Close
ޓެކްނޮލޮޖީ

ފޮށި ޓީވީ ތަކާއި ފަތި ޓީވީތައްވެސް ދޫކޮށް އެންމެން ޑިޖިޓަލް ސޯޝަލް މީޑިއާއަށް

އާދަމް ނަސީރު

ރޭގަނޑު 8ގެ ހަބަރު ބަލަން ގޭގެ ސިޓިންރޫމަށް މުޅި އާއިލާ އެއްވި ޒަމާން މާޒީވެއްޖެއެވެ. އާބާދީ ކުޑަ، އަމުދުން މަދު ރަށެއްގައި ނޫނީ ރޭޑިއޯ ހުޅުވައި އުޅޭ މީހުންވެސް މަދުވެއްޖެއެވެ. ހަބަރު ގަޑިއަށް ރޯޑިއޯތަކުން ހަބަރު އަޑު އަހާ މީހުން ހުސްވެއްޖެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ މި ރޯދަމަހުގެ ޓީވީ ޕުރޮގުރާމްތައް ބަލާނެ މީހުން މަދުވެ ޕުރޮގުރާމްތަކުގައި ބައިވެރިވާނެ މީހެއް އަމުދުން މަދުވެ ކުރިން ހެސް ކިޔާފަ ފޯރި ނެގި މަޖާ، ބޮޑެތި އިނާމު ލިބޭ ޕުރޮގުރާމްތަކުގެ ފޯރި ކެނޑިފައިވާ މަންޒަރު ފެނުމުންނެވެ.

ރޭޑިއޯ އާއި ޓީވީތަކުން މެދު ނުކެނޑި އެކިއެކި ޕުރޮގުރާމްތައް ފޮނުވަމުން ދިޔަ ނަމަވެސް އެ އަޑު އަހައި އަދި އެ ބަލާ މީހުން މިއަދު ވަރަށް މަދުވެއްޖެއެވެ. މިއީ މިއަދު ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ. މިއީ މިއަދު މުޅި ދުނިޔެވެސް ބަދަލުވަމުން އަންނަ ޑިޖިޓަލް ދުނިޔެޭގެ ތެރެއަށް ދިވެހީންވެސް ބާރު އިސްޕީޑުގައި ބަދަލުވަމުން އަންނާތީ ވަމުން އަންނަ ގޮތެވެ.

އެކިއެކި ޓީވީ ޗެނަލްތަކުގެ ޕްރޮގްރާމްތައް ސިޓިން ރޫމުގައި ތިބެގެން، ޓީވީން ބެލުމުގެ ބަދަލުގައި ފޭސްބުކު ލައިވް ނޫނީ ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ބަލާ މީހުންގެ އަދަދު މިއަދު މާ ބޮޑުތަނުންވެސް ގިނައެވެ.

ޒަމާން ބަދަލުވެ މިއަދު މިއީ ކުދި ބޮޑު އެންމެންގެ އަތުގައިވެސް އެންމެ ފަހުގެ މޯބައިލް ފޯނު އޮންނަ ޒަމާނެވެ. ރާއްޖޭގެ އެކިއެކި ޓީވީ ޗެނަލްތަކުން ފޮނުވާ ޓީވީ ޕުރޮގުރާމްތައް ޓީވީ ތަކުން ބަލާ މީހުނަށްވުރެ ފޭސްބުކް ލައިވް، ޔޫޓިއުބް ނުވަތަ އެނޫންވެސް ޑިޖިޓަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފޯނުން ބަލާ މީހުން ގިނަ ވާނެ ކަމަށް ދިރާސާކުރާ ބައެއް މީހުން ބުނެއެވެ.

ރާއްޖޭގައި ހުރި ޓީވީ ޗެނަލްތައް ގޭގޭގައި މި ހުންނަ ޓީވީތަކުން ބަލާ މީހުންގެ ސާފު އަދަދެއް ހޯދޭނެ އިތުބާރު ގޮތެއް ނެތެވެ. ގިނަ ރަށްރަށުގައި އެކިއެކި ގޮތްގޮތަށް ޓީވީ ޗެނަލްތައް ބުރޯޑްކާސްޓް ކުރަމުން އަންނައިރު މި ދެންނެވި ޓީވީ ޗެނަލް ތަކުގެ ބެލުންތެރިގެ ހަގީގީ އަދަދުގެ ސާފު ރެކޯޑެއް ނެތެވެ. ހޯދޭނެ އިތުބާރު ޓެކްނޮލޮޖީއެއްވެސް ރާއްޖޭގައި އަދި ނެތެވެ.

ރަށާއި ގައުމު އަދި ދުނިޔޭގައި ހިނގާ ކަންކަމާއި، ވާނުވާ އޮޅުން ފިލުވުމަށް މިއަދު އެންމެންވެސް ބަލަނީ އޮންލައިން ނޫސްތަކެވެ. ނުވަތަ އެކިއެކި ސޯޝަލް މީޑިއާގެ އެޕްލިކޭޝަން ތަކުގެ ތެރެއިން ފެންނަ ލައިވްތަކާއި އެކިއެކި މީޑިއާ ހައުސްތަކުން ދައްކާ ވީޑިއޯ ޕޯސްޓްތަކާއި ފޭސްބުކް ލައިވްތަކާއި ޓުވީޓްތަކާއި އަދި މިނޫންވެސް ތަފާތު ޑިޖިޓަލް މީޑިއާގެ ވައްތަރުތަކެވެ. މި ދެންނެވި އެއްޗެހި ބަލާ މީހުންނާއި ބަލާ އަދަދާއި ކޮމެންޓު ކުރި އަދަދާއި ލައިކްސް، ޝެއާ އަދި ރިއެކްޝަން ދިންވަރާއި ގޮތްވެސް ފެންނަން ހުރެއެވެ. މި ދެންނެވި މީޑިއާތަކުގެ ނުފޫޒު ގަދަވެގެން ދާ އެންމެ ބޮޑު ސަބަބަކީ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެންވެސް މި ވެބްސައިޓްތަކުން ލިބޭ ހަބަރު ތަކާއި ވީޑިއޯތައް ބަލައިލައި އަޑުތައް އަހާލެވޭ ގޮތް ވުމެވެ.

ފޮށި ޓީވީ ތަކާއި ފަތި ޓީވީ ހުރި ގޭގޭގެ ސިޓިން ރޫމްގައި 8 ގެ ހަބަރަށް ތައްޔާރުވެގެން އިންނާކަށް މިހާރު ނުޖެހެއެވެ. ނުވެސް ތިބޭމެއެވެ. މިނިވަންކަމާއެކު އެކަނި ހުރެގެންވެސް އަދި ބަޔަކާ އެކު ކޮފީ މޭޒުގައި ނުވަތަ ކަނޑުމަތީގައި މަސްވެރިކަމުގައި އުޅެމުންވެސް ހަބަރުތަކާއި ނޫސް ކޮންފަރެންސްތައްވެސް ބަލައިލެވޭ ކަމީ ޑިޖިޓަލް ސޯޝަލް މީޑިއާތައް ވައިގައި ހިފަން މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.

ދުނިޔޭގެ ހަތަރު ބިތުގައި ހިނގާ ކަންކަމުގެ މައުލޫމާތު މިއަދު އެންމެ އަވަހަށް ލިބެނީ ޑިޖިޓަލް ސޯޝަލް މީޑިއާގެ ތެރެއިންނެވެ. މި ދެންނެވި މީޑިއާތައް ބެލޭނެ، އަޑު އެހޭނެ ސުމާޓް ފޯނުތައް އެންމެންގެ އަތުގައި ވެސް އެބަ ހުއްޓެވެ. ޑިޖިޓަލް ސޯޝަލް މީޑިއާއަށް ބޭނުންވާ ހަބަރާއި ވީޑިއޯ އަދި އަޑުތައް ފޮނުވުމަށް ޓީވީ ޗެނަލެއް ހިންގާކަށް މިއަދަކު ނުވެސް ޖެހެއެވެ.

ރާއްޖެއަކީ ޓެކްނޮލޮޖީގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމަކަށް ވާތީ، ކުރިމަގުގައި މިކަން ދާނީ ވަކީން ބޮޑަށް ފުޅާވަމުން ކަމަށް ބެލެވެއެވެ. އެންމެ މައިގަނޑު ސަބަބަކީ އެންމެންގެވެސް ބިޒީ ލައިފެވެ. ވަކި ގަޑިއެއްގައި ވަކި އެއްޗެއް ބަލަން ވަގުތު ހުސްވެގެން ޓީވީއެއްގެ ދޮށަށް ގޮސް އިށީނދެ އިނދެވޭ ވަރަށްވުރެ އެންމެންގެވެސް ވަގުތު ތާއްޓެވެ. ފަސޭހަ ގޮތަކީ އެވަގުތަކު ހުރިތަނަކުން ހަބަރާއި އިވެންޓުތައް ފެންނާނެ ނިޒާމެއްގެ ތެރެއިން އެކަން ކުރުމެވެ. އެއީ އަތުގައި އޮންނަ މޯބައިލް ފޯނެވެ. މޭޒުމަތީގައި ހުންނަ ޑެސްކްޓޮޕް ސިސްޓަމެވެ. އަތުގައި އޮތް ލެޕްޓޮޕް ނުވަތަ އައިޕެޑް ނޫނީ ނޯޓު ފަދަ ވަސީލަތެކެވެ. އެ ހުރި ތަނެއްގައި ހުރެގެން އޮންކޮށްލައިގެން ބަލައިލަންވީ އެވެ.