ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މ. އޯޝަން ރީޑު އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު) އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 91 އަހަރުގައި ދޮން މަނިކު އަވަހާރަވީ ރޭ ފަތިހުއެވެ. ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. އޭނާ އަވަހާރަވީ މީގެ އަށް އަހަރު ކުރިން ފެށިގެން ދިރިއުޅުއްވަން ފެއްޓެވި އޮސްޓްރޯލިއާގެ ބްރިސްބެންގައި ކަމަށެވެ.

ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ދޮންމަނިކު ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އިރު، އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގައެވެ. ސަރުކާރަށް 40 އަހަރު ހިދުމަތް ކުރައްވައިގެން ދޮންމަނިކަށް ދެ ވަނަ ޕެންޝަން ލިބިވަޑައިގަތީ އެ މަގާމުގައި ހުންނަވަނިކޮށެވެ.

ސެންސަރުބޯޑުގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 1980 ވަނަ އަހަރުގެ މާޗް 25 ގައެވެ. އެއީ ރާއްޖެއަށް އެތެރެކޮށް ވިއްކާ ފިލްމުތަކާއި ސިނަމާތަކުގައި އަޅުވާ ފިލްމުތައް މުޖުތަމައުއަށް އެކަށީގެންނުވާ މަންޒަރުތަކާއި އަޑު ހުރި ނަމަ، އެ ބައިތައް އުނިކޮށް، ސެންސަރުކުރުމުގެ ޒިންމާ އަދާ އޮތް އޮފީހެވެ. އޭނާ މެދުކެނޑުމެއް ނެތި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް 13 ގައެވެ.

ސަރުކާރުގެ ހިދުމަތާ 1951 ގައި ގުޅިވަޑައިގެންނެވި ދޮންމަނިކު އެންމެ ފުރަތަމަ އަދާކުރައްވަން ފެއްޓެވީ މަހުކަމަތުލް އަމަންއާންމުގެ ކާތިބުކަމުގެ މަގާމުންނެވެ. އޭގެ ފަހުން ވުޒާރަތުއް ދާޚިލިއްޔާގެ ހާއްސަ ވަކީލުކަމާއި ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލްކަމާއި ޕޯސްޓް މާސްޓަ ކަމުގެ މަގާމާއި ކޮންޓްރޯލާ އޮފް ކޮމިއުނިކަބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލް ކަމުގެ މަގާމާއި މެރިން ޑިވިޝަންގެ ވަކީލުކަން ވެސް އަދާކުރައްވައިފައެވެ.

މީގެ އިތުރުން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭނާ ވަނީ ރ. އަތޮޅު، އަތޮޅުވެރިޔާގެ މަގާމުވެސް ފުރުއްވައިފައެވެ.

ދޮން މަނިކަށް ތިން ކައިވެއްޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އިރުތިޝާމް އާދަމް ވިދާޅުވި ގޮތުގައި ބައްޕާފުޅަށް އަބަދުވެސް އެންމެ މުހިންމީ އާއިލާ ކަމަށާއި އާއިލާއަށް ހިދުމަތް ކުރެއްވުމަށާއި އާއިލާގެ ފަލަށްޓަކައި ހުރިހާ ކަމެއް ވެސް ކުރެއްވެވި ބޭފުޅެއް ކަމަށެވެ. ކެވެ. އޭނާ އަވަހާރަވި އިރު، ދުނިޔޭގައި ހުންނެވީ އެންމެ އަނބިކަނބަލެކެވެ. އަދި ސައުވީސް ކާފަ ދަރިންނާއި ހަތަރު މުނިކާފަ ދަރިން އެބަ ތިއްބެވިއެވެ.