މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ރޭ ކުޅުނު ގަދަ 16ގެ ފުރަތަމަ ދެމެޗު ކާމިޔާބުކޮށް، އެންމެފަހުގެ ރަނަރަޕް ކްލަބު ޓީނޭޖާއި ބްރަދާހޫޑް ސްޕޯޓްސް ކްލަބު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އަންގާރަ ދުވަހުގެ ރޭ ކުޅެން އޮތް މެޗުތައް ރެއަށް ފަސްކޮށްފައި އޮތްއިރު، ރޭ ފުރަތަމަ ކުޅުނީ ފުރަތަމަ ބުރުގެ ފަހު ހަތަރު މެޗެވެ. އެ މެޗުތަކަށްފަހު ވަނީ ގަދަ 16 ގެ ކުޅުން ފަށައިފައެވެ.
ގަދަ 16ގެ ފުރަތަމަ މެޗުގައި ކްލަބު އެސްޑީޒެޑާއި ބްރަދާހޫޑް ވާދަކޮށްފައިވާ އިރު، އެ މެޗު ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ. ބްރަދާހޫޑުން މެޗުގެ ގޭމް 7-6 އިން ގެންގޮސްފައި ވަނިކޮށް އެސްޑީޒެޑުން ދެވަނަ ގޭމު 6-5 އިން ގެންގޮސް މެޗު އެއްވަރު ކޮށްފައިވާ އިރު، ގަދަ ހިފުމުގައި ބްރަދާހޫޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ބްރަދާހޫޑްގެ މުހައްމަދު ވިސާމެވެ.
ރޭ ކުޅުނު ގަދަ 16 ގެ ދެވަނަ މެޗުގައި ކްލަބު ޓީނޭޖުން ސީދާ ދެގޭމުން މަސްއޮޑި ވޯވޯ ބަލިކޮށްފައިވާ އިރު، އެ މެޗުގެ ފުރަތަމަ ގޭމް ޓީނޭޖުން ގެންދިޔައީ 7-4 އިންނެވެ. މެޗުގައި ޓީނޭޖުން ބޭރުން ކުޅުނު ގޭމުގައި އަހުމަދު މުހައްމަދު (އަންމަޑޭ) ގެ ތަފާތު ފެނިގެން ގޮސްފައިވާ އިރު، ވިސްނުން ތޫނު އުކުޅަކާއެކު ތިން ކުޅުންތެރިޔަކު އެއްފަހަރާ ނުބައިކޮށްލިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އަންމަޑޭ އެވެ.
ޓީނޭޖުން އެތެރެ ގޭމުގައިވެސް މޮޅަށް ކުޅެ، ގޭމް ގެންދިޔައީ 15-2 އިންނެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީ އެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
ނޮކްއައުޓް އުސޫލުން ފޯރިގަދަކޮށް މުބާރާތް ކުރިއަށްދާ އިރު، މިރޭ އޮންނާނީ ގަދަ 16 ގެ ބާކީ މެޗުތަކެވެ. މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
21:00 ވީކޭ ސްޕޯޓްސް - ވިއޭނާ ސްޕޯޓްސް
21:30 ބީޖީ ނިއުޖެނެރޭޝަން - ޔުނައިޓެޑް އީސްޓް ކޯސްޓް
22:00 ހުޅުމާލެ ސްޕޯޓްސް - ލޮރެންޒޯ ސްޕޯޓްސް
22:30 ކްލަބު ކާސިންޖީ - އެމްސީ ސްޕޯޓްސް
23:00 ކްލަބު އޯވަންއޯ - ޓީސީ ފްރެޓާނިޓީ
23:30 ޓީސީ ސްޕޯޓްސް - މަސްއޮޑި ޓައިޓަންސް
ބައިބަލާ
ބައިބަލާ
ބައިބަލާ
ބައިބަލާ