ރާއްޖޭގެ ފުޓުބޯޅަ "ޑޮމިނޭޓްކޮށް،" ފުލުފުލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ކާމިޔާބުކުރަމުން ދިޔަ ނަމަވެސް، އެ ވިސްނުމުން ބޭރަށް، އޭއެފްސީ ކަޕަށް ވަރަށް ބޮޑަށް ޓީމުން ވިސްނަން ޖެހޭ ކަމަށް ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.
މިދިޔަ ފަސް ވަރަކަށް އަހަރު ރާއްޖޭގެ ފުޓުބޯޅަ ޑޮމިނޭޓްކޮށް، މާޒިޔާއިން ވަނީ މިދިޔަ އަހަރުވެސް ލީގު ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލައިފައެވެ. އޭގެ އިތުރުން އެފްއޭ ކަޕްވެސް މިދިޔަ ސީޒަނުގައި މާޒިޔާއިން ކާމިޔާބުކުރި ނަމަވެސް، އޭއެފްސީ ކަޕްގައި އަދިވެސް ރަނގަޅު ކާމިޔަބީއަކާ ހަމައަށް ދެވޭނެ ގޮތެއް އޮތީ ނުވެފައެވެ. މިދިޔަ އަހަރު މާޒިޔާއިން ހަތްވަނަ އަހަރަކު އޭއެފްސީ ކަޕަށް ނުކުތް ނަމަވެސް، އެ ސީޒަންވެސް ދިޔައީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. އެޓީމަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދިފައިވަނީ 2017 ވަނަ އަހަރުގެ މުބާރާތުގައެވެ. އެފަހަރު މާޒިޔާ އިން ވަނީ ގްރޫޕުގެ ދެވަނަ ހޯދައިފައެވެ. ނަމަވެސް މުބާރާތުގެ ފޯމެޓު އޮންނަ ގޮތުން އިންޓަ ޒޯން ޕްލޭ އޮފް ސެމީ ފައިނަލަށް ދަނީ ހަމައެކަނި ގްރޫޕުގެ އެއްވަނަ ހޯދާ ޓީމެވެ.
މި ސީޒަނަށް މާޒިޔާއާ ހަވާލުވި، އޭޝިއާ ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗު އިވާން، ޕްރެސިޑެންޓްސް ކަޕްގެ ދެވަނަ މެޗަށް ނުކުތުމުގެ ކުރިން ޕްރީ މެޗު ޕްރެސްގައި އަންގާރަ ދުވަހު ވާހަކަ ދައްކަމުން ބުނީ، މާޒިޔާގެ ވިސްނުން އޭއެފްސީ ކަޕަށް ބަހައްޓަން ޖެހޭ ކަމަށާއި ލޯކަލް މެޗުތަކުގައި ފޯކަސް ގެއްލުވާނުލައި، ކުޅެގެން ނޫނީ އެކަމަށް މަސައްކަތް ކުރަން އުނދަގޫ ވާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅަ ހާލަތުން، މާޒިޔާގެ ވިސްނުން އޭއެފްސީ ކަޕަށް ބަހައްޓަން ކޯޗެއްގެ ހައިސިއްޔަތުން މުހިއްމު ކަންތައްތަކަށް ފޯކަސް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ދިވެހި ފުޓުބޯޅައިގެ ސްޓެޓަސްކޯއަކީ މިހާރު ކޮބާ؟ މިދިޔަ ފަސް ހައަހަރު، މާޒިޔާ ދަނީ ފުލުފުލުގައި ލީގު ނަގަމުން. އެހެން ތަށި ނަގާފައި އޭޝިއާއަށް މި ނުކުންނަނީ، އެހިސާބުން މާޒިޔާއަށް ވަނީ ކިހިނެތް؟ ފެއިލްތަ ނޫނީ ކާމިޔާބުތަ؟ އެކަމަށް އަހަރެން މާޒިޔާ ކޯޗެއްގެ ހައިސިއްޔަތުން ވިސްނަން ޖެހޭ. އޭއެފްސީއަށް ދާން މިއަށްވުރެ ބޮޑަށް ވިސްނަން ޖެހޭ. މިއަށްވުރެ އުހަށް ވިސްނަން ޖެހޭ. މުޅިން ތަފާތު ކްރައިޓީރިއާއަކަށް ވިސްނަން ޖެހޭ. އޭއެފްސީއަށް ދާން ވިސްނަން ޖެހޭ ވިސްނުން ކުޅުންތެރިންނަށް އުނދަގޫވޭ (ފުޓުބޯޅަ އޮންނަ ހާލަތުން). މެޗު މުހިއްމުވާނެ، ކޮންމެ މެޗެއްވެސް މުހިއްމުވާނެ. އެހެންވެ އަހަރެން މިބުނަނީ ކުޅުންތެރިން ކައިރީ، އޭއެފްސީއާ ހަމައަށް ދާންވެސް މި ލޯކަލް މެޗުތައް ވަރަށް މުހިއްމުވާނޭ. މިއީ އަވަސްކޮށް ސިކުނޑިއަށް ނަގައިގަނެވޭނެ ކަންކަމެއްވެސް ނޫން. ކުޅުންތެރިން ކުރިއަށްދާން، މޮޅުވާން މަސައްކަތް ކުރަން ޖެހޭ އަބަދުވެސް،" ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި އިވާން ބުންޏެވެ.
މާޒިޔާއިން މިރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ޕްރެސިޑެންޓްސް ކަޕް ގްރޫޕް ބީގައި ނުކުންނަ އިރު، އެޓީމު އޮތީ ފުރަތަމަ މެޗުގައި ޓީސީ ބަލިކޮށްފައެވެ. އެހެންކަމުން މިރޭގެ މެޗުން ޕޮއިންޓަކާއެކުވެސް މާޒިޔާއަށް ގްރޫޕުގެ އެއްވަނައިގައި ސެމީ ޔަގީން ކުރެވޭނެއެވެ. މާޒިޔާއިން މިރޭގެ މެޗާ ހަމައަށް ދާ އިރު، އެޓީމުން މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފަހު ހާފުގެ ކުޅުން އެންމެ ރަނގަޅު ނޫން ކަމަށް ކޯޗު އިވާން ފާހަގަކޮށްފައިވާ އިރު، އަންގާރަ ދުވަހުގެ ޕްރެސްގައިވެސް އޭނާ ވަނީ ޓީސީ މެޗުގެ ހާލަތަށްވެސް ވާހަކަ ދައްކައިފައެވެ.
"އަހަރެމެން ކުރިން ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ ހާފުގައި މޮޅަށް ކުޅެ، ދެވަނަ ހާފުގައި ދަށްވާ ވާހަކަ ދައްކަން މިޖެހެނީ. ފުރަތަމަ މެޗުގައި (ޗެރިޓީ މެޗު) ގައި އީގަލްސްއާ ދެކޮޅަށް ދެވަނަ ހާފުގައި ގޭމް ގެއްލުނު. އެކަމަކު ދެން ކުޅުނު ޓީސީ މެޗުގައިވީ މުޅިން ތަފާތު ގޮތަކަށް. އެމެޗުގެ ދެވަނަ ހާފުގައި ކުޅެން ލިބުނީ އެންމެ 15 މިނެޓު. އެޓީމުން ގަޑި ބޭކާރު ކުރަން 30 އަކަށް މިނެޓް ދިޔަ. އެއީ އުކުޅެއް. އެކަމަށް އިހުތިރާމުވެސް ކުރާނަން. އެއީ އެމީހުން ބޭނުންކުރާ ޓެކްޓިކްސްއެއް. އެހެންވީމަ ދެވަނަ ހާފުތަކަށް ވާހަކަ ދައްކަން އުނދަގޫ،" އިވާން ބުންޏެވެ.
ކުރިން އޭޝިއާގެ ޓީމުތަކާއެކު އޭއެފްސީ ކަޕަށްވެސް ނުކުމެފައިވާ އިވާން ބުނީ ކޮންމެ މެޗެއްވެސް ކޮންޓްރޯލްކޮށް ކުޅުމަކީ މާޒިޔާއަށް މުހިއްމު ކަމެއް ކަމަށާއި ޓީމުގެ ފެންވަރު މެޗުތެރޭގައި ގިނައިރު ހިފަހައްޓަން ކުރާ މަސައްކަތުގައި ބުރު މެޗު މުހިއްމުވާނެ ކަމަށެވެ. ގޯލު ޖެހުމުގެ އިތުރުން ކުޅުން އިތުރަށް ރަނގަޅުކުރުވަންވެސް މިރޭގެ މެޗު މުހިއްމުވާނެ ކަމަށް ތަޖުރިބާކާރު ކޯޗު އިވާން ބުންޏެވެ.
އޭނާ އިތުރަށް ބުނީ މާޒިޔާއިން ގިނަ ގޯލުތަކެއް ޖަހަން ގިނަ ބަޔަކު އުންމީދުކުރާ ނަމަވެސް، "އަވަސް ކޮމްބިނޭޝަން ކުޅުންތަކާއެކު، ރީތި ފުޓުބޯޅައެއް ޓީމަށް ގެނެސް،" ގިނަ ގޯލުތަކެއް ޖެހުން އެއީ ގިނަ ދުވަސްތަކަކުން ވަރަށް އުނދަގޫ މަސައްކަތްތަކެއް ކޮށްގެން ވާނެ ކަމެއް ކަމަށެވެ. ޓީމު ތައްޔާރުވަމުން ދާ ވަރަކަށް ކޮމްބިނޭޝަން ރަނގަޅުވެ، ތަފާތު ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު