އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓެއް މި މަހުގެ 12 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.

އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ފަރާތެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިމަހުގެ 13 ވަނަ ދުވަހު 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފައިވާ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ދޮންބައްޕައެވެ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދޮންބައްޕަ ހައްޔަރުކޮށްފައިވާ އިރު، ހޮނިހިރު ދުވަހުގެ ރޭ 11:02 ހާއިރު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކުއްޖާގެ ބޭބެ ވަނީ ރޭ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ ދިވެހި ފިރިހެނަކުވެސް ރޭ ވަނީ ހައްޔަރުކޮށްފައެވެ.