މިއަދަކީ މި ރޯދަ މަހުގެ ފަހު ރޯދަ ކަމަށާއި ފިތުރު އީދަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދުގެ އިރުއޮއްސޭ ވަގުތު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށާއި އަދި އިސްލާމީ ހުރިހާ ގައުމަކަށްވެސް 1444 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދި ބައެއް އިސްލާމީ ގައުމުތަކަށް މިއަދ އިރު އޮއްސުމަށްފަހުގައި 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

''...ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމަ، މީލާދީ ސަނަތުން 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވާ ހުކުރު ދުވަހަކީ 1444 ވަނަ އަހަރުގެ ފިތުރު އީދުކަމުގައި ކަނޑައަޅައިފީމެވެ." މިނިސްޓަރު ވިދާޅުވި އެވެ.