ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި ކޮންކްރީޓް ގަލުގެ ތިން ވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

މާއުނގޫދޫ ބަނދަރުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 56.33 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން 69،013 ކިއުބިޓް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 3،245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 362 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމެންޓް ހެދުމާއި ރޭޕްމު ހެދުމާއި ކޮންކުރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.