ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީ ދަށްކުރުމަށް ބާރު އަޅައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަދައްކަވަމުންދާ ކަމަށްބުނެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ތުހުމަތުތައް ބަލައިދިނުމަށް އެދި ރޮޒެއިނާ ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
އިންތި ވެސް ވަނީ ރޮޒެއިނާ އަދި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމުގެ މައްސަލައެއް ބަލައިދިނުމަށް އެދި މިއަދު ފުލުހަށް ހުށަހަޅުއްވައިފައެވެ. އެ މައްސަލައިގައި އިންތި ވިދާޅުވީ ނަޝީދަށް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހިފައިވުމުން އެކަމާ ދެކޮޅަށް އަދި އެކަން ހުއްޓުވުމަށް ބާރު އަޅައި، ސަރުކާރާ ގުޅުން އޮންނަ ނުފޫޒުގަދަ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ފަހަކަށް އައިސް ވާހަކަދައްކަވަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދަކީ ބޮމުގެ ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، އެ ހަމަލާއަށްފަހުވެސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ގާނޫނުން ލާޒިމުކޮށްފައިވާ އިރު، ސަރުކާރާ ގާތް ގުޅުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު ޝަހީމާއި މިނިވަން މުއައްސަސާތަކުގެ މުގައްރިރު ރޮޒައިނާ ފަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނަޝީދުގެ ސެކިއުރިޓީ ދަށްކުރަން ވާހަކަދެއްކެވުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ނަޝީދާ މިދުވަސްވަރު ހިޔާލު ތަފާތުވެފައިވުމުން އެއީ ޖިސްމާނީ ގޮތުން ނަޝީދަށް އަނިޔާއެއް ދިނުމަށް ބޭނުންވުން ނޫން ކަމަށެވެ.
"އިމްތިޔާޒް ފަހުމީ ތުހުމަތުކުރައްވާ ފަދައިން ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ނުޖެހޭނެ ކަމަށްވެސް އަދި ދިނުން ހުއްޓާލާކަށްވެސް އަދި ދޭގޮތަށް ބަދަލެއް ގެންނާކަށްވެސް އަޅުގަނޑު ވަކާލާތުކޮށްފައެއް ނުވާނެ،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ އިލްޒާމު އޭނާގެ ބޮލުގައި އިންތި އެޅުއްވުމަކީ ވަރަށް ފިނޑި ނާތަހުޒީބީ އަމަލެއް ކަމަށެވެ. އެހާ ނުރައްކާތެރި ތުހުމަތެއް ހެއްކެއް ނެތި އޭނާގެ ބޮލުގައި އެޅުވުމުގެ ސަބަބުން ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
"އެހެނީ ރައީސް ނަޝީދު ފަދަ ކަލްޓް ލީޑަރެއް މަރާލަން އަޅުގަނޑު އުޅޭކަމުގެ ތުހުމަތުކުރުމުން، އެކަމާ ކަންބޮޑުވެގެން ރައީސް ނަޝީދަށް ތާއިދުކުރާ ބަޔަކު އަޅުގަނޑަށް ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ..،" ރޮޒެއިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީީ މީގެ ކުރިންވެސް އެފަދަ ކަންތައް އެގޮތަށް ހިނގާފައިވާ ކަމަށާއި އިންތި ވަނީ މީގެ ކުރިންވެސް ޝަހީމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ކަމަށްވުމުން ޝަހީމަށް ވަނީ ފުރާނައަށް ނުރައްކާވާ ހާލަތްތަކާ ކުރިމަތިލާން ޖެހިވަޑައިގެންފައި ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ތުހުމަތު ހެއްކަކާ ނުލައި އިންތި އޭނާއަށް ކުރެއްވުމުން އެ މައްސަލަ ބަލައިދިނުމަށް ރޮޒެއިނާ ވަނީ ފުލުހުގައި އެދިފައެވެ. އަދި އެކަމުގައި ޖިނާއީ ކަމެއް ހިމެނޭނަމަ އެކަމަށް ދައުވާކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.
ރޮޒެއިނާ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އެއިރުވެސް އަދި މިހާރުވެސް ކުށްވެރިކުރާ ކަމަށެވެ. ސިޔާސީ ހިޔާލު ތަފާތުވުން ހުރުމަކީ އެއްވެސް މީހާކާ ދޭތެރޭގައި ޒާތީ ނުވަތަ އަނިޔާވެރިވާންޖެހޭ ސަބަބެއް ނޫން ކަމަށާއި އޭނާއަކީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅު މީހެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު