މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ރޭ ކުޅުނު ފުރަތަމަ ބުރުގެ މެޗުތައް ކާމިޔާބުކޮށް، ޓީސީ ފްރެޓާނިޓީ އާއި ވީކޭ ސްޕޯޓްސް، މަސްއޮޑި ވޯވޯ އަދި ހުޅުމާލެ ސްޕޯޓްސް ކްލަބުވެސް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ރޭ މުބާރާތުގައި ޖުމުލަ ހަތް މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ޓީސީން ކުޑަހެންވޭރު ސްޓްރީޓް ބަލިކުރީ ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމް ޓީސީން ބޭރުން ކުޅެ، 7-6 އިން ނެގި އިރު، އެތެރޭން ކުޅެ ދެވަނަ ގޭމް ގެންދިޔައީ 15-8 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޓީސީގެ އިސްމާއީލް ފަޔާޒެވެ.
ދެވަނަ މެޗުގައި ވީކޭ ސްޕޯޓްސް އިން ވަނީ ސީދާ ދެ ގޭމުން އީގަލްސް ޕީކޭ ބަލިކޮށްފައެވެ. ވީކޭއިން ގޭމްތައް ގެންދިޔައީ 5-6 އަދި 2-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވީކޭގެ މުހައްމަދު ނަޒީފް ހަނީފެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ފޯރިގަދަކޮށް ރޭގެ މެޗުތައްވެސް ކުރިއަށް ގޮސްފައިވާ އިރު، މަސްއޮޑި ވޯވޯއިން ގަދަ 16 ޔަގީންކުރީ ސީދާ ދެ ގޭމުން ކްލަބު ވޯންޓެޑް ބަލިކޮށްގެންނެވެ. މަސްއޮޑި ވޯވޯއިން މޮޅަށް ކުޅެ ގޭމުތައް ގެންދިޔަ އިރު، އެތެރެއިން ކުޅުނު ގޭމް ގެންދިޔައީ 17-3 އިނެވެ. އަދި ބޭރުން ކުޅުނު ގޭމު 5-5 އިން ޔަގީން ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މަސްއޮޑި ވޯވޯގެ އަހުމަދު ވިޝާހެވެ.
ހުޅުމާލެ ސްޕޯޓްސް ކްލަބުންވެސް ވަރުގަދަކޮށް ފަށާފައިވާ އިރު، އެޓީމުން ގަދަ 16 ޔަގީންކުރީ ޓީނޭޖު ވެޓެރަންސް ކައިރިން ފަސޭހަ މޮޅެއް ހޯދައިގެންނެވެ. އެތެރެ ގޭމް ހުޅުމާލެ ވެޓެރަންސްއިން 18-1 އިން ގެންގޮސްފައިވާ އިރު، ބޭރުން ކުޅެ އެޓީމު މޮޅުވީ 12-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހުޅުމާލޭގެ އިބްރާހީމް ނިހާނެވެ.
ރޭ މުބާރާތުގެ އިތުރު ތިން މެޗުވެސް ކުޅެފައިވާ އިރު، އަނެއް މެޗުތަކުން ގަދަ 16 ޔަގީންކުރީ ބީޖީ ނިއުޖެނެރޭޝަން އާއި މަސްއޮޑި ޓައިޓަންސް އަދި ކްލަބު ކާސިންޖީއެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މުބާރާތް ކުރިއަށްދާ އިރު، ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
ނޮކްއައުޓް އުސޫލުން ފޯރިގަދަކޮށް މުބާރާތް ކުރިއަށްދާ އިރު، މިރޭ އޮންނާނީ ފުރަތަމަ ބުރުގެ ބާކީ މެޗުތަކާއި ގަދަ 16 ގެ ފުރަތަމަ މެޗުތަކެވެ. މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.
މެޗު 15: ހުޅުމާލެ ޔުނައިޓެޑް - ލޮރެންޒޯ ސްޕޯޓްސް (21:00)
މެޗު 9: ޔުނައިޓެޑް އީސްޓް ކޯސްޓް - ހައްހާ ވީކޭ (21:30)
މެޗު 10: ޓީސީ ސްޕޯޓްސް - ދަ ވަން ސްޕޯޓްސް (22:00)
މެޗު 11: އެމްސީ ސްޕޯޓްސް - ޓީސީ ކްލަސިކް (22:30)
ގަދަ 16 ގެ މެޗުތައް:
ކްލަބު އެސްޑީޒެޑް - ބްރަދަހޫޑް ސްޕޯޓްސް ކްލަބު (23:00)
ކްލަބު ޓީނޭޖު - މަސްއޮޑި ވޯވޯ (23:30)
ބައިބަލާ
ބައިބަލާ
ބައިބަލާ
ބައިބަލާ