އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ސިޓީގެ ތިން ގޯލުވެސް ޖެހީ އެޓީމުގެ އަލްޖީރިއާ ވިންގް، ރިޔާދު މަހްރޭޒެވެ. މަހްރޭޒްގެ ފުރަތަމަ ގޯލު، ފުރަތަމަ ހާފު ނިމެންދަނިކޮށް ޕެނަލްޓީއެއްގައި އޭނާ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ހާފަށް ނުކުމެ، 61 އަދި 66 ވަނަ މިނެޓުގައި އޭނާ ޖެހި އިތުރު ގޯލުތަކާއެކު ސިޓީން ފައިނަލް ޔަގީންކުރިއެވެ.
ސިޓީން ފައިނަލުގައި ކުޅެން ޖެހޭ ޓީމު ޔަގީންވާނީ އެފްއޭ ކަޕްގެ އަނެއް ސެމީ ފައިނަލަށް ފަހުއެވެ. އެ ސެމގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ސިޓީ ވާދަކުރާ އެފްއޭ ކަޕްގެ ފައިނަލް އޮންނާނީ ޖޫން ތިންވަނަ ދުވަހުގެ ރޭގައެވެ.
ސިޓީން އެފްއޭ ކަޕްގެ ފައިނަލަށް ތައްޔާރުވެފައިވާ އިރު، އެޓީމަށް މިހާރު އޮތީ ލީގު ހޯދުމަށްވެސް އަމިއްލަ ބާރު ލިބިފައެވެ. މިވަގުތު ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 32 މެޗުން 75 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، އަތުގައި އޮތް ދެ މެޗުން މޮޅުވެ، ސިޓީއަށް އާސެނަލް ފަހަށް ޖައްސާލުމުގެ ފުރުސަތު އެބަ އޮތެވެ. އާސެނަލަށް ލީގުގައި ބާކީ ހަ މެޗު އޮތް އިރު، އޭގެ ތެރެއިން އެއް މެޗަކީ އެ ޓީމުން ސިޓީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.
އޭގެ އިތުރުން ސިޓީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް އިރު، ތިން ތަށި ނަގާނަމަ ސިޓީއަށް ޖެހޭނީ 12 މެޗުން މޮޅުވާށެވެ. އެއީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފިނަމަ، ސިޓީން ސީޒަނުގައި ދެން ކުޅެން ޖެހޭނެ މެޗުގެ އަދަދެވެ.
"ތަށިތައް ހޯދަން ކޮންމެ އަހަރަކުވެސް ސިޓީން މަސައްކަތް ކުރަނީ. އެއީ މި ކްލަބުގެ މެންޓާލިޓީއަކީ. އެކަމަކު ތިން ތަށީގެ ވާހަކައަށް އަހަރެން ޖަވާބުދޭނީ އެފްއޭ ކަޕާއި ޕްރިމިއާ ލީގު ހޯދުމަށްފަހު. އަދި އެވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން. ވިސްނާލީމަ އެނގޭ އެއީ ވަރަށް ދުރުކަން. އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައި އެކަން ވެފައި އޮތީ ކިތައް ފަހަރުތޯ ވިސްނާލަބަލަ. އެންމެ ފަހަރަކު. އަހަރެމެންގެ ވާދަވެރި ޔުނައިޓެޑުން އެކަން ކުރީ. އެހެންވީމަ އެއީ ފަސޭހަވާނެ ކަމެއް ނޫން،" ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
މިއީ 2019 ވަނަ އަހަރަށްފަހު ސިޓީން އެފްއޭ ކަޕްގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް