ރޭ ސްޕެނިޝް ލަލީގާގައި ޖިރޯނާއީން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ޖިރޯނާއިން ރޭ އަމިއްލަ ދަނޑުގައި އެންމެފަހުގެ ޗެމްޕިއަން، އަދި ސްޕެއިންގެ ގަދަބާރު ރެއާލް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޖިރޯނާގެ ހަތަރު ގޯލުވެސް ޖަހައިދިނީ ލޯން އެއްބަސްވުމެއްގައި ޖިރޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ވެލަންޓިން ކަސްޓެލާނޯސް އެވެ.

ރޭގެ މެޗަށް ރެއާލްއިން ނުކުތީ އެއް ނަންބަރު ގޯލްކީޕަރު ތީބޯ ކޯޓުއާއާއި ކެޕްޓަން ކަރިމް ބެންޒެމާ ނުލައެވެ. ބެންޒެމާ އަނިޔާގެ ސަބަބުން މެޗަށް ނުކުމެފައި ނުވާ އިރު، ކޯޓުއާއަށް މެޗު ގެއްލުނީ ގޭސްޓްރިކް މައްސަލަތަކެއް އުޅޭތީ ބަލިހާލަތު ހުރި ގޮތުންނެވެ.

މެޗުގެ ފުރަތަމަ 25 މިނެޓު ތެރޭގައި ޖިރޯނާގެ ކަސްޓެލާނޯސް ރެއާލް ކޮޅަށް ދެ ގޯލު ޖެހި އިރު، ހާފު ނިމުމުގެ ކުރިން ވިނީޝިއަސް ޖޫނިއަ ޖެހި ގޯލަކުން ރެއާލް ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހާފު ފަށައިގެން ޖިރޯނާގެ ކަސްޓެލާނޯސް އިތުރު ދެ ގޯލު ޖަހައި ތާރީހު ލިޔެލިއެވެ.

ރެއާލްގެ ދެވަނަ ގޯލަކީ 85 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ޖެހި ގޯލެކެވެ.

މެންޗެސްޓާ ސިޓީ ގްރޫޕުން ހިންގަމުން އަންނަ އެމެރިކާގެ ލީގުގެ ނިއު ޔޯކް ސިޓީގެ ކަސްޓެލާނޯސް މިވަގުތު ސިޓީ ގްރޫޕްގެ ޖިރޯނާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުންދާ އިރު، އުމުރުން 24 އަހަރުގެ ފޯވަޑް މެޗުގައި ބޯޅައިގައި ފައި ޖެއްސީ އެންމެ 15 ފަހަރުއެވެ. ރޭގެ މެޗުގައި ކަސްޓެލާނޯސް ޖެހި ހަތަރު ގޯލާއެކު ސީޒަނުގައި 11 ގޯލު އޭނާ ޖަހައިދީފައިވާ އިރު، އޭނާއަކީ 2021 ވަނަ އަހަރު އެމެރިކާ ލީގުގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާއެވެ.

އެ ސީޒަނުގައި ކަސްޓެލާނޯސް ވަނީ ނިއު ޔޯކް ސިޓީއަށް 32 މެޗުން 19 ގޯލު ޖަހައިދީފައެވެ. އެމެރިކާ ލީގަށް 2018 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ކަސްޓެލާނޯސް ވަނީ ޗިލީއާއި އުރުގުއާއީގެ ލީގުގައި ކުޅެފައެވެ. ކަސްޓެލާނޯސް އަދި މިހާތަނަށް އާޖެންޓީނާ ގައުމީ ޓީމަށް މެޗެއް ކުޅެފައެއް ނުވެއެވެ.

ކަސްޓެލާނޯސް ރޭގެ މެޗުގައި ރެއާލް ކޮޅަށް ހަތަރު ގޯލު ޖެހި އިރު، ލީގުގައި މީގެ ކުރިން އެއް ކުޅުންތެރިޔަކު ރެއާލް ކޮޅަށް ހަތަރު ގޯލު ޖެހީ 1947 ވަނަ އަހަރުއެވެ. އެއީ މީގެ 75 އަހަރު ކުރިންނެވެ. އެފަހަރު ރެއާލް ކޮޅަށް ހަތަރު ގޯލު ޖެހީ ރެއާލް އޮވިއޭޑޯއަށް ކުޅުނު އެންޓެބަން އެޗަވެރިއާއެވެ.

ލީގު ދިފާއުކުރުމަށް ރެއާލްއަށް މިހާރު އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، އެޓީމު ދެވަނައިގައި އޮތީ 31 މެޗުން 65 ޕޮއިންޓާ އެކުގައެވެ. ބާސެލޯނާއިން އެއްވަނައި އޮތީ 30 މެޗުން 76 ޕޮއިންޓާއެކު 11 ޕޮއިންޓުގެ ލީޑެއްގައެވެ. ލީގުގައި ބާސާއަށް ބާކީ އަށް މެޗު އޮތް އިރު، ރެއާލްއަށް ދެން އޮތީ ހަތް މެޗެވެ.