ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގުރީ ސެލްސިއަސް އަށް ވުރެ މަތި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު އާންމިކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަދު މެންދުރުފަހު 2:00 ގައި ހަނިމާދޫގެ ހޫނު މިން 42.0 ޑިގުރީ ސެލްސިއަސްގައި ހުރި އިރު އިއްޔެ ހަނިމާދޫގެ ހޫނު މިން ހުރީ 40.4 ޑިގްރީގައެވެ.
ހުޅުލޭއަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު 43.0 ޑިގުރީ ސެލްސިއަސްގައި ހުރި އިރު އިއްޔެ އިހުސާސް ކުރެވުނު ހޫނު މިން ހުރީ 39.3 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކައްދޫއަށް އިހުސާސް ކުރެވޭ ހޫނު މިން މިއަދު 44.3 ޑިގުރީ ސެލްސިއަސްގައި ހުރި އިރު އިއްޔެގެ މިވަގުތުގައި އިހުސާސް ކުރެވުނު ހޫނު މިން ހުރީ 40.4 ޑިގްރީ ސެލްސިއަސްގައެވެ. ކާޑެއްދޫއަށް އިހުސާސް ކުރެވޭ ހޫނު މިން މިއަދު 41.9 ޑިގުރީގައި ހުރި އިރު ލ. ގަމަށް އިހުސާސް ކުރެވޭ ހޫނު މިން ހުރީ 41.0 ޑިގްރީ ސެލްސިއަސްގައެވެ. އިއްޔެ ކާޑެއްދުއަށް އިހުސާސް ކުރެވުނު ހޫނު މިން 39.6 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ގަމަށް އިހުސާސް ކުރެވުނު ހޫނު މިން ހުރީ 39.8 ޑިގުރީ ސެލްސިއަސްގައެވެ.
މެޓް އޮފީހުން ބުނީ އޭޕްރިލް މަހަކީ އެންމެ ހޫނު ގަދަ މަސް ކަމަށާއި އެއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރަށްވާތީ ކަމަށެވެ.
ހޫނުން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަން މެޓް އޮފީހުން ވަނީ އިއްޔެ އިލްތިމާސްކޮށްފައެވެ. އޭގެ ތެރެއިން ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑު ވަގުތުތަކުގައި އެކަން ކުރުމާއި އަވީގައި އުޅޭ ވަގުތުތައް މަދުކުރުމާއި ކަރު ހިއްކާ ނަމަ، ގިނައިން ފެންބުއިން ފަދަ ކަންކަމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން ހަށިގަނޑުން ފެން މަދުވެ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެންބުއިމަށާއި ހޫނުން ރައްކާތެރިވުމަށްޓަކައި ކުޑަ ބޭނުންކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން ބުނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާނެ ކަމަށާއި ވައިގެ ހޫނުމިނަށް ވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު