މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ރޭ ކުޅުނު ފުރަތަމަ ބުރުގެ ފަހު މެޗުތަކުން މޮޅުވެ، ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް އީސްޓް ކޯސްޓްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބު އަދި އެމްސީ ސްޕޯޓްސްއިން ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ރޭ މުބާރާތުގައި ޖުމުލަ ހަ މެޗު ކުޅެފައިވާ އިރު، ފުރަތަމަ ހަތަރު މެޗަކީ ފުރަތަމަ ބުރުގެ ފަހު މެޗުތަކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަންގާރަ ދުވަހުގެ ރޭ ކުޅެން އޮތް މެޗުތައް ރެއަށް ފަސްކޮށްފައިވާ އިރު، ރޭ ފުރަތަމަ ކުޅުނީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ހުޅުމާލެ ޔުނައިޓެޑް ވާދަކުރި މެޗެވެ.
އެ މެޗު ސީދާ ދެ ގޭމުން ގެންދިޔައީ ލޮރެންޒޯއެވެ. ލޮރެންޒޯއިން ފުރަތަމަ ބޭރުން ކުޅެ، 6-5 އިން ގޭމް ގެންގޮސްފައިވާ އިރު، އެތެރެއިން ކުޅެ ދެވަނަ ގޭމް ގެންދިޔައީ 19-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ލޮރެންޒޯގެ މުހައްމަދު މިރުސާލް ޔާސިރެވެ.
ރޭގެ ދެވަނަ މެޗުގައި ޔުނައިޓެޑް އީސްޓް ކޯސްޓުން ވަނީ ސީދާ ދެ ގޭމުން ހައްހާ ވައިކަންމަތި ބަލިކޮށްފައެވެ. އެ މެޗުގެ ގޭމުތައް އީސްޓް ކޯސްޓުން ގެންދިޔައީ 8-4 އަދި 16-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޔުނައިޓެޑް އީސްޓް ކޯސްޓުގެ އަހުމަދު ނަޒްމީނެވެ.
ރޭ ފުރަތަމަ ބުރުގައި އެންމެފަހުން ކުޅުނު ދެމެޗުވެސް ސީދާ ދެ ގޭމުން ނިމިފައިވާ އިރު، ޓީސީ ސްޕޯޓްސް ކްލަބުން މޮޅުވީ ދަ ވަން ސްޕޯޓްސް ކައިރިންނެވެ. އަދި އެމްސީ ސްޕޯޓްސްއިން ވަނީ ޓީސީ ކްލެސިކް ކައިރިން މޮޅުވެ ގަދަ 16 ޔަގީންކޮށްފައެވެ.
ޓީސީ ސްޕޯޓްސް ކްލަބުން ދަ ވަން ސްޕޯޓްސް ކައިރިން ގޭމްތައް ގެންދިޔައީ 6-5 އަދި 11-9 އިންނެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި އެމްސީ ސްޕޯޓްސްއިން ޓީސީ ކްލެސިކް ކައިރިން ގޭމްތައް ގެންދިޔައީ 7-4 އަދި 11-6 އިންނެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
ނޮކްއައުޓް އުސޫލުން ފޯރިގަދަކޮށް މުބާރާތް ކުރިއަށްދާ އިރު، މިރޭ އޮންނާނީ ގަދަ 16 ގެ ބާކީ މެޗުތަކެވެ. މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
21:00 ވީކޭ ސްޕޯޓްސް - ވިއޭނާ ސްޕޯޓްސް
21:30 ބީޖީ ނިއުޖެނެރޭޝަން - ޔުނައިޓެޑް އީސްޓް ކޯސްޓް
22:00 ހުޅުމާލެ ސްޕޯޓްސް - ލޮރެންޒޯ ސްޕޯޓްސް
22:30 ކްލަބު ކާސިންޖީ - އެމްސީ ސްޕޯޓްސް
23:00 ކްލަބު އޯވަންއޯ - ޓީސީ ފްރެޓާނިޓީ
23:30 ޓީސީ ސްޕޯޓްސް - މަސްއޮޑި ޓައިޓަންސް
ބައިބަލާ
ބައިބަލާ
ބައިބަލާ
ބައިބަލާ