ޓްރާންސްފާ ޑީލްތަކުގައި މަކަރު ހެދި ކަމަށް ބުނެ، ޔުވެންޓަސް އަތުން އަތުލި 15 ޕޮއިންޓް، ކޯޓު އެންގުމާ އެކު އެ ޓީމަށް އަލުން ދީފިއެވެ.
އިޓަލީ ފުޓްބޯޅަ އިދާރާއިން މި އަހަރުގެ ކުރީކޮޅު، ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކޮށް އަދަބު ދިނީ، ޓްރާންސްފާތަކުގެ ހިސާބުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެއެވެ. އޭރު ސެރެއާ އޭއިން ބުނީ ޔުވެންޓަސް އިން މާލީ ގޮތުން މަކަރުތަކެއް ހަދާފައިވާ ކަމަށާއި އެކަން ނޫސްތަކަށް ހާމަކުރާނެ ކަމަށެވެ.
އެ މައްސަލައިގައި ސެރެއާ އޭގެ ނިންމުން ޔުވެންޓަސް އިން އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޯޓުގައި އިސްތިއުނާފުކޮށް ވަނީ ކާމިޔާބު ކޮށްފައެވެ. ކޯޓުން އިއްޔެ އަންގާފައިވަނީ މައްސަަލައިގެ އަޑުއެހުންތައް ފަށައިގެން ނިމުމަކާ ހަމައަށް ދިއުމަށް ދާންދެން، ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފައި ނުބޭއްވޭނެ ކަމަށެވެ.
ކޯޓުގެ އެންގުމާ އެއްގޮތަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްއަށް 15 ޕޮއިންޓް އިތުރުކުރުމާ އެކު ލީގުގެ ހަތް ވަނައިގައި އޮތް ޔުވެންޓަސް ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލައިފައެވެ. ޖެނުއަރީ މަހު ދިން އަދަބާ އެކު، ޔުވެންޓަސް ވެއްޓުނީ ލީގުގެ 10 ވަނަ އަށެވެ.
ޔުވެންޓަސްގެ އިސްތިއުނާފު ކާމިޔާބުވި ނަމަވެސް، އެ ޓީމަށް އަދިވެސް އޮތީ އެތައް އެޑްމިނިސްޓްރޭޓިވް މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ހާލަތެއްގައެވެ. އިޓަލީގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު ކްލަބު ޔުވެންޓަސްގެ މުޅި ބޯޑު، އެ ކްލަބުގެ ޗެއާމަން އަގްނޭލީ އާއެކު މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު ވަނީ އިސްތިއުފާ ދީފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ކްލަބުގެ ބޯޑު އިސްތިއުފާ ދިނީ ރެކޯޑު ގެއްލުމެއް މިދިޔަ ސީޒަނުގައި އެ ކްލަބަށް ވުމާއެކުގައެވެ. އަދި އޭގެ އިތުރުން އިސްތިއުފާ ދިނުމުގެ ފަހަތުގައި އިޓަލީ ފުޓްބޯޅަ އިދާރާއިން ބަލަމުންދިޔަ މައްސަލަވެސް ހިމެނެއެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ޔުވެންޓަސް އިން ބުނެފައި ވަނީ ޓްރާންސްފާތަކުގެ ފައިސާގެ މައްސަލަތަކެއްގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަކަށް އެއްބާރުލުން ދޭން ކްލަބުން ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގުތައް ހިނގަމުން ދަނީ ކުޅުންތެރިންގެ އިމޭޖް ރައިޓް ފަދަ ކަންކަމުގެ ރެޖިސްޓްރޭޝަންތަކުގައި ބޮޑެތި ފައިސާގެ އިހުމާލުތަކެއް ހިންގާފައިވާތީ ކަމަށް އޭރު މީޑީއާތައް ބުންޏެވެ.
މައްސަލަތަކުގައި ޔުވެންޓަސްގެ ކުރީގެ ލީޑަޝިޕަށްވެސް ޖެނުއަރީ މަހު ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. ޔުވެންޓަސްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީއާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑް ކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ 30 މަހަށް ސަސްޕެންޑް ކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް ޕަވެލް ނެޑްވެޑަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެއެވެ.
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް