ބުރު ސްޕޯޓްސް ކްލަބުން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. މިދިޔަ ސީޒަނުގެ ގަދަ ހަތަރެއްގައި ހިމެނުނު ބުރުން މިހާތަނަށް ބިސް ބުރު ސްޕޯޓްސް ކްލަބާއި ދިއްދޫއާ ދެކޮޅަށްވެސް ކުޅެފައިވާ އިރު، އެއީ މިފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދެޓީމެވެ. ދިއްދޫ ކައިރިން 1-0 އިން ބުރު ބަލިވި އިރު، ބިސް ބުރު ކައިރިން އެންމެފަހުން ބަލިވީ 2-1 އިންނެވެ. އެއީ ބިސް ބުރުން ރަތް ކާޑަކާއެކު ކުޅެމުން ގޮސް، ފަހު ވަގުތު ދެ ގޯލް ޖަހައިގެންނެވެ. ދެން ކުޅުނު މެޗުގައި އޮޑި ކައިރިން ބަލިވީ 4-1 އިންނެވެ.
"އަހަރެމެންނަށް އޮތީ މަސައްކަތް ކުރުން،" ބުރުގެ ސްޕެއިން ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ޕްރި މެޗު ޕްރެސްގައި ބުންޏެވެ. ރޮޑްރިގޭޒް ބުނީ އެންމެފަހުން ކުޅުނު މެޗުގެ 80 ވަނަ މިނެޓާ ހަމައަށް މެޗު ކޮންޓްރޯލް ކުރީ އޭނާގެ ޓީމުން ކަމަށާއި، ރަނގަޅަށް ކުޅެވެސް ބަލިވީ ކަމަށެވެ.
"ކުދިކުދި ކަންތައްތަކުން ކޮންޓްރޯލް ގެއްލުނީ. ކޯނަރަކުން ބިސް ބުރުން ގޯލް ޖެހީ އަހަރެމެންގެ އެއް ކުޅުންތެރިޔަކު ފައިބާ ހުރި ގަޑީ. ދެން އެކަމަކު އެހިސާބުންވެސް އަދި އެވީ އެއްވަރު. އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ޖެހި ގޯލެއް އެއީ. އަނެއްކާ އިތުރު ވަގުތުގައި ހަމަ ކުޑަކުޑަ ގޯހަކުން އަނެއްކާވެސް ގޯލް ޖެހީ. ކުރެވެން އޮތް ހުރިހާ ކަމެއް މޮޅެއް ހޯދަން އަހަރެމެން އެބަކުރަން. އެކަމަކު އެކަން ނުވަނީ މިއީ ފުޓުބޯޅަ ކަމަށްވީމަ،" ރޮޑްރިގޭޒް މާޔޫސްކަމުގައި އިނދެ ބުންޏެވެ
ރޮޑްރިގޭޒް ބުނީ މިދިޔަ ހުރިހާ މެޗުތަކަށް ބެލިޔަސް ފެންނާނެ މަންޒަރަކީ ފަހުކޮޅަށް ގޮސް ފޯކަސް ގެއްލޭ މަންޒަރު ކަމަށާއި، ފުރުސަތުތައް ލިބިވެސް ބޭކާރުވެގެން ދާ ދިޔުމަކީ ކޮންމެ މެޗެއްވެސް ނިމެންދާއިރު އުނދަގޫ ހާލަތަކަށް ދާ އެއް ސަބަބު ކަމަށެވެ. ރޮޑްރިގޭޒް ބުނީ 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ފަހު މިނެޓުކޮޅާ ކުރިމަތިލާން ޖެހުމަކީ އުނދަގޫވާނެ އެއް ސަބަބު ކަމަށެވެ.
އޭގެ އިތުރުން ރޮޑްރިގޭޒް ބުނީ މެޗުތަކުގެ ޓެމްޕޯއަށް ބަދަލުތަކެއް ގެންނާން ޖެހޭ ދަނޑިވަޅުގައި ތަޖުރިބާކާރު ކުޅުންތެރިޔަކު ނެތުމަކީ މެޗު ކޮންޓްރޯލް ކުރުމަށް އުނދަގޫ ވާ ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ.
"ވެދާނެ، ވެދާނެ،" ތަޖުރިބާކާރު ކުޅުންތެރިއެއް ނެތްތަން ދައްކާތޯ އެހުމުން ރޮޑްރިގޭޒް ބުންޏެވެ. އެކަމަކު އޭނާ ބުނީ އެކަން ކުރިން އެނގޭއިރު، އެކަމަށް ވިސްނައިގެން ފަރުޖައްސާލެވެން ނެތް ކަމަށެވެ.
ބުރު ސްޕޯޓްސް ކްލަބް މި ހަފުތާގައި ކުޅޭ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ގައްދޫ ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް