފީޒުކުރާނެ ކަމަށް ނުބެލެވޭތީއާއި، 2023 ގެ ބަޖެޓާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރިން ކުރި ލަފާތަކާ އަޅައިބަލާއިރު ދުނިޔޭގެ ހަކަތައާއި މުދަލުގެ އަގު ދަށްވުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި އެ ޖަމިއްޔާތަކުގެ ލަފާތައްވެސް އިސްލާހުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އިންފްލޭޝަން ޓްރެޖެކްޓަރީއާ ގުޅޭގޮތުން އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ރޭޓު މަތިވާނެ އެވެ. ފުރަތަމަ ކުއާޓަރަކީ ޖެނުއަރީން ފެށިގެން މާޗްގެ ނިޔަލަށް ހޭދަވާ މުއްދަތެވެ. ޖީއެސްޓީ ރޭޓަށް ގެނައި ބަދަލުތަކާ އެކު މިދިޔަ އަހަރު ފަހު ކުއާޓަރުގައި އިންފްލޭޝަން ރޭޓު ހުރީ 3.1 ޕަސެންޓުގަ އެވެ.
ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން ކުޑަކޮށް ދަށްވެ، އަހަރުގެ ފަހު ކުއާޓަރުގައި އިންފްލޭޝަން ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުން ރަޝިއާ ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވެ، ޖިއޮޕޮލިޓިކަލްގެ ނުފޫޒުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކާ އެކު، ދުނިޔޭގެ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ހުރަސްތައް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާއިރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށް ތެލުގެ އަގު ދަށަށް ގޮސްދާނެ ކަމަށާއި އޭގެ ސަބަބުންވެސް މިއަހަރުގެ ތެރޭގައި އިންފްލޭޝަން ޕްރެޝަރު ދަށްވުން އެކަށީގެންވާ ކަމަށް ވަނީ އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.