ފޯޅަވަހި ހޯދަން ރައީސް ނަޝީދުގެ ވެރިކަމުގައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅުއްވި ކަމަށް އެމަނިކުފާނު ވިދާޅުވާ ލިއުންތައް ދެއްކެވުމަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަން އެދިވަޑައިގެންފިއެވެ.

ފޯޅަވައްސާއެކު ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރި ދައުވާގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެކަމުގައި އިހުމާލެއް ވޭތޯ ބަލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު އިކްރާމް ވިދާޅާޅުވީ، ފޯލަވައްސަކީ ރާއްޖޭގެ ތަނެއްކަން ދިވެހި ތާރީހާބެހޭ އެއްވެސް ހިސާބަކުން އެނގެން ނެތް ކަމަށެވެ.

"ވޭތުވެދިޔަ ޖަނަރޭޝަންގެ ބައެއް ބޭފުޅުންނާ އަޅުގަނޑުމެންނާވެސް ބައްދަލުވެފައި އެބަހުރި، އެއްވެސް ހިސާބަކުންނެއް ފޯޅަ ވައްސަކީ ރާއްޖެއަށް ނިސްބަތްވާ ތަނެއްގެ ގޮތުގައެއް އަޑުއިވިފަކާއެއް މިހާތަނަކަށް ނެތް، ދެން އަޅުގަނޑު ހިތައް އަރަނީ އިނގިރޭސީންގެ އަތްދަށުގައި އޮތްއިރު ކުރީގެ ވެރިކަންތަކުގައި ވެރިކަން ކުރައްވާފައިވާ ބޭބޭފުޅުށް ކީއްވެގެން ބާވައޭ މޮރިޝަސްގެ ކުރިން މި މައްސަލަ ހުށަހަޅައިގެން އެތަން ހޯދަން މަސައްކަތް ނުކުރީ،"

އެހިސާބުން މެމްބަރު އިކްރާމްގެ ވާހަކަ ހުއްޓުވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެކަން ކުރައްވާފައިވާ ކަމަށާއި ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ވިދާޅުވެ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅެއް މޮރިޝަސްއަށް ލިޔުއްވާފައިވާ ކަމަށެވެ.

އެއާ ގުޅިގެން ވާހަކަ ދައްކަމުން މެންބަރު އިކުރާމް އެދިވަޑައިގަތީ، އެ މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅުއްވި ކަމަށް ނަޝީދު ވިދާޅުވާ، ލިއުން ނުވަތަ އެކޯޓަށް ހުށަހެޅުއްވި މައްސަލަ ދެއްކެވުމަށެވެ.

"ރައީސް އެބަ ވިދާޅުވޭ ރައީސްގެ ވެރިކަމުގައި އެ މަސައްކަތް ކޮށްފަ އޮތް ވާހަކަ، އެހެންވީމަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ރައީސް ހުށަހެޅުއްވި މައްސަލަ އަޅުގަނޑަށް ދައްކާލަ ދެއްވާ އޭރުން އަޅުގަނޑު ގަބޫލު ކުރާނަން، އޭރަށް ނިމުނީނޫންތޯ،"

އިކުރާމްގެ ސުވާލާ ގުޅިގެން މަޖިިލިސް ރައީސް ވިދާޅުވީ، އެކަމާބެހޭ ހުރިހާ ޑޮކިއުމެންޓެއް މެންބަރު އިކުރާމްގެ ޕޯޓަލަށް ލާފައި ހުންނާނެ ކަމަށެވެ.

ނަމަވެސް އިކުރާމު ވިދާޅުވީ، އެ ޑޮކިއުމެންޓްތަކަށް ބަލާއިރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މި މައްސަލަަ ރާއްޖޭން ހުށަހަޅައިގެން ވަކާލާތު ކޮށްފައިވާ ކަމުގެ ލިއުމެއް ނެތް ކަމަށާއި އޭގައި ހުރި ލިއުންތަކުން އެކަހަލަ އެއްވެސް ކަމެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

އެހިސާބުން އިކުރާމްގެ ވާހަކައަށް ހުރަސް އެޅުއްވީ ރައީސް ނަޝީދުގެ ފެކްޝަނުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އިކުރާމަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވީ، "ބޮލި މުލަކަށް ނިސްބަތްވާ މެންބަރެއް ރާއްޖޭގެ ސަރަހައްދީ މަސްލަހަތާ ގުޅޭ ކަމެއްގައި ވާހަކަ އެދައްކަނީ، ސާފުކޮށް މައުލޫމާތު ނޭނގި ހުރެ،" ކަމަށެވެ.

ބޮންޑޭގެ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރަށް، މަޖިލިސް ރައީސް ވިދާޅުވީ، އޮޅޭ ގޮތަށް މިބާވަތުގެ ވާހަކަ ނުދެއްކެވުމަށް މުލަކު ދާއިރާގެ މެންބަރަށް ދަންނަވަން ޖެހޭ،" ކަމަށެވެ.

މަޖިލިސް ރައީސްގެ އެވާހަކައާ ގުޅިގެން އިކުރާމް ވިދާޅުވީ، "އަޅުގަނޑަށް ކީވަނީ ފުރަތަމައިނުން ރައީސް އެބަ ޖެހޭހެން ސާފުކޮށްލަން އަޅުގަނޑަކީ ކޮންދާއިރާގެ މެންބަރެއްކަން، އޮޅިވަޑަިގެންފަ އިންނެވި މިންވަރު ވިސްނަވާ، އަޅުގަނޑަކީ ދިއްގަރު ދާއިރާގެ މެންބަރު، އެކަމް ތިޔަ ވިދާޅުވީ މުލަކު ދާއިރާގެ މެންބަރޭ، ދެން ކާކަށް ކަމެއް ނޭނގޭ އޮޅުނީކީ،"