ރައްޔިތުންގެ މަޖިލީހުގައި ބޭކާރު ވާހަކަ ދައްކާނެ ވަގުތެއް ނެތް ކަމަށާއި ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން އޮތީ ކުޑަ ވަގުތުކޮޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އަލަން އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ޝާޒު ވިދާޅުވެއްޖެއެވެ.

މަޖިލިސް މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝާޒް މިއަދު ވިދާޅުވީ، "އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މިއަދަކީ އެހާ ބޮޑު ދުވަހެއް ނޫން، ހަގީގަތަކީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި މިއަދަކީ ރަން އަކުރުން ލިޔެވޭނެ ދުވަހެއް، އެއީ މީގެ ކުރިން ދުވަހަކުވެސް އެމްޑީޕީއަށް ލިބިފައިވާ ގޮނޑިއެއް ނޫން، ރައްޔިތުންތަކެއް އެމްޑީޕީއަށް ތާއީދުކޮށް، އަޅުގަނޑުމެންނަށް އިތުބާރުކުރައްވައި އަޅުގަނޑު މަޖިލީހަށް ވެއްދި ދުވަސް، އަޅުގަނޑު ހުވައި ކުރި ދުވަސް، އެއީ އަޅުގަނޑު ދެކޭގޮތުގައި ގުޅި ގުރައިދޫ މާފުށީގެ ރައްޔިތުންނަށް އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަޅުގަނޑު ހަމަ މިފުރުސަތުގައި ގުޅި ގުރައިދޫ މާފުށީގެ ރައްޔިތުންނަށް ހާއްސަކޮށް އެމްޑީޕީގެ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކަމަށެވެ.

ޝާޒް ވިދާޅުވީ، އޭނާއަށް މަޖިލީހަށް ވަދެވުނީ ކުރު މުއްދަތަކަށް ކަމަށެވެ.

ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ބޭނުންވާ ކަންތައްތަކެއް ކުރިއަށް އެބަހުރި ކަމަށާއި އެކަންތައްތައް ފުއްދުމަށް އޮތީ ކުޑަ ވަގުތުކޮޅެއް ކަމުން މަޖިލިސް ތެރޭގައި ބޭކާރު ވާހަކަ ދެއްކުމަށް ޖާގައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މަޖިލީހުގައި މިއޮތް ކުރު މުއްދަތުގައި ހަމައެކަނި ގުޅި ގުރައިދޫ މާފުށީ ދާއިރާގެ ރައްޔިތުންނަށް ލާބަ އާއި މަންފާ އާއި އެބޭފުޅުންގެ އުއްމީދުތައް ހާސިލް ކުރުމަށް، ގާނޫނުއަސާސީއާ އެއްގޮތަށް އަޅުގަނޑު ސަރުކާރަށް އެއްބާރުލުން ދޭނަން،" އޭނާ ވިދާޅުވިއެވެ.