ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު، ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުވެސް ބަލިކުރެވިދާނެ ކަމަށާއި އެކަމަށް ބޭނުންވަނީ ހިތްވަރާއި ވިސްނުންތެރިކަން ކަމަށް ބުރު ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ބުރު ސްޕޯޓްސް ކްލަބުން މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުމެ، ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ކައިރިން އޮތީ 1-0 އިން ބަލިވެފައެވެ. މިރޭ މާޒިޔާއާ ދެކޮޅަށް އެޓީމުން ނުކުންނާނީ މޮޅުވުން މަޖުބޫރު މެޗަކަށެވެ. އެޓީމުން މިރޭ މާޒިޔާ ކައިރިން މޮޅުވެގެން ނޫނީ ސެމީއަށް ދެވޭނެ ޖާގައެއް ނޯންނާނެއެވެ.

"ފުރަތަމަ މެޗުން މިއޮތީ ބަލިވެފައި. މިއީ މުބާރާތުގައި ކުރިއަށްދާން ލިބޭނެ ހަމައެކަނި ފުރުސަތު. އެހެންވީމަ އެ ފުރުސަތު ރަނގަޅަށް ބޭނުންކުރަން މަސައްކަތް ކުރާނީ. ޕްރެޝަރު މެޗުގެ ކުރިން ނަގަން ފަށައިފިއްޔާ މެޗުގައި އަންނާނެ ޕްރެޝަރު ބޮޑުވެދާނެ. ގަބޫލުކުރަނީ މިއީ ޕްރެޝަރަށް ނުވިސްނާ، ވިސްނުންތެރިކަމާއެކު ނުކުންނަން ޖެހޭ މެޗެއް،" މެޗާ ގުޅިގެން ގައުމީ ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އަންގާރަ ދުވަހު ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މާޒިޔާ އޮތީ އެޓީމުގެ އެންމެ "ބެސްޓް ލެވެލް" ގައި ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުން ގަބޫލުނުކުރާ ކަމަށާއި ނަތީޖާ ނެރެމުންދާނަމަ އެ ފެންނަނީ ޓީމުގެ ފެންވަރުގައި ކުޅޭތަން ކަމަށެވެ.

"މާޒިޔާއިން ކޮންމެ މެޗަކުން ނަތީޖާ ނެރެމުން އެދަނީ. އެހެންވީމަ ގަބޫލުކުރާ ހިތް އޮތީ، އެޓީމު ކުޅެމުން ދަނީ ރަނގަޅު ސްޓްރެންތުގައޭ. އަހަރެން ގަބޫލުކުރަނީ ނަތީޖާ ނެރުމަކީ ފުޓުބޯޅައިގައި ސްޓްރެންތު ކަމަށް. އިދިކޮޅު ޓީމުގައި ހުރި ސްޓްރެންތާއި ވީކްނެސް ބަލައިގެން ނުކުންނާނީ. އެންމެ ފުރަތަމަ ކަމަކަށް ބުރުން ކުރަން ޖެހޭ ކަމަކީ މާޒިޔާގެ ސްޓްރެންތަށް ފޯކަސް ކުރުން. އެއަށްފަހު ހަމަ މާޒިޔާގައިވެސް ހުރި ވީކްނެސްތަކަށް ބަލައިގެން އެކަމަށް ނުކުންނާނީ. މާޒިޔާގައިވެސް އެބަހުރި ވީކްނަސްތަނެއް،" މިދިޔަ ސީޒަނުގައި މާޒިޔާ ކޯޗަކަށްވެސް ފެނުނު، ކުރިން ޓީސީއާއެކު ލީގު ނެގި ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އަތުގައި އޮތް ސްކޮޑުގެ ތަމްރީނުތަކަށް އަދި އެކަށީގެންވާ ވަގުތު ނުލިބި އޮތުމުން، އެންމެ ފުރިހަމައަށް ބޭނުންވާ "ގޭމް" ކުޅުވަން އުނދަގޫތަކެއް ދިމާވާނެ ކަމަށާއި ޓީމު އެންމެ ފުރިހަމައަށް ބައްޓަން ވެގެން ނުކުމެވޭނީ ލީގުގައި އަންނަ ބްރޭކާ ހިސާބުން ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން މާޒިޔާގައި ބިދޭސީ ކުޅުންތެރިން މިހާރުވެސް ސްކޮޑުގައި ތިބި ތިބުމަށް ނިޒާމްބެ ވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ބިދޭސީ ކުޅުންތެރިންގެ ތެރެއިން މި ފަހަކަށް އައިސް ތަފާތު ބޮޑުކޮށް ފެނުނީ މާޒިޔާގައި މިދިޔަ އަހަރު ކުޅުނު ކުޅުންތެރިއެއްގެ އިތުރުން ވެލެންސިއާއިން ފެނުނު ތަފާތު ކުޅުންތެރިއެއް އެކަނި ކަމަށާއި މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންގެ ތަފާތު މިނެކިރާލަން އަދި ނޭނގޭ ކަމަށެވެ. ހާއްސަކޮށް އޭނާ ބުނީ ބިދޭސީ ކުޅުންތެރިން ތިބުން އެއީ ތަފާތަކަށް ވީ ނަމަވެސް، މާޒިޔާގައި ތިބި ކުޅުންތެރިންގެ ފަރާތުން އަދި އެހާ ބޮޑު ތަފާތެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ނިޒާމްބެ މިރޭގެ މެޗާ ގުޅިގެން އިތުރަށް ބުނީ "އަންޑަ ޑޯގްސް" އަކީ ބުރު ނަމަވެސް، ތާރީހުގެ މެޗުތަކުން ހިތްވަރު ހޯދައި، މާޒިޔާ ބަލިކުރެވޭނެ ގޮތްތަކެއްވެސް އެބައޮތް ކަމަށެވެ.

"ބުރުން އެބަޖެހޭ މޮޅެއް ހޯދަން. އެކަމަކު މި މެޗަށްދާ އިރު، ހަގީގަތަށް ބުނާނަމަ އެކަކުވެސް ނުބުނާނެ މެޗުން ބުރު މޮޅުވާނެއެކޭ. އަންޑަ ޑޯގްސް ގޮތުގައި ބުރު ގުނާނީ އެންމެންވެސް. ފަސޭހަ ކަމެއް ނޫން، އެހެން ނަމަވެސް ނުވާނެވެސް ކަމެއް ނޫން. އެތަފާތު ދައްކާފައިވެސް އެބަހުރި. ލޯކަލް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ލައިގެން އޭއެފްސީ ކަޕްގެ ކުއާޓާ ކުޅުނު ޓީމުތައްވެސް އެބަހުރި އާދައިގެ ސްކޮޑުތައް ކައިރިން ބަލިވެފައި. އެހެންވީމަ އެކަން ވެދާނެކަން އޮތީ ފެނިފައި، ބޭނުންވަނީ ހިތްވަރާއި ވިސްނުންތެރިކަން. އެގޮތަށް ބައްޓަން ކޮށްގެން މި މެޗަށް ޓީމު ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާ އާއި ބުރު ވާދަކުރާ މެޗު އޮންނާނީ މިރޭ 10:00 ގައެވެ. ގްރޫޕް ބީގެ އެމެޗުން އެއްވަރުވެ، ނޫނީ މޮޅުވި ނަމަވެސް މާޒިޔާއަށް ގްރޫޕް އެއްވަނަ ޔަގީންކޮށް ސެމީއަށް ދެވޭނެއެވެ. މާޒިޔާ އޮތީ ފުރަތަމަ މެޗުގައި ޓީސީ ބަލިކޮށްފައެވެ.