ކޮންމެ ހާލަތެއްގައި ކްލަބު ވެލެންސިއާ މިވަގުތު އޮތް ނަމަވެސް އެއީ ފުޓުބޯޅައިގެ ބްރޭންޑެއް ކަމަށާއި އެ ކްލަބާ ދެކޮޅަށް ނުކުންނަ އިރު "އަންޑައެސްޓިމޭޓް" ނުކުރެވޭނެ ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.
ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ވެލެންސިއާ އާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭގައެވެ. އެ މެޗަކީ ފުރަތަމަ މުބާރާތް ފަށަން ކުޅެން އޮތް މެޗު ނަމަވެސް ދިމާވި ހާލަތެއްގެ ސަބަބުން މެޗު ފަސްކުރަން ޖެހުނީއެވެ. އެ މެޗު ފަސްކުރުމާ އެކު ގްރޫޕް އޭއިން ސެމީގެ ޓީމުތައް އަދި ޔަގީންވެފައިނުވާ އިރު، ފުރުސަތު ބޮޑުކޮށް އޮތީ ކްލަބު އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. ވެލެންސިއާއިން ފުރަތަމަ މެޗުގައި ސަސް އަތުން ބޮޑުކޮށް ބަލިވެފައި އޮތް އިރު، އީގަލްސް އޮތީ ސަސް ބަލިކޮށްފައެވެ. އެހެންކަމުން މޮޅެއް ނުލިބި އޮތް ވެލެންސިއާއަށް ސެމީ ޔަގީން ކުރެވެން އޮތީ އީގަލްސް ކައިރިން ބޮޑު މޮޅެއް ހޯދައިގެންނެވެ.
ވެލެންސިއާއިން މި ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެސިޑެންޓްސް ކަޕަށް ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ނަމަވެސް، އެޓީމު ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. މި ސީޒަނަށް ބައެއް ސީނިއާ ކުޅުންތެރިން ޓީމަށް ގެންދިޔަ ނަމަވެސް، ކުރިން ނުދެވި އޮތް މުސާރައިގެ މައްސަލަތަކުގައި ވެލެންސިއާއަށް އަލަށް ގެންދިޔަ ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެޓީމަށް ޖެހުނީ ޒުވާން ޓީމުގެ ކުޅުންތެރިން ސީނިއާ ޓީމަށް ނެރެގެން މެޗުތައް ކުޅުވާށެވެ.
"ފުރަތަމަ މެޗުގައިވެސް ތަންކޮޅަށް ބޮޑަށް ފަސޭހަކޮށްލެވުނު. އެހެންވެ އެކަމަށް ވިސްނައިގެން ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ. ވެލެންސިއާއަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައި އޮތް ނަމަވެސް، އެ ނަމަކީ ދިވެހި ފުޓުބޯޅައިގެ ބްރޭންޑެއް. އެއީ އަބަދުވެސް ދެކޭ ގޮތް. ވެލެންސިއާ އަންޑައެސްޓިމޭޓެއް ނުކުރާނެ އީގަލްސްއެއް. ވީހާވެސް އަވަހަށް ގޯލެއް ޖަހައި މެޗު ޑޮމިނޭޓް ކުރުމަށް އަބަދުވެސް ބަލާނީ،" ވެލެންސިއާއާ ގުޅޭ ގޮތުން އީގަލްސްގެ ކޯޗު ސާންތި، މިއަދު ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ބުންޏެވެ.
އީގަލްސްއިން މިފަހަރު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 4-2 އިން ސަސް ބަލިކުރި އިރު، އެ މެޗުގައި އީގަލްސްގެ ހަތަރު ގޯލު ޖެހީ ފަހަތުން އަރައެވެ. ސާންތި ބުނީ ސަސް ކައިރީ ކޮޅަށް ދެ ގޯލު ވަދެ، އުނދަގޫހާލަތަކަށް މެޗުގެ ފުރަތަމަ ހާފުގައި ދިޔައީ ފަރުވާކުޑަކުރެވުމުން ކަމަށާއި، އެ ވިސްނުން ކުޅުންތެރިންނަށް އަންނަނީ "ނެޗުރަލީ" ކަމަށެވެ. ހާއްސަކޮށް ބްރޭކްތަކަށްފަހު ކުޅުމާއި، އީދު ތެރެއަށް މެޗު އައުމަކީވެސް އެ ވިސްނުމަށް ކުޅުންތެރިން ގޮސްދާނެ ކަމެއް ކަމަށް ސަމާލުވާނެ ކަމަށް ސާންތި ބުންޏެވެ. ސާންތި ބުނީ ޕްރެސިޑެންޓްސް މިހާރު އޮތް ގޮތުން، މުބާރާތުގެ މުއްދަތު ކުރުވުމާއެކު އެންމެ މެޗަކުންވެސް މުޅި މުބާރާތުގެ އޮއިވަރަށް އަސަރުކުރާނެ ކަމަށާއި، އެންމެފަހުން ބުރު ސްޕޯޓްސް ކްލަބުން ރާއްޖޭގެ އެންމެ ވަރުގަދަ ޓީމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކުރި ކުރުން އެއީ އެކަމުގެ މިސާލެއް ކަމަށެވެ.
އެންމެފަހުން އީގަލްސް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ރިޒުވާން (ރިޒޭ) ނެރެފައި ނުވި ނަމަވެސް، އޭނާ މެޗުގެ ފަހު ހާފަށް ނުކުމެ ތަފާތު ދެއްކިއެވެ. އަނިޔާއިން ރަނގަޅުވުމުގެ "ޕްރޮސަސް" އެއްގައި މިވަގުތު ރިޒޭ މަސައްކަތް ކުރަމުންދާ އިރު، ސާންތި ބުނީ މާދަމާ ރޭގެ މެޗުގައިވެސް ރިޒޭ ކުޅެން ހުރިއްޔާ ބޭނުން ކުރާނެ ކަމަށެވެ.
"ކޮންމެވެސް ހިސާބަކުން ރިޒޭ ފެނިގެންދާނެ. ރިޒޭ ކުޅުން ހުއްޓަކާ ރިޒޭ ކައިރީގައި މަޑުކުރަން ބުނާކަށް ބޭނުމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެކެއް ދޭއް ތިނެއް ނަގާލާ އިރު ރިޒޭ ނަގާލެވޭނެ އަޅުގަނޑަށް. އޭނާ ބޯޅަ ކުޅެން ހުރިއްޔާ ފުރުސަތު ދޭނަން. ވެލެންސިއާ މެޗަށް ނުކުންނަން ހުރިއްޔާވެސް ފުރުސަތު ދޭނަން،"
އެންމެފަހުން އީގަލްސްއިން ކުޅުނު މެޗުގައި ފަހަތުން އަރައި ހަތަރު ގޯލު ޖެހުމުން ސާންތި ބުނީ "އީގަލްސްގެ އަބަދުވެސް އީގަލްސްވަންތަ ރޫހެއް އޮންނާނެ" ކަމަށާއި "އީގަލްސްއަށް ކޮންމެ އެއްޗެއްވާން ބޭނުންނުވާ ކުޅުންތެރިން،" ތަކެއް ތިބޭނެ ކަމަށެވެ.
"އީގަލްސްއަށް ވަރަށް ޅައުމުރުގައި މި ކްލަބު ތެރެއަށް އައިސް ތިބި ކުޅުންތެރިން މީގައި އެބަތިބި. ކުރިން ބުނިހެން އީގަލްސްއަށް ކޮންމެ އެއްޗެއްވާން އެ ކުޅުންތެރިން ބޭނުމެއް ނުވާނެ. ސަސްއާ ދެކޮޅަށް ކުޅުނު މެޗުވެސް އަށް މިނެޓް ތެރޭގައި ބަދަލުވެގެން ދިޔައީ. އެކަމަކުވެސް ހަނދާންކޮށްދިނިން އެކަން އަބަދަކު ނުވާނެއޭ. ތަކުރާރުކުރަން އުނދަގޫވާނޭ. ފިލާވަޅަކަށް އެކަން ބަލަން ޖެހޭ،" ސާންތި ބުންޏެވެ.
"ކުރިން އީގަލްސްގައި ކުރި މަސައްކަތް އެއޮތީ ނިމިފައި. 2012 ވަނަ އަހަރު ކުރި މަސައްކަތަކީ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދިނީ. އޭގެ ހެއްކެއް އެއީ އަޅުގަނޑުމެން ޔޫތު ޗެމްޕިއަންޝިޕް ތިން ތަށި ނެގި ނެގުން. އޭގެ އިތުރުން ދެތިން ފައިނަލް ކުޅެ، ޕްރެސިޑެންޓްސް ކަޕް ނެގީ. އެ ފޭސް ނިމިފައި އޮތް ނަމަވެސް، މަސައްކަތްތަކެއް ކުރާނަން އަނެއްކާވެސް ޒުވާން ކުޅުންތެރިންގެ ބެކަޕެއް އީގަލްސްގައި ހެދޭތޯ. ވަރަށް ރަނގަޅު 19 އަހަރުން ދަށުގެ ސްކޮޑެއް އެބައޮތް މިހާރުވެސް. އެޓީމާއެކު ކުރަމުންދާ މަސައްކަތަކީ އީގަލްސްއަށް އަނެއްކާވެސް ޓީމެއް ބިނާކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީމެއް ބިނާކޮށްގެން މާ ބޮޑަށް ފައިދާ ކުރޭ. ޒުވާން ކުޅުންތެރިން، ޅަ އުމުރު ކުޅުންތެރިން ބައްޓަން ކޮށްލަން މާ ބޮޑަށްވެސް ފަސޭހަވޭ. ދޮށީ އުމުރަށް ދިޔައީމަ، ސްޓާ ޕްލޭޔަރުން ބައްޓަން ކުރަން އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ޗެލެންޖެއް. މިހާރު ކުރިއަށް އޮތް ސީޒަނުގައި އަދި ހަމަ ޓީމެއް އޮތަސް، އަޅުގަނޑުގެ އެއްބަސްވުމުގައި އޮތް ތިން އަހަރުގައި ޒުވާން ކުޅުންތެރިން ބިނާކުރާނެ ގޮތުގެ ޕްރޮޕޯސަލްއެއް ވާނީ މިހާރުވެސް ހުށަހަޅާފައި،" ސާންތި، ކުރިން އީގަލްސްގައި ކުރި މަސައްކަތް ތަކުރާރުކުރަން ބޭނުންވާ ކަމަށް ބުނެ، އޭނާ ބުންޏެވެ.
ކުރިން ސާންތި އީގަލްސްއާ ހަވާލުވެ، އެ ކްލަބުގައި ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ބިނާކޮށް، ރާއްޖޭގެ ޓޮޕް ޑިވިޝަނުގެ ފުރަތަމަ ތަށި އެ ކްލަބަށް ހޯދައިދިނެވެ. އެފަހަރު 2011 އަހަރުން ފެށިގެން 2017 ވަނަ އަހަރަށް އީގަލްސްގެ ކޯޗުކަމުގައި ހުރި ސާންތި ޕްރެސިޑެންޓްސް ކަޕް ތަށި ހޯދީ 2015 ވަނަ އަހަރުއެވެ.
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް