ފުރަތަމަ ޑިވިޝަންގައި ގިނަ ކާމިޔާބީތަކެއް ހޯދައި، ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ޑިފެންޑަރު، އަހުމަދު އަބްދުﷲ (ލިލީ) ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު ލިލީ ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕްގައި ވިކްޓަރީއަށް ކުޅެން އެ ކްލަބާ ގުޅިފައިވާ އިރު، ލިލީގެ އިތުރުން އިއްޔެ ވަނީ ދެވަނަ ޑިވިޝަންގައި ކުޅެފައިވާ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޔަފާއުއާއި ގޯލްކީޕަރު، ވިޝާން އަބްދުލް މަޖީދުވެސް އެ ކްލަބަށް ސޮއިކޮށްފައެވެ.

ޅ. ހިންނަވަރަށް އުފަން ލިލީއަކީ ނިއު ރޭޑިއަންޓުން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. 2009 ވަނަ އަހަރުން 2015 ވަނަ އަހަރާ ހަމައަށް ލިލީ އެ ޓީމަށް ކުޅެފައިވާ އިރު، އޭނާ 2016 ވަނަ އަހަރު ކުޅުނީ ޓީސީ އަށެވެ. އޭގެ ފަހުން އަނެއްކާވެސް ލިލީ ނިއުއަށް ކުޅެފައިވާ އިރު، 2019 ވަނަ އަހަރު މާޒިޔާއަށް ބަދަލުވެ، މިދިޔަ ސީޒަންގެ ނިޔަލަށް އެ ޓީމަށް ކުޅެފައިވެއެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕްގައި ވާދަކުރަން ޓީމެއް ތައްޔާރުކުރަމުން އަންނަ ވިކްޓަރީން ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ އިރު، އެ ޓީމަށް ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އާއި އެ ކްލަބަށް ކުރިންވެސް ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު މުހައްމަދު އުމައިރު އަދި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ވެސް ގެންގޮސްފައެވެ.

އޭގެ އިތުރުންވެސް މިދިޔަ ސީޒަނުގައި ކްލަބު ވެލެންސިއާ އިން ފެނުނު ހުސެއިން ފައިސަލް (ފައިޓޯ)އާއި މިދިޔަ ސީޒަންގައި ނިއުއިން ފެނިގެންދިޔަ އިބްރާހީމް ސިނާހު (ސިނާ) އަދި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަހުމަދު ރިލްވާން (ބެން) ވެސް މިފަހަރު ފެނިގެންދާނީ ވިކްޓަރީންނެވެ.