މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ރޭ ކުޅުނު ފުރަތަމަ ބުރުގެ މެޗުތަކުން މޮޅުވެ، ބީޖީ ނިއު ޖެނެރޭޝަނާއި މަސްއޮޑި ޓައިޓަންސް އަދި ކްލަބު ކާސިންޖީން ގަދަ 16 ޔަގީން ކޮށްފިއެވެ.

ރޭ މުބާރާތުގައި ޖުމުލަ ހަތް މެޗު ކުޅެފައިވާ އިރު، ފުރަތަމަ ކުޅުނު ހަތަރު މެޗުގައި ޓީސީ ފްރެޓާނެޓީ، ވީކޭ ސްޕޯޓްސްގެ އިތުރުން މަސްއޮޑި ވޯވޯ އަދި ހުޅުމާލެ ސްޕޯޓްސް ކްލަބުން ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ.

ރޭ ކުޅުނު ފަސްވަނަ މެޗު ފޯރިގަދަކޮށް ދިޔަ އިރު، ބީޖީ ނިއު ޖެނެރޭޝަންއިން ކުޑަހެންވޭރު ލަޔަންސް ބަލިކުރީ ގަދަ ހިފުމަށް ގޮސް 2-1 އިންނެވެ. މެޗުގެ ފުރަތަމަ ގޭމް ކުޑަހެންވޭރު ލަޔަންސް އިން 11-9 އިން ގެންގޮސްފައިވާ އިރު، ދެވަނަ ގޭމުގައި ބީޖީން ބޭރުން ކުޅެ 8-6 އިން ގެންދިޔައެވެ. ގަދަ ހިފުމުގެ ގުރުގައި ކުޑަހެންވޭރު ލަޔަންސްއަށް ގުރު ދިމާވުމުން، ބޭރުން ކުޅެން ނެގިއެވެ. ގަދަ ހިފުމުގެ ފުރަތަމަ ބުރުގައި ކުޑަހެންވޭރުން އެތެރެއަށް ވަން ކުޅުންތެރިޔާ ބީޖީން އެތެރެއިން ކުޅުނު ކުޅުންތެރިޔާ ހިފަހައްޓާލުމާއެކު، ބީޖީ ނިއު ޖެނެރޭޝަންއިން ގަދަ ހިފުން ގެންދިޔައީ ސީދާ ދެގޭމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ބީޖީ ނިއު ޖެނެރޭޝަންގެ ހުސައިން ރިލުވާނެވެ.

ރޭ ކުޅުނު ހަވަނަ މެޗުގައި މަސްއޮޑި ޓައިޓަންސްއިން ސީދާ ދެގޭމުން އެސްޑީޒެޑް ޖޫނިއާސް ބަލިކުރި އިރު، އެޓީމުން މޮޅަށް ކުޅެ، ގޭމުތައް ގެންދިޔައީ 20-2 އަދި 6-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އަބްދުﷲ ހުމައިދެވެ.

ރޭގެ ފަހު މެޗުގައި ކްލަބު ކާސިންޖީން ގަދަ 16 ޔަގީންކުރީ ސީދާ ދެ ގޭމުން އީސްޓް ކޯސްޓް ބަލިކޮށްގެންނެވެ. އެ މެޗުގެ ގޭމުތައް ކާސިންޖީން ގެންދިޔައީ 6-7 އަދި 15-1 އިންނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކާސިންޖީގެ މުހައްމަދު ސުޖާއެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

ނޮކްއައުޓް އުސޫލުން ފޯރިގަދަކޮށް މުބާރާތް ކުރިއަށްދާ އިރު، މިރޭ އޮންނާނީ ފުރަތަމަ ބުރުގެ ބާކީ މެޗުތަކާއި ގަދަ 16 ގެ ފުރަތަމަ މެޗުތަކެވެ. މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މެޗު 15: ހުޅުމާލެ ޔުނައިޓެޑް - ލޮރެންޒޯ ސްޕޯޓްސް (21:00)

މެޗު 9: ޔުނައިޓެޑް އީސްޓް ކޯސްޓް - ހައްހާ ވީކޭ (21:30)

މެޗު 10: ޓީސީ ސްޕޯޓްސް - ދަ ވަން ސްޕޯޓްސް (22:00)

މެޗު 11: އެމްސީ ސްޕޯޓްސް - ޓީސީ ކްލަސިކް (22:30)

ގަދަ 16 ގެ މެޗުތައް:

ކްލަބު އެސްޑީޒެޑް - ބްރަދަހޫޑް ސްޕޯޓްސް ކްލަބު (23:00)

ކްލަބު ޓީނޭޖު - މަސްއޮޑި ވޯވޯ (23:30)