މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ރޭ ފަށައިފިއެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، މުބާރާތް ތަފާތު ޖޯޝެއްގައި ރޭ ފެށީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މުބާރާތުގެ މައިދާން ތަފާތު ފުރިހަމަކޮށް މިފަހަރު ތައްޔާރުކޮށްފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ.

ރޭގެ ފެށުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ ޑީއެމްޑީ އަހުމަދު ގައިސް އާއި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީގެ އިތުރުން ހުޅުމާލޭ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ރަސްމީކޮށް މުބާރާތް ފެށުމަށް ބައިބަލާ އެސޯސިއޭޝަނުގެ އިސް ފަރާތްތައްވެސް ވަނީ ރޭގެ އިވެންޓްގައި ބައިވެރިވެލައްވައިފައެވެ.

މިފަހަރުވެސް ބައިބަލާ މުބާރާތް ކުރިއަށްދަނީ ނޮކްއައުޓް އުސޫލުންނެވެ. މި ފަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމަކުން ވާދަކުރަމުންދާ އިރު، ފުރަތަމަ ބުރަށްފަހު ދެން އޮންނާނީ ގަދަ 16 ގެ ބުރެވެ. ފުރަތަމަ ބުރުގައި ދެ ބްރެކެޓެއް ފިޔަވައި ދެން ކޮންމެ ބްރެކެޓެއްގައިވެސް ހިމެނެނީ ދެ ޓީމެވެ. 34 ޓީމު ބައިވެރިވެފައިވުމުން ދެ ބްރެކެޓެއްގައި ތިން ޓީމު ހިމެނޭ އިރު، އެ ތިން ޓީމުގެ ތެރެއިން ގަދަ 16 އަށް ދާ ގޮތަށް ހަމަޖައްސާފައިވަނީ އެއް ޓީމެވެ.

އެތައް ސަޕޯޓަރުންނެއް ޖަމާވެފައިވާ އޮތް ހުޅުމާލޭ ބައިބަލާ މައިދާނުގައި ރޭ ފުރަތަމަ ފެނިގެން ދިޔައީ އެސްޑީ ޒެޑް ޖޫނިއާސް އާއި މީޓް ދަ އީގަލްސް ވާދަކުރި މެޗެވެ. އެމެޗުގެ ފުރަތަމަ ގޭމް މީޓް ދަ އީގަލްސްއިން 10-0 އިން ގެންދިޔަ ނަމަވެސް ގަދަހިފުމަކަށް ދާން ޖެހުނީ އެސްޑީޒެޑް ޖޫނިއާސްއިން ދެވަނަ ގޭމު 12-5 އިން ގެންދިޔުމުންނެވެ. ގަދަ ހިފުން 2-1 ބުރުން މޮޅުވެ މެޗު ކާމިޔާބުކޮށް، އެސްޑީޒެޑް ޖޫނިއާސް ވަނީ ގަދަ 16 ގެ އުންމީދު ބޮޑު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެސްޑީޒެޑް ޖޫނިއާސްގެ އަހުމަދު މުއާޒެވެ.

ފުރަތަމަ މެޗުން މޮޅުވި އެސްޑީޒެޑް ޖޫނިއާސްއަށް ގަދަ 16 އަށް ދެވޭނީ އިތުރު މެޗަކުން މޮޅުވެގެންނެވެ. އެއީ އެޓީމު ހިމެނޭ ބްރެކެޓްގައިވެސް ތިން ޓީމު ހިމެނޭތީއެވެ. އެޓީމުން ދެން ނުކުންނާނީ މަސްއޮޑި ޓައިޓަންސްއާ ދެކޮޅަށެވެ.

ރޭގެ ދެވަނަ މެޗުގައި ކްލަބު ކާސިންޖީން ސީދާ ދެ ގޭމުން ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށްފައިވާ އިރު، އެޓީމުން ގަދަ 16 އަށް ދިޔުމަށް އަދި އިތުރު މެޗެއް ކުޅެން ޖެހޭނެއެވެ. އެމެޗުގައި ވާދަކުރަން ޖެހޭނީ އީސްޓް ކޯސްޓާ ދެކޮޅަށެވެ. ކާސިންޖީއަށް އިތުރު މެޗެއް ކުޅެން ޖެހެނީ އެ ބްރެކެޓްގައި ތިން ޓީމު ހިމެނިފައިވާތީއެވެ. ރޭ ކްލަބު ކާސިންޖީން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކާސިންޖީގެ އަލީ ވިޖުހާނެވެ.

ރޭ ކުޅެވިގެންދިޔަ ތިންވަނަ މެޗުވެސް ގަދަ ހިފުމަކަށް ގޮސްފައިވާ އިރު، އެ މެޗުގައި ވާދަކުރީ ކްލަބު އެސްޑީޒެޑާއި ޖޭކޭ ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ގޭމް އެސްޑީޒެޑުން 6-1 އިން ގެންދިޔަ ނަމަވެސް ދެވަނަ ގޭމުގައި ޖޭކޭ ސްޕޯޓްސް ކްލަބުން ވަނީ 11-1 އިން މޮޅުވެފައެވެ. ގަދަ ހިފުމަށް ގޮސް 2-1 އިން މެޗު ގެންދިޔައީ އެސްޑީޒެޑެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ އެސްޑީޒެޑްގެ ހަސަން ސަމާހެވެ. ރޭގެ މޮޅާއެކު ކްލަބު އެސްޑީޒެޑް ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ.

އެންމެފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯވެސް ރޭ ކުޅެފައިވާ އިރު، އެޓީމުން ގަދަ 16 ޔަގީންކުރީ ފަސޭހަކަމާއެކު ސީދާ ދެ ގޭމުން ލޮރެންޒޯ ޕާކް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޭމް، އޯވަންއޯއިން ތަފާތު ދައްކާ ގެންދިޔައީ 20-0 އިންނެވެ. އަދި ދެވަނަ ގޭމް އެޓީމުން 6-5 އިން ކާމިޔާބު ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޯވަންއޯގެ ސަމީމް މަސްއޫދެވެ.

ވިއޭނާ ސްޕޯޓްސް ކްލަބުން ގަދަ 16 ޔަގީންކުރީ ދެ ގޭމުން ލޮރެންޒޯ ހޭނެސް ބަލިކޮށްގެންނެވެ. އެޓީމުން ރޭގެ މެޗުގެ ގޭމުތައް ގެންދިޔައީ 7-6 އަދި 11-5 އިންނެވެ. އެއާއެކު އެންމެފަހުގެ ރަނަރަޕް ކްލަބު ޓީނޭޖުން ރޭ ގަދަ 16 ޔަގީންކުރި އިރު، އެޓީމުން ވާދަކުރީ ކްލަބު ޓީނޭޖު ޖޫނިއާސްއާ ދެކޮޅަށެވެ. އެއް ސަރަހައްދަކަށް ނިސްބަތްވާ ދެޓީމު ރޭ ކުޅުނު މެޗު ކްލަބު ޓީނޭޖުން ގެންދިޔައީ ސީދާ ދެ ގޭމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މުހައްމަދު ލުފްޝާން (ޕަފް) އެވެ.

ރޭގެ ފަހު މެޗުވެސް ގަދަހިފުމަކަށް ގޮސްފައިވާ އިރު، އެ މެޗުގައި ވާދަކުރީ ބްރަދާހޫޑް ސްޕޯޓްސް ކްލަބާއި ބީޖީ ނެކްޓް ޖެނެރޭޝަންއެވެ. އެ މެޗުގެ ފުރަތަމަ ގޭމް ބްރަދާހޫޑުން 8-7 އިން ކާމިޔާބުކޮށްފައިވާ އުރި، ގަދަ ހިފުމަކަށް ދިޔައީ ދެވަނަ ގޭމް ބޭރުން ކުޅުނު ބީޖީ ނެކްޓް ޖެނެރޭޝަން 8-4 އިން ގެންދިޔުމުންނެވެ. ގަދަ ހިފުމުގައި 2-1 އިން މެޗު ކާމިޔާބުކޮށް ބްރަދަހޫޑުން ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ބްރަދާހޫޑްގެ ޖަޒްލާން ޖަމީލެވެ.

ފޯރިގަދަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގެ މެޗުތައް މިރޭވެސް އޮންނާނެއެވެ. މިފަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.

މެޗު 8: ކުޑަހެންވޭރު ސްޓްރީޓްސް - ޓީސީ ފްރެޓާނިޓީ (21:00)

މެޗު 9: އީގަލްސް ޕީކޭ - ވީކޭ ސްޕޯޓްސް ކްލަބު (21:30)

މެޗު 10: ކްލަބު ވޯންޓެޑް - މަސްއޮޑި ވޯވޯ (22:00)

މެޗު 11: ހުޅުމާލެ ސްޕޯޓްސް ކްލަބު - ޓީނޭޖު ވެޓެރަންސް (22:30)

މެޗު 12: ބީޖީ ނިއު ޖެނެރޭޝަން - ކުޑަހެންވޭރު ލަޔަންސް (23:00)

މެޗު 13: މަސްއޮޑި ޓައިޓަންސް - އެސްޑީޒެޑް ޖޫނިއާސް (23:30)

މެޗު 14: ކްލަބު ކާސިންޖީ - އީސްޓް ކޯސްޓް (00:00)