އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން ރޭ ކުޅުނު މެޗުގައި ސައުތުހެމްޓަން ކައިރިން އެއްވަރުވެއްޖެއެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ފުލުގައި އޮތް ސައުތުހެމްޓަން ކައިރިން އެއްވަރުވީ 3-3ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގެ ފަހު ވަގުތުކޮޅުގައި ދެ ގޯލު ޖަހައި އާސެނަލުން އެއްވަރު ކުރި ނަމަވެސް، އެ ޓީމަށް ވަނީ ލީގު ރޭހުގައި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. އާސެނަލުން އެންމެފަހުން ކުޅުނު ތިން މެޗުވެސް އެއްވަރުވެފައިވާ އިރު، އެ ޓީމު މި ވަގުތު އެއްވަނައިގައި އޮތީ 32 މެޗުން 75 ޕޮއިންޓާ އެކުގައެވެ.

ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، އަތުގައި އޮތް ދެ މެޗުން މޮޅުވެ، ސިޓީއަށް އާސެނަލް ފަހަށް ޖައްސާލުމުގެ ފުރުސަތު އެބަ އޮތެވެ. އާސެނަލަށް ލީގުގައި ބާކީ ހަ މެޗު އޮތް އިރު، އޭގެ ތެރެއިން އެއް މެޗަކީ އެ ޓީމުން ސިޓީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެހެންކަމުން އެ މެޗު ވެގެންދާނީ މި ސީޒަނުގެ ލީގު ރޭހުގައި ގޮތް ނިމިގެންދާނެ މުހިންމު މެޗަކަށެވެ. ހާއްސަކޮށް އެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، އާސެނަލުން 2004 ވަނަ އަހަރަށްފަހު ލީގަށް ކުރަމުންދާ އުންމީދު ނިމިގެންދާނީ ހިތްދަތި ގޮތަކަށެވެ.

ރޭގެ މެޗުގެ 28 ވަނަ ސިކުންތުގައި ސައުތުހެމްޓަން އިން ލީޑު ނެގިއެވެ. ކާލޯސް އަލްކަރާޒް މެޗުގައި ލީޑު ނެގީ އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އާސެނަލުން މިހާތަނަށް ސީޒަންގެ ދެ މެޗެއްގައި މިނެޓެއް ނުވަނީސް ކޮޅަށް ގޯލު ވައްދާލައިފައިވެއެވެ. ރޭގެ ކުރިން ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި 9.11 ސިކުންތުގައި އާސެނަލަށް ކޮޅަށް ގޯލު ވަދެފައިވެއެވެ. އެ ދެ ގޯލަކީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފެނިގެންދިޔަ އެންމެ އަވަސް ދެ ގޯލެވެ.

ރަނގަޅަށް މެޗު ފެށި ސައުތުހެމްޓަން އިން ލީޑު ފުޅާކުރީ މެޗުގެ 14 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ކުރިން އާސެނަލް ޖާޒީގައި ފެނުނު ތިއޯ ވޮލްކޮޓް ޖެހި ގޯލެކެވެ. ސައުތުހެމްޓަން އިން މެޗުގެ ކުރީކޮޅުގައި އާސެނަލް ހާސްކޮށްލި އިރު، ހާފު ނިމުމުގެ ކުރިން އާސެނަލަށް ދިރުމެއް ލިބުނީ 20 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީ ޖެހި ގޯލުންނެވެ.

ފޯރިގަދަ ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފަށް ނުކުމެ، ޑޫޖޭ ކަލޭޓާ-ކާ ޖެހި ގޯލުން ސައުތުހެމްޓަން އަނެއްކާވެސް ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެ ނަތީޖާ އާއެކު މެޗު ނިމެން ދަނިކޮށް، އާސެނަލުން ފަހުވަގުތު ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. މާޓެން އޮޑެގާޑު 88 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ގޯލު ޖަހައި އުންމީދު ހޯދި އިރު، 90 ވަނަ މިނެޓުގައި އެ ޓީމުން ޕޮއިންޓެއް ސަލާމަތްކުރީ ބުކަޔޯ ސަކާ ޖެހި ގޯލާއެކުގައެވެ.