(މިއީ މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު "ވަން"ގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ)
ދިވެހިރާއްޖެ އިސްލާމްވީފަހުން ދިވެހިން 896 ފިތުރު އީދު ފާހަގަކޮށްފިއެވެ. އެއީ މިއަހަރުގެ ކުޑަ އީދުވެސް ހިމަނައިގެންނެވެ. ދިވެހީންގެ ތެރޭގައި ސަގާފީގޮތުން ފިތުރު އީދު މަޝްހޫރުވެފައި އޮންނަނީ ކުޑަ އީދުގެ ގޮތުގައެވެ. ދިވެހީންގެ ބޮޑު އީދަކީ އަޟުހާ އީދެވެ. މި ދެ އީދުވެސް ކުލަގަދަކޮށް ދިވެހީން އަންނަނީ ފާހަގަކުރަމުންނެވެ. އީދު ފާހަގަކުރުމަށްޓަކައި ސަގާފީ ކުލަޖެހިފައިވާ ކުޅިވަރުތަކާވެސް އެކުގައެވެ. ޖުމްލަގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އީދު ފާހަގަކުރަނީ ދާދި އެއްގޮތަކަށެވެ. އެހެންނަމަވެސް އުތުރާއި ދެކުނުގައި އީދު ފާހަގަކުރުމަށް ހިންގޭ ސަގާފީ ހަރަކާތްތަކުގައި ހިސާބެއްގެ ފަރަގުތަކެއް ހުރެއެވެ. އެއީ ވަރަށް ކުރީއްސުރެވެސް ހުންނަ ތަފާތު ތަކެކެވެ. އިއްޔެއަކު މިއަދަކު އައިސްގެން އުޅޭ ބަދަލުތަކެއް ނޫނެވެ.
ADS BY: Dhiraagu
ބައެއް މީހުން ބުނެއެވެ. ދިވެހީން އީދު ނަމާދުކޮށް އުޅޭތާ 896 އަހަރުވީއިރު ބޮޑު ޖަމާއަތުގައި ހާމަތަންތަނުގައި އީދު ނަމާދުކުރަން ފެށީ ދާދިފަހަކުންނެވެ. ކުރީގައި އީދު ނަމާދު ކޮށް އުޅުނީ މިސްކިތްތަކުގައެވެ. ފެންނާންހުރި ހެކިތަކަށް ބަލާއިރު މިއީ ސައްހަ ބުނުމެއް ކަމަށް ނުފެނެއެވެ. އެންމެ އިހު ޒަމާނުގައިވެސް ހާމަތަންތަނުގައި ބޮޑު ޖަމާއަތް ހަދައިގެން ދިވެހީން އީދު ނަމާދުކޮށް އުޅުނުކަމުގެ ހެކި އެބަހުއްޓެވެ. ޚާއްސަކޮށް ރާއްޖޭގެ ދެކުނުގައެވެ. ބޮޑު ޖަމާއަތް ހަދައިގެން ހާމަތަންތަނުގައި އީދު ނަމާދުކުރަން ބޭނުންކުރި ސަރަހައްދުތަކަށް މިއަދުވެސް އީދާއި ގުޅޭ ނަންނަން ކިޔަމުން އާދެއެވެ. އެހެންވީމާ އެންމެ ކުރީޒަމާނުގައި އީދު ނަމާދުކޮށް އުޅުނީ މިސްކިތްތަކުގައި ނޫންކަން ދޭހަވެއެވެ. އީދު ޚުތުބާ ކިޔަން ޚަތީބު އަރައި ހުންނަ ގައު މިންބަރު ވެސް ބައެއް ރަށްރަށުގައި ފެންނާން އެބަހުއްޓެވެ.
މައިދާންތައް ދޫކޮށްލައިފައި މިސްކިތްތަކުގައި އެކަނި އީދު ނަމާދު ކުރަން ފެށީ ކޮން ދުވަސްވަރެެއްގައިކަން ސާފުވާކަށް ނެތެވެ. އެހެންނަމަވެސް މިސްކިތްތަކުގައި އީދު ނަމާދުކުރާތާ އެތައް ސަތޭކަ އަހަރު ވެއްޖެކަމަށް ގަބޫލުކުރެވެއެވެ. އެގޮތަށް ގަބޫލު ކުރެވެނީ އީދު މިސްކިތޭ ކިޔޭ މިސްކިތްތައް މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ހުންނާތީއެވެ. އީދު ނަމާދު ނުކުރާ މިސްކިތަކަށް އީދު މިސްކިތޭ ނުކިޔާނެތާއެވެ. ރާއްޖޭގައި ހުންނަ އެންމެ މަޝްހޫރު އީދު މިސްކިތަކީ މާލޭގެ ހުޅަނގު ފަރާތުގައި އެހުންނަ އީދު މިސްކިތެވެ. ފަހަކަށް އައިސް އެ މިސްކިތުގައި އީދު ނަމާދު ނުކުރިޔަސް 1948 ވަނަ އަހަރާ ހަމަޔަށް އެ މިސްކިތުގައި އީދު ނަމާދު ކުރިއެވެ. އީދު ދުވަސްދުވަހު ރަދުންނާއި ރަސްކަމުގެ ބޮޑުންވެސް ވަޑައިގަންނަވަނީ އެ މިސްކިތަށެވެ.
މާލޭގައި އީދު މިސްކިތް ބިނާކުރެވުނު ތާރީޚަކީ މާރަގަޅަށް ސާފުވެ އެނގެން އޮތް ތާރީޚެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެފެންނަ ބައްޓަމަށް ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއެކު އެ މިސްކިތް އައު ކުރެވުނު ދުވަސްވަރު ސާފެވެ. އެއީ ސުލްތާން މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ދުވަސްވަރުގައެވެ. އެރަދުން ރަސްކަން ކުރެެއްވީ މީލާދީން 1799 ވަނަ އަހަރުން ފެށިގެން 1835 ވަނަ އަހަރަށެވެ. ޖުމްލަ 36 އަހަރުގެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވިއެވެ. އެ ދައުރުގައި މާލޭ އީދު މިސްކިތުގެ އިތުރުންވެސް ރާއްޖޭގެ އެތައް ރަށެއްގައި މިސްކިތްތައް އައު ކުރެެއްވިއެވެ. މިގޮތަށް އައު ކުރެވުނު ކޮންމެ މިސްކިތެެއްވެސް ހުރީ ގާތްގަޑަކަށް އީދު މިސްކިތު ފަރުމާޔަށެވެ. މިއީ އެދުވަސްވަރަށް ޚާއްސަ ފަރުމާއެކެވެ. އެއީ ރާއްޖޭގެ މިސްކިތްތަކަށް އިންގިލާބީ ބަދަލެއް އައި ދުވަސްވަރެކެވެ.
މާލޭގައި ހުންނަ އީދު މިސްކިތް މިހާރު އެހުރިގޮތަށް އައުކުރެވުނުތާ ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އެޒަމާނަށް ބަލާއިރު އެއީ އީދު ނަމާދުކުރަން އެކަށީގެންވާ ސައިޒުގެ މިސްކިތަކަށް ވެދާނެއެވެ. އެކަމަކު މީގެ ގާތްގަޑަކަށް 75 އަހަރު ކުރިން އެ މިސްކިތުގައި އީދު ނަމާދުކުރުން ހުއްޓައިލީ އެ މިސްކިތް ކުޑަވެގެންނެވެ. މުއީނުއްދީނު އެއްވަނައިގެ ދައުރުގައި މިސްކިތް އައު ކުރެވުނުއިރު އެއަށްވުރެ ވަކި ފުރިހަމަ ރީތި މިސްކިތެއް ރާއްޖޭގައިވެސް ނެތްކަމަށް ބުނެވެއެވެ. މިސްކިތް ރީތިވެގެން ފަރިބަލާން ހުރި ހިރިލަންދޫ މީހެއްގެ ވާހަކަ ތުންތުންމަތިން ކިޔެމުން އައިސް ސަލާހުއްދީނުގެ ކުދި އަށާވީސް ވާހަކައިގެ ތެރޭގައިވެސް ލިޔުއްވައިފައިވެއެވެ. ރޯދަމަހަކަށް ހަނދު ބަލާންވެގެން އެހިސާބު އަތިރި މައްޗަށް ފޭބި ބަޔަކު އެމީހާއަށް ކުރި ފުރައްސާރަޔާއި އެކަމުގެ ބަދަލުގައި އެމީހާ ދިން މޮޅު ޖަވާބުގެ ވާހަކައެވެ.
އެ މީހާ މިސްކިތަށް ބަލާންހުރިތަން ފެނިގެން އެބަޔަކު ބުނިކަމަށްވެއެވެ. ބޭބެ ތިޔަވަރަކަށް ބަލަނީ ތިޔައިގެ ތަނެއް ހަދަން ހެއްޔެވެ. ތިޔައީ ބޭބެމެން ކަހަލަ މީހުންނާ އެކަށީގެންވާ ކަމެއް ނޫނެވެ. އޭގެ އިރުކޮޅެއް ފަހުން އެމީހުން ހަނދު ފެނޭތޯ ބަލަން ތިއްބައި އެބޭބެ އަތިރި މައްޗަށް ނުކުމެފައި ބުނިކަމަށްވެއެވެ. ތިޔަވަރުން ހޯދާން ތިޔަ އުޅެނީ ހަނދު ހެއްޔެވެ. ހަނދަށް ބަލަނީ އެކަހަލަ ހަނދެއް ހަދަން ހެއްޔެވެ. ބަލަގަ އެއީ ގަނޑުވަރު ތެރޭގައި ތެޅިބޭލިޔަކަސް ތިޔަކަހަލަ މީހުންނާ އަރަފޯދިގެންވާ ކަމެއް ނޫނެވެ. ކޮންމެއަކަސް މިއީ އީދު މިސްކިތާ ގުޅުވައިގެން ކިޔައި އުޅޭ ވާހަކައެކެވެ. ޝަހީދު އަލިރަސްގެފާނުގެ ޒަމާނުގައި މީގެ 464 އަހަރު ކުރިންވެސް ހަމަ އެތަނުގައި އީދު މިސްކިތް ހުރިކަމަށް އެނގިގެންވެއެވެ. އަލިރަސްގެފާނު ޝަހީދުވީ އެތަނާ ދާދިގާތުން މާލޭގެ ފަޅުތެރޭގައެވެ.