ރޭ ޕްރެސިޑެންޓްސް ކަޕް ގްރޫޕް ބީގެ ފަހު މެޗުގައި މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުތް ބުރު ސްޕޯޓްސް އަތުން ބަލިވި ނަމަވެސް، ޕްރެޝަރެއް ނެތް ކަމަށް ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.

ރޭ މާޒިޔާ ބަލިކޮށް، ބުރުން ހޯދި މޮޅަކީ އެ ކްލަބުގެ ތާރީހުގައިވެސް ފުރަތަމަ ޑިވިޝަންގައި ހޯދި ފުރަތަމަ މޮޅެވެ. ބުރުން ސެމީ ޔަގީންކުރީ ރޭ 2-1 އިން މާޒިޔާ ބަލިކޮށްފައެވެ. ރޭގެ ނަތީޖާ އާއެކުވެސް މާޒިޔާ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ އިރު، އެ ގްރޫޕުން ކެޓީ ޓީސީ ސްޕޯޓްސް ކްލަބެވެ.

މިދިޔަ ހައެއްކަ އަހަރު ދުވަހު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު، އެންމެ ވަރުގަދަ ޓީމު މާޒިޔާ ބަލިކުރެވުން އެއީ ބުރަށް ފުރަތަމަ ޑިވިޝަންގައި ހޯދުނު ތާރީހީ ކާމިޔާބެކެވެ. މާޒިޔާއަކީ މިހާރުވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ އަދި ބިދޭސީ ކުޅުންތެރިންގެ ބޮޑެތި ޓްރާންސްފާތަކަކާ އެކު ސީޒަނަށް ނުކުމެ ކުޅެމުންދާ ޓީމެކެވެ. ހާއްސަކޮށް އެ ޓީމުން ސީޒަނަށް ނުކުތީ ކާމިޔާބު ޓްރެއިނިން ކޭމްޕެއް ސައުދީ އަރަބިއާގައިވެސް ފުރިހަމަކޮށްފައެވެ.

"މެޗުގައި ރަނގަޅު ވާން ޖެހުނު ކަންކަން ރަނގަޅު ނުވެ ދިޔަ. ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ބޭކާރުވި. ބައިކޮޅަށް ގޯލެއް ވަން. ދެވަނަ ހާފުގައިވެސް އިތުރު ގޯލެއް ވަން. ކުޅުންތެރިންނަށް އެއްވެސް ބްލޭމެއް ނުކުރާނަން. ކޯޗު ޒިންމާ ނަގާނީ. އަހަރެންގެ މިސްޓޭކްތަކުން މޮޅު ނުވެވޭނީ. މި މެޗުން އަހަރެންނަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްވެސް އެނގުނު ކަމަށް ދެކެން،" ރޭގެ މެޗަށްފަހު އިވާން ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގެ ފަހު ހާފުގައި ކުޅުމުން ބޭރުގައި ވަގުތުތަކެއް ގެއްލިގެންދިޔަ ނަމަވެސް، އެކަމަށް މާބޮޑަށް ވާހަކަދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ރޭގެ ނަތީޖާ އާއެކު ޓީމަށް ގެންނަންޖެހޭ ބަދަލުތަކަށް ކުރިއަށް އޮތްތަނުގައި ވިސްނާނެ ކަމަށްވެސް ކުރިން އިންޑޮނޭޝިއާ ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން އިވާން ބުންޏެވެ.

މާޒިޔާގެ ކޯޗުކަމުގައި ބައްޔަކާ ކުރިމަތިވެ، ނަތީޖާ އިތުރަށް ނުނެރެވޭ ނަމަ، މަގާމުގައި ދެމިހުރެވޭނެ ކަމަށް އުންމީދުކުރާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރޭ އިވާން ބުނީ "ވަކިކުރުމާއި ބެހެއްޓުމަކީ މެނޭޖުމަންޓުގެ ކަމެއް،" ކަމަށާއި "ނަތީޖާ ނުނެރެވޭނަމަ ދާން ޖެހިލުން ނުވާ،" ކަމަށެވެ. ނަމަވެސް މާޒިޔާގެ ކޯޗުކަމުގެ މަސައްކަތުގައި ކުރިއަށްދާން ތައްޔާރަށް ހުރި ކަމަށާއި ކުރަމުން ގެންދަނީ ރަނގަޅު މަސައްކަތެއް ކަމަށް އަމިއްލަ ނަފުސަށް ގަބޫލުކުރެވޭ ކަމަށް ބުންޏެވެ.

ބައްޔަކާ އެކު ސެމީއަށް ނުކުންނަން ޖެހުމުން ޕްރެޝަރު ބޮޑުވެއްޖެތޯ ސުވާލުކުރުމުން ކޯޗު އިވާން ދިނީ ކުރު ޖަވާބެކެވެ. އެއީ "ނޯ" އެވެ. އޭނާ ބުނީ މާޒިޔާ މެނޭޖުމަންޓުން ހުރިހާ ކަމެއްވެސް ފުރިހަމަކޮށްދެމުންދާ ކަމަށާއި މާޒިޔާގައިވުމުން ނަތީޖާ ނެރެންޖެހޭކަން އެނގުނަސް، އެހާ ބޮޑަށް އެކަމުގެ ޕްރެޝަރެއް މެނޭޖުމަންޓުން ނުކުރާ ކަމަށެވެ.